ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިންގުން އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯއަކަށް ހުންނެވި އައިޝަތު ނޫރައްދީންއާ ހަވާލުކޮށްފި އެވެ.
އައިޝަތު ނޫރައްދީން ބީއެމްއެލްގެ ހިންގުމާ ހަވާލުވެވަޑައިގެންނެވީ، ބޭންކުގެ ސީއީއޯއަކަށް ހުންނެވި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޓިމް ސޯޔާ އޭނާގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މިދިޔަ ޖޫން މަހު މަގާމުން ވަކިވެވަޑައިގަތުމުންނެވެ.
ބީއެމްއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަދި ބޭންކުގެ އިންޗާޖުގެ މަގާމަށް އެ ބޭންކުގައި އެންމެ ދުވަސްވީ އެއް ބޭފުޅާކަމަށްވާ އައިޝަތު ނޫރައްދީން ހަމަޖައްސާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.
މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން އައިޝަތު ނޫރައްދީން ވަނީ ބީއެމްއެލް ހިންގެވުމުގެ މަސްއޫލިއްޔަތު އުފުއްލަވައިފައެވެ. އެގޮތުން ޓިމްގެ ކުރިން ހުންނެވި ސީއީއޯ އިސްތިއުފާ ދެއްވުމަށް ފަހު 2019ގައި ސީއީއޯއަކަށް ޓިމް ހަމަޖައްސަންދެންވެސް ބީއެމްއެލް ހިންގެވީ އައިޝަތު ނޫރައްދީނެވެ.
އައިޝަތު ނޫރައްދީން ވަނީ މެދުކެނޑުމެއް ނެތިި ބީއެމްއެލްއަށް 40 އަހަރު ހިދުމަތް ކޮށްދެއްވައި ބޭންކުގެ ގިނަ މަގާމުތަކެއް ފުރުއްވައިފައެވެ.
ބީއެމްއެލްގެ ހިންގުން ވަގުތީ ގޮތުން އައިޝަތު ނޫރައްދީނާ ހަވާލުކޮށްފައިވާއިރު، އެ ބޭންކަށް އާ ސީއީއޯއެއް ހޯދުމަށް މިދިޔަ ޖޫން މަހު އެ ބޭންކުން ވަނީ އިއުލާނުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު