އޮރެންޖަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އެންމެ ގިނައިން ބޭނުންކުރެވޭ އެންމެ އާއްމު އެއްމޭވާއެވެ. އެންމެ މަގްބޫލު އެއްމޭވާވެސް މެއެވެ. ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން އޮރެންޖު ނެރެނީ ކޮން ގައުމަކުން ބާވައެވެ. އެ ގައުމަކީ ދެކުނު އެމެރިކާގެ އެންމެ ބިޔަ އަދި އާބާދީވެސް އެންމެ ބޮޑު ގައުމު ކަމަށްވާ ބްރެޒިލްއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރަކު ގާތްގަޑަކަށް 17 މިލިޔަން މެޓްރިކްޓަނުގެ އޮރެންޖު ބްރެޒިލްގައި އުފައްދައެވެ.
އޮރެންޖު އުފައްދައި އެކްސްޕޯޓްކުރާ ގައުމުތަކުގެ ތެރެއިން ސަތާރަ ގައުމެއް އަހަރެއްގެ މައްޗަށް އެއްމިލިޔަން މެޓްރިކްޓަނަށްވުރެ ގިނައިން އުފައްދައެވެ. ބްރެޒިލްގެ ފަހަތުން އެއްވަނަޔަށް ދެން ވާދަކުރަނީ ޗައިނާޔާއި އިންޑިޔާއެވެ. ޗައިނާގެ މިންވަރަކީ އަހަރަކު 10.6 މިލިޔަން މެޓްރިކްޓަނެވެ. އިންޑިޔާގެ މިންވަރަކީ އަހަރަކު 9.5 މިލިޔަން މެޓްރިކްޓަނެވެ.
ލިސްޓުގެ ހަތަރަކާއި ފަހެއް ލިބެނީ އެމެރިކާއަށާއި މެކްސިކޯއަށެވެ. މި ދެގައުމަށްވެސް އުފެއްދެނީ އަހަރަކު ގާތްގަޑަކަށް 4.6 މިލިޔަން މެޓްރިކްޓަނުގެ އޮރެންޖެވެ. ޔޫރަޕުގެ އެއްވަނަ ލިބެނީ ސްޕޭނަށެވެ. އެގައުމުގެ މިންވަރަކީ އަހަރަކު 3.3 މިލިޔަން މެޓްރިކްޓަނެވެ. އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ގައުމަކީ މިސްރެވެ. މިސްރުން އަހަރަކު 3.2 މިލިޔަން މެޓްރިކްޓަނުގެ އޮރެންޖު އުފައްދަައެވެ.
ސާކު ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑިޔާ ނަގާފައި ދެން އެންމެ ގިނައިން އޮރެންޖު އުފައްދަނީ ޕާކިސްތާނުގައެވެ. މިންވަރަކީ އަހަރަކު 1.6 މިލިޔަން މެޓްރިކްޓަނެވެ. ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އެއްވަނަ ލިބެނީ އިންޑޮނީޝިޔާއަށެވެ. އެގައުމުގެ މިންވަރަކީ އަހަރަކު 2.5 މިލިޔަން މެޓްރިކްޓަނެވެ. އިސްލާމީ ގައުމުތަކުގެ ތެރެއިން އީރާނާއި ތުރުކީޔާއި އަލްޖީރިޔާއާއި މޮރޮކޯއާއި ސީރިޔާވެސް ހިމެނެނީ އޮރެންޖު އެކްސްޕޯޓްކުރުމުގައި ފާހަގަކުރެވޭ ގައުމުތަކުގެ ތެރޭގައެވެ.