ސްރީލަންކާގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް އުތުރިއަރައި ރިޔާސީ ގަނޑުވަރަށްވެސް ވަދެގަތީމާ ގައުމު ދޫކުރައްވައި ވަޑައިގެންނެވި ރައީސް ގޮޓާބަޔާ ރާޖަޕަކްސަ މިހާތަނަށް ހުންނެވީ ސިންގަޕޫރުގައެވެ. ޖުލައި މަހު ސިންގަޕޫރަށް ވަޑައިގެންނެވި ގޮތަށް އެއްމަސްފަހުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރާޖަޕަކްސާ ވަނީ ތައިލެންޑުގެ ބެންކޮކަށް ވަޑައިގެންފައެވެ. ތައިލެންޑަކީ ސްރީލަންކާޔާއި ވަރަށް އެކުވެރި ގައުމެކެވެ. ސްރީލަންކާ ފަދައިން ބުދިސްޓް ގައުމެކެވެ. އެގައުމަށް ވަޑައިގެންނެވުމުގެ މާނަޔަކީ ކޮބައިބާވައެވެ. ސިޔާސީ ހިމާޔަތް ހޯއްދެވީ ބާވަައެވެ. ނޫނެކެވެ. ބެންކޮކަކީ ރާޖަޕަކްސާގެ އެންމެ ފަހު މަންޒިލެއް ނޫނެވެ. އަދިވެސް ބައްލަވަމުން އެގެންދަވަނީ ދުބާއީއަށް ވަޑައިގެންނެވޭތޯއެވެ. އެކަން ނުވެއްޖެނަމަ އެމެރިކާއަށް ވަޑައިގެންނެވޭތޯއެވެ. ރާޖަޕަކްސާއަކީ އެމެރިކާގެވެސް ރައްޔިތެކެވެ.
ތައިލެންޑުގެ ޓީވީތަކުން ދެއްކި މަންޒަރުތަކުން ފެނުނީ ރާޖަޕަކްސާޔާއި އަނބިކަނބަލުން ބެންކޮކްގެ ޑޮންމުއާންގް އެއަރޕޯޓުގެ ވީއައިޕީ ބައިގެ ބޭރުގައި ތިއްބެވިތަނެވެ. ދެން ކާރެއްގައި ބެންކޮކާ ދިމާލަށް ނައްޓާލެއްވި ތަނެވެ. ބެންކޮކްގައި ރާޖަޕަކްސަ ހުންނަވަނީ ކޮންތަނެއްގައިކަން ވަނީ ވަރަށް ބޮޑަށް ސިއްރު ކުރެވިފައެވެ. ކޮންތަނެއްކަން އެނގެނީ ތައިލެންޑުގެ ސަރުކާރަށާއި ބެންކޮކްގައި ހުންނަ ސްރީލަންކާގެ އެމްބަސީއަށެވެ. ބައިނަލްއަގުވާމީ ގިނަ އެއަރލައިންތަކުން އާއްމުކޮށް ބޭނުންކުރަނީ ބެންކޮކްގެ ސުވަރުނަބޫމީ އެއަރޕޯޓެވެ. ޑޮންމުއާންގް އެއަރޕޯޓް ބޮޑަށް ބޭނުންކުރަނީ ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައެވެ. ރާޖަޕަކްސާގެ ދެކަނބަލުން ޑޮންމުއާންގުން ފެނުނީ ސިންގަޕޫރުން ބެންކޮކަށް ވަޑައިގެންނެވީ ބެންކޮކް އެއަރވޭޒް ނުވަތަ ތައި އެއަރ އޭޝިޔާއިން ކަމަށް ވުމުންކަމަށް ގަބޫލުކުރެވެއެވެ.
ތައިލެންޑުން ރާޖަޕަކްސާއަށް މަރުހަބާ ކިޔާފައިވަނީ ސީދާ ސްރީލަންކާގެ ސަރުކާރުން އެކަމަށް އެދިގެންނެވެ. ރައީސް ރަނިލް ވިކްރަމަސިންހާގެ ސަރުކާރުން އެކަމަށް ވަރަށް ބޮޑަށް ބާރު އަޅައިގެންނެވެ. ސްރީލަންކާގެ ވެރިކަން ބަދަލުވެފައިވިޔަސް ވެރިކަމުގައި މިހާރު ތިއްބެވި ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ރާޖަޕަކްސާއަށް އެބައޮތެވެ. ޚާއްސަކޮށް ރައީސާއި ބޮޑުވަޒީރެވެ. ޕާލަމަންޓުގެ މެޖޯރިޓީއެވެ. އެހެންވީމާ ރާޖަޕަކްސާގެ ޕާސްޕޯޓް ކެންސަލް ކުރުމާއި ހައްޔަރު ކުރުމާއި ގައުމަށް ގަދަކަމުން ގެނެސްގެން ސަރިޔަތް ހިންގައި ހުރަގެޔަށް ލުމުގެ ވިސްނުމެއް ނެތެވެ. ތައިލެންޑުގައި އަމާންކަމާއެކު ދުވަސްތަކަކަށް ހުންނެވުމުގެ ފުރުސަތު ތައިލެންޑުގެ ސަރުކާރުން ރާޖަޕަކްސާޔަށް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވީ ސީދާ ޚާރިޖީ ވަޒީރު އަލީ ސަބްރީ ތައިލެންޑުގެ ވެރިންނަށް ގުޅުއްވައިގެންނެވެ.
ތައިލެންޑުގެ ބޮޑުވަޒީރު ޕްރަޔޫތު ވިދާޅުވެފައިވަނީ އެގައުމުގައި ރާޖަޕަކްސާ ހުންނަވާނީ އެހެން ގައުމެއްގެ ހިމާޔަތް ކަށަވަރުވުމާ ހަމަޔަށް ކަމުގައެވެ. އެއީ ކޮން ގައުމެއްކަން ވިދާޅެއް ނުވެއެވެ. ސިޔާސީ އެއްވެސް ހަރަކާތެއް ތައިލެންޑުގައި ނުހިންގަވާނެ ކަމަށްވެސް ވިދާޅުވިއެވެ. ތައިލެންޑުގެ ޚާރިޖިއްޔާއިން ވެސް ބުނަނީ ހަމަ މިހެންނެވެ. ރާޖަޕަކްސާގެ ހުންނެވުން ވަގުތީއެވެ. އެހެން ގައުމަކަށް ވަޑައިގެންނެވެންދެނެވެ. ދަތުރުފަތުރު ކުރެއްވުމަށް ރާޖަޕަކްސާ އަދިވެސް ގެންގުޅުއްވަނީ ޑިޕްލޮމެޓިކް ޕާސްޕޯޓެކެވެ. އެހެންވީމާ ތައިލެންޑަށް އެތެރެވާ ދުވަހުން ފެށިގެން ވިސާއަކާނުލައި 90 ދުވަހު ތައިލެންޑުގައި އޭނާއަށް ހުންނެވޭނެއެވެ. ތައިލެންޑުގެ ރަސްމީ ފަރާތްތަނުން ބުނާ ވާހަކަތަކަށް ރިއާޔަތްކުރާއިރު ތައިލެންޑުގެ ސިޔާސީ ހިމާޔަތަށް އެއްވެސް ގޮތަކުން ރާޖަޕަކްސާ އެދިވަޑައިގެންފައެއް ނުވެއެވެ.
ސިންގަޕޫރުން ރާޖަޕަކްސާ ފުރާވަޑައިގެންނެވީ ދެފަހަރުމަތިން ސިންގަޕޫރުން ދޫކުރި ވިސާގެ މުއްދަތު ހަމަވި ދުވަހުއެވެ. އެ މުއްދަތު ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު ވަނީ ހަމަވެފައެވެ. ޖުލައި މަހުގެ ތެރޭގައި ސްރީލަންކާ ދޫކުރައްވައި ފުރާވަޑައިގެންނެވި ފަހުން ރާޖަޕަކްސާގެ ހަގީގީ މަންޒިލާމެދު މިހާތަނަށް އޭނާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ގައުމު ދޫކުރައްވައި ރާޖަޕަކްސާ އެންމެ ފުރަތަމަ ވަޑައިގެންނެވީ ސްރީލަންކާގެ ވައިގެ ސިފައިންގެ ބޯޓެއްގައި ދިވެހިރާއްޖެއަށެވެ. އެއަށްފަހު ސައޫދީ އެއަރލައިނުގެ ބޯޓެއްގައި ސިންގަޕޫރަށެވެ. ސްރީލަންކާގެ ރައީސްކަމުން ރާޖަޕަކްސާ އިސްތިއުފާ ދެއްވީ ސިންގަޕޫރުގައި ހުންނަވައިގެންނެވެ. ސިންގަޕޫރުން ބެންކޮކަށް އޭނާ ވަޑައިގެންނެވި ކަމަށް ގަބޫލުކުރެވިފައިވަނީ ބެންކޮކް އެއަރވޭޒްގެ ބޯޓެެއްގައެވެ.
ރާޖަޕަކްސާއަށް ހިމާޔަތް ދިނުމަށް ގިނަ ގައުމުތަކުން ޖެހިލުންވެއެވެ. ޚާއްސަކޮށް ގިނަ އަދަދެއްގެ ތަމަޅައިން ދިރިއުޅޭ ގައުމުތަކުންނެވެ. އޭގެ ސިއްރަކީ 2009 ވަނަ އަހަރު ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނުއިރު އެ ހަނގުރާމައިގެ ތެރޭގައި ތަމަޅައިންނާ ދެކޮޅަށް ސިފައިން ހިންގާފައިވާ ޖަރީމާތަކުގެ ޒިންމާ އޭނާގެ އިސްތަށިފުޅުގައި އެޅުމެވެ. ގޮޓަބަޔާ ރާޖަޕަކްސާޔަކީ އެދުވަސްވަރުގެ ޑިފެންސް ސެކްރެޓަރީއެވެ. ހަނގުރާމައިގެ ކަންކަން ހިންގީ ސީދާ އޭނާގެ އިރުޝާދުގެ ދަށުންނެވެ. އެހެންވީމާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ވަރަށް ގިނަ ޖަމާއަތްތަކުން ރާޖަޕަކްސާޔާ ދެކޮޅަށް ދުނިޔޭގެ އެކިއެކި ކޯޓުތަކަށް މައްސަލަތަކެއް ވަނީ ވައްދައިފައެވެ. މީގެ އިތުރަށް ކޮރަޕްޝަނުގެ ތަފާތު އެތަކެއް ތުހުމަތުވެސް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ