ޚަބަރު

13 އަހަރުން ފެށިގެން ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ބަންދުކުރި އަމުރު ބާތިލުކޮށްފި

އިބްރާހިމް ޒަކީ

2

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، އުމުރުން 13 އަހަރުން ފެށިގެން ކުއްޖަކަށް ޖިންސީ ގޯނާކޮށް ބްލެކްމެއިލް ކުރަމުންދިޔަ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި އަބްދުالله މުހައްމަދު، ސޯސަންވިލާ، ހދ. ކުޅުދުއްފުށި، ބަންދު ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައަކީ އަބްދުالله މުހައްމަދުގެ މައްޗަށް ކުރާ ތުހުމަތާއެކު ކުޅުދުއްފުށިން އޭނާ ހައްޔަރުކޮށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އޭނާ ބަންދުކުރި މައްސަލައެކެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށް އެ މައްސަލައިގެ ތަހުގީގަށް އިތުރު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން އަމުރު ކުރިއެވެ.

އެ މައްސަލައާ ގުޅިގެން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލުކުރުމަށް އެދި އަބްދުالله މުހައްމަދުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އޭނާގެ މައި އިސްތިއުނާފީ ނުކުތާއަކީ، އޭނާގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 14 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އެހެންކަމުން ހައިކޯޓުގައި އެދިފައިވަނީ އޭނާ ބަންދުކުރަން ކުރި އަމުރު ބާތިލު ކުރުމަށެވެ.

އެ މައްސަލަ ހައިކޯޓުން ބަލައި މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ، މި މައްސަލައިގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި އޭނާ ބަންދުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ބާތިލުކުރާ ކަމަށެވެ.