ކުޅިތަކެތި ކެއުމުން ދުނިޔޭގެ ރިކޯޑު ހެދުމަށް މަޝްހޫރު އެމެރިކާގެ ގްރެގަރީ ފޮސްޓަރ އަނެއްކާވެސް މިރުސް ކެއުމުގެ އައު ރިކޯޑެއް ގާއިމްކޮށްފިއެވެ. އޭނާ ރިކޯޑު ގާއިމުކުރީ ގޯސްޓް މިރުހުގެ ނަމުން މަޝްހޫރުވެފައިވާ ބުޓް ޖޮލޯކިއާގެ 110.5 ގްރާމް އެއް މިނިޓްތެރޭގައި ހަފައި ދިރުވާލައިގެންނެވެ.
ގޯސްޓް މިރުހަކީ އިންޑިޔާގެ އިރުއުތުރުން އާސާމުގައި ހެދޭ ޚާއްސަ ވައްތަރެެއްގެ މިރުހެކެވެ. ދުނިޔޭގެ އެންމެ ކުޅިކަން ގަދަ މިރުހަކީ މިއެވެ. މި މިރުހުގެ ރަސްމީ ނަމަކީ ބުޓް ޖޮލޯކިއާއެވެ. އެއް މިނިޓްތެރޭގައި މިވައްތަރު މިރުހުގެ އެންމެ ގިނަ މިންވަރު ހަފައި ދިރުވާލުމުގެ ރިކޯޑު ކުރިން އޮތީ ކެނެޑާގެ މައިކް ޖެކް ކިޔުނު މީހަކަށެވެ. އޭނާ ރިކޯޑު ގާއިމްކުރީ އެއް މިނިޓް ތެރޭގައި މިވައްތަރުގެ މިރުހުގެ 97 ގްރާމް ހަފައި ދިރުވާލައިގެންނެވެ.
އައު ރިކޯޑް ގާއިމްކުރި ގްރެގަރީ ފޮސްޓަރ އަކީ އެހެން ދެވައްތަރެއްގެ މިރުސް ކެއުމުގައިވެސް ދުނިޔޭގެ ރިކޯޑް ހަދާފައިވާ މީހެކެވެ. އެތަނުން އެއް ރިކޯޑަކީ ކެރޮލައިނާއޭ ކިޔުނު ވައްތަރު މިރުހުގެ 120 ގްރާމް އެއް މިނިޓް ތެރޭގައި ދިރުވައިލުމުގެ ރިކޯޑެވެ. އަނެއް ރިކޯޑަކީ ކެރޮލައިނާ ތިން މިރުސް އެންމެ އަވަހަށް ހަފައި ދިރުވައިލުމުގެ ރިކޯޑެވެ. އެކަން ކޮށްފައިވަނީ އެންމެ 8.72 ސިކުންތުންނެވެ. ކެރޮލައިނާ މިރުހަކީ ގޯސްޓް މިރުހަށްވުރެ ކުޅިމަޑު އެއްޗެކެވެ.
ގްރެގަރީއަކީ އަމިއްލަ ގޭގައިވެސް މިރުސް ހައްދައިގެން އޭގެ ވިޔަފާރި ކުރާ މީހެކެވެ. މިރުހާއި އޭގެ ފައިދާތައް ޕްރޮމޯޓް ކުރުމުގެ ގޮތުން އަމިއްލަ ކުންފުންޏެއްވެސް އޭނާ ހިންގައެވެ. އެންމެފަހުން ގޯސްޓް މިރުސް ކެއުމުގެ ރިކޯޑް އޭނާ ހެދީ ކެލިފޯނިޔާގެ ސެންޑިއޭގޯގެ ޕާރކެއްގައި އާންމުންގެ ވަރަށް ގިނަ ބަޔަކުވެސް ބަލަން ތިއްބައެވެ. މިރުސް ކައިގެން ފޮސްޓަރގެ އަނގަޔަށް ގޮތެއް ނުވިޔަސް ބަލަން ތިބި މީހުންގެ އަނގަޔަށް ގޮތްގޮތްވިކަމަށް ބުނެވެއެވެ.