ދުނިޔެ

އަދުގެ ދުނިޔެ: ޓައިވާނާއި ޗައިނާގެ ހަތުރުވެރިކަން ކިތަންމެ ބޮޑުވިޔަސް ވިޔަފާރީގައި އެއީ މިތުރުންނެވެ.

އިމާދު ލަތީފު

ޓައިވާނުގެ މަސްރަހު މިވަގުތު އޮތީ ވަރަށް ހޫނުވެފައެވެ. މި ހޫނުވުމެއް ހޫނުވީ ކޮންމެހެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ސްޕީކަރު ނެންސީ ޕެލޯސީގެ ދަތުރުފުޅާ ޖެހިގެނަކުންނެއް ނޫނެވެ. އޭގެކުރިންވެސް އޮތީ ހޫނުވެފައެވެ. ޓައިވާނުގެ ރައީސްކަމަށް 2016 ވަނަ އަހަރު ސައި އިންގް ވެން ވަޑައިގެންނެވި ހިސާބުންނެވެ. އޭނާއަކީ ޓައިވާނު މިނިވަންވެގަތުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. ބައެއް މީހުން ހީކުރެއެވެ. ޗައިނާޔާއި ޓައިވާނަކީ އެއްވެސް ގޮތަކަށް މުއާމަލާތު ނުކުރާ ދެ ހަތުރުންނެވެ. ހަގީގަތަކީ އަދި އެޔެެއްވެސް ނޫނެވެ. ޗައިނާއަކީ ވިޔަފާރީގެ ގޮތުން ޓައިވާނުގެ އެންމެ ބޮޑު ޕާޓްނަރެވެ. ޗައިނާޔާއެކު ކުރެވޭ ވިޔަފާރީގައި ޓްރޭޑް ސާޕްލަސްއެއް ލިބިފައިވަނީ ވަރަށްވެސް މަދު ބަޔަކަށެވެ. އެތަންތަނުގެ ތެރޭގައި ޓައިވާން ހިމެނެއެވެ.

ތަންކޮޅެއް ކުރީގައި ޓައިވާނުގެ އުފެއްދުންތައް އެންމެ ގިނައިން އެކްސްޕޯޓް ކުރެވެމުން އައި ތަނަކީ ހޮންގްކޮންގެވެ. އެއީވެސް ސިޔާސީގޮތުން ޗައިނާއެވެ. އެކަމަކު އިގްތިސާދީގޮތުން ވަކި ބައެކެވެ. ކުރިން ބަޔާން ކުރެވުނު ފަދައިން 2004 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ މަގާމު ލިބިފައިވަނީ ސީދާ މެއިން ލޭންޑް ޗައިނާއަށެވެ. އެ މަގާމުގައި ޗައިނާ އޮންނަތާ ނަވާރަ އަހަރު ވަނީއެވެ. ޓައިވާނުގެ މުދަލުގެ އެންމެ ބޮޑު އިމްޕޯޓަރަކަށް ޗައިނާ ވުމުގެ އިތުރަށް ޗައިނާއަކީ ޓައިވާނަށްވެސް އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރާ ގައުމެވެ. މިކަން ދެމިގެން އަންނަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ. ހުސްވި 2021 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މުޅި ދުނިޔެއަށް ޓައިވާނުން އެކްސްޕޯޓްކުރި މުދަލުގެ 29 އިންސައްތަޔަކީ މެއިން ލޭންޑް ޗައިނާއަށް އެކްސްޕޯޓް ކުރެވުނު މުދަލެވެ.

ހުސްވި 2021 ވަނަ އަހަރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން ޓައިވާނަށް އެތެރެކުރެވުނު މުދަލުގެ އަގަށް ބަލާއިރު އޭގެތެރެއިން ބާވީސް އިންސައްތަޔަކީ ޗައިނާގެ މުދަލެވެ. ޗައިނާގެ މުދާ އެންމެ ގިނައިން އިމްޕޯޓްކުރާ ތަންތަނުގެ ލިސްޓުން ޓައިވާނަށް ލިބެނީ އެގާރަވަނައެވެ. މިއަދަދުތައް އިތުރުވަމުން އަންނަ ރޭޓަށް ބަލައިލީމާ ފެންނަނީ 2017 ވަނަ އަހަރުން ފެށިގެން ހުސްވި 2021 ވަނަ އަހަރާ ހަމަޔަށް 65 އިންސައްތައިގެ ކުރިއެރުމެކެވެ. އެހެންވީމާ ބުނެވޭންއޮތީ ޗައިނާޔާ ނުލައި ޓައިވާނުގެ އިގްތިސާދަށް ދިރުމެއް ނެތްކަމުގައެވެ. ސިޔާސީގޮތުން ކިތަންމެ ވަރަކަށް އަރައިރުންވިޔަސް އިގްތިސާދީގޮތުން ދެބައިމީހުން ތިބީ ގުޅި ލާމެހިފައި ކަމުގައެވެ. މިއަރައިރުންތަކުގެ ލޮޅުންތައް އިގްތިސާދަށް ފޯރުމަކީ އެއްވެސް ވަރަކަށް ނެތް ކަމެއް ކަމުގައެވެ.

ޓައިވާން ކަނޑުއޮޅި ހުރަސްކޮށް ކުރެވޭ ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގެ ދުޅަހެޔޮކަން މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ޓައިވާނުގެ ވެރިކަމުގައި އެއިރަކު އޮންނަ ޕާޓީއެއްގެ މައްޗަށެވެ. މިވަގުތު ވެރިކަމުގައި އޮތީ ޑިމޮކްރަޓިކް ޕްރޮގްރެސިވް ޕާޓީއެވެ. ޗައިނާގެ ރުހުން ބޮޑަށް އޮންނަނީ ކުއޮމިންޓާންގް ޕާޓީއަށެވެ. މިނިވަންކަން އިއުލާނުކުރުމާ ދެކޮޅު ބަޔަކަށްވާތީއެވެ. ކުއޮމިންޓާންގްގެ ވެރިކަން 2008 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމަޔަށް އޮތްއިރު ވިޔަފާރީގެ 23 އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ. އޭގެތެރެއިން 21 އެއްބަސްވުމެއް އަދިވެސް ދެމިއެބައޮތެވެ. އެކަމަކު އައު ރައީސް ސައި ވެންގެ ވެރިކަން ފެށުނު ފަހުން އައު އެއްބަސްވުންތަކެއް ވުޖޫދު ނުކުރެވެއެވެ. ވިޔަފާރި މަޝްވަރާތައްވެސް ކުރީގެ އުސޫލުން ކުރިއަކަށް ނުގެންދެވެއެވެ.

ޓައިވާނުގެ ރައީސްކަމަށް ސައި ވެން ވަޑައިގެންނެވިފަހުން ޗައިނާގެ މައްޗަށް ބަރޯސާކުރުން ކުޑަކޮށް އެހެނިހެން މާކެޓްތައް ހޯއްދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވައެވެ. ޚާއްސަކޮށް އެމެރިކާއާ ގުޅިގެން އެމެރިކާގެ ސެޓެލައިޓެއްގެ ގޮތުގައިވިޔަސް ކުރިއަށްދެވޭތޯ ބާރު އަޅުއްވައެވެ. އެކަމަކު އެމެރިކާއަކީ ވިޔަފާރީގައި ޓައިވާނުގެ އެންމެ ބޮޑު ބައިވެރިޔާއެއް ނޫނެވެ. އެންމެ ބޮޑު ބައިވެރިޔަކީ ކުރިން ދެންނެވިހެން ޗައިނާއެވެ. އެމެރިކާއަށް ލިބެނީ ދެވަނައެވެ. ޓައިވާނަކީ އެމެރިކާގެ އުފެއްދުންތައް އެންމެ ގިނައިން އެކްސްޕޯޓްކުރެވޭ ނުވަވަނަ މާކެޓެވެ. ޓައިވާނަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށް އެމެރިކާޔަކުންވެސް ގަބޫލެއް ނުކުރެއެވެ. އެހެންވީމާ ވިޔަފާރީގެ އެއްބަސްވުންތައް ހަދައި ވިޔަފާރީގެ މުއާމަލާތު ހިންގަނީ ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަނުގެ ޚާއްސަ އޮނިގަނޑެއްގެ ތެރެއިންނެވެ.

މިކަހަލަ އެއްބަސްވުންތަކެއް އެހެން 8 ގައުމަކާއެކުވެސް ޓައިވާނުން ހަދާފައިވެއެވެ. އޭޝިއާ ޕެސިފިކް ރީޖަނުގެ ތެރެއިން ޖަޕާނާއި ދެކުނު ކޮރެޔާއާއި އޮސްޓްރޭލިޔާ އާއި ނިއުޒީލެންޑާއި ސިންގަޕޫރު ހިމެނެނީ މި ލިސްޓުގައެވެ. މިނިވަން މުސްތަގިއްލު ގައުމަކަށް ނުވިޔަސް އަމިއްލަ ކަންކަން އަމިއްލަޔަށް ހިންގާ ސަރަހައްދެއްގެ ގޮތުގައި ބައިނަލްއަގުވާމީ ވިޔަފާރި ވިޔުގައިގެ ތެރެއިން ކުރިއަށް ދިއުމުގެ ފުރުސަތު ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަނުގެ ތެރެއިން ފަހިވެފައި އޮވެއެވެ. އެ ފުރުސަތު ޓައިވާނަށް އޮތުމަކީ ޗައިނާވެސް ދެކޮޅުހަދާ ކަމެއް ނޫނެވެ. ޗައިނާ ދެކޮޅުހަދަނީ އެންމެ ކަމަކާއެވެ. އެއީ ޓައިވާނުގެ މިނިވަންކަމެވެ. ވަކި މުސްތަގިއްލު ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސަފަށް ޓައިވާން ނުކުތުމެވެ. އެކަންވިޔަ ނުދޭން ކޮންމެ ފިޔަވަޅެއް އަޅަންވެސް ފަސްނުޖެހޭނެ ކަމަށް ޗައިނާއިން ދަނީ ބުނަމުންނެވެ.