ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: ހާޖީ އިމާދުއްދީނުގެ ރަސްކަމާއި ތުއްތު ތަރުތީބު

އިމާދު ލަތީފު

މިވާހަކަ ފެށެނީ އަތިރީގޭ ބޭފުޅުން ދިވެހިރާއްޖޭގެ މިނިވަންކަން ތަބަކަށް ލައިފައި އިނގިރޭސީންނަށް ހަދިޔާކުރި ހިސާބުންނެވެ. މިކަން މިމަގުން ނިންމައިފައި ދެން ކުރި ކަމަކީ މުއީނުއްދީނު ދެވަނަ ނުވަތަ ކުޑަ ބަންޑާރައިން ތަޚުތުން ބާލައި އިބްރާހިމް ނޫރައްދީނު އަލުން ރަސްކަމަށް ގެނައުމެވެ. މަޝްހޫރު ބޮޑު ހުޅުގެ މައްސަލައިގައި އަރުވައިލެވިފައި ތިބި އެންމެހައި ބޮޑުން މާލެ ގެނެސް ދަރަޖަ އުފުލިގެންވާ ބޮޑެތި ބޮޑެތި މަގާމުތައްދިނުމަށްފަހު ވެރިކަމުގެ އެންމެހައި ބާރުތައް 1888 ވަނަ އަހަރުން ފެށިގެން އަނެއްކާވެސް އަތިރީގޭ ކޮޅަށް ފުރޮޅިގެން ހިނގާއްޖެއެވެ. އަތިރީގޭ ބޭފުޅުންގެ ގޮނޑިކޮއްކޮއަކަށް ރަސްގެފާނު ބަދަލުވެެއްޖެއެވެ. ބާރުތަކުގެ ވެރީންނަކީ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނާއި އެކިލެގެފާނުގެ ތިން ބެއިންނެވެ. އަހުމަދު ކުޑަ ދޮށިމޭނާޔާއި އަބްދުލްމަޖީދު ރަންނަބަނޑޭރިޔާއި އަބްދުލްހަމީދު ދީދީއެވެ.

މިޒާތަކުން ދުވަސްތައް ފާއިތުވަމުންގޮސް ފަސް އަހަރު ފަހުން ނޫރައްދީނު ބަންޑާރައިން 1892 ވަނަ އަހަރު އަވަހާރަވެއްޖެއެވެ. އިބްރާހިމް ދޮށިމޭނާކިލެގެފާނު ވިދާޅުވެގެން ދެން ތަޚުތުގައި ބޭންދީ އުމުރުވެސް ހަމަނުވާ ތުއްތު ކުއްޖެކެވެ. މުހައްމަދު އިމާދުއްދީނު ފަސްވަނައިގެ ނަމުގައެވެ. ތުއްޕުޅު ރަދުންގެ ނަންފުޅުގައި ހުރިހާ ކަމެއް ހިންގަވަނީ އިބްރާހިމް ދޮށިމޭނާ ކިލެގެފާނެވެ. މިގޮތްވެސް ކަމުނުގޮސްގެން އަހަރެއްވީތަނާ ތުއްޕުޅު ރަދުން ތަޚުތުން ބާލައި 1893 ގައި މުލީގޭ މަނިއްޕުޅަށް ތަޚުތު ދީފިއެވެ. މުހައްމަދު ޝަމްސުއްދީނު ތިންވަނައިގެ ނަމުގައެވެ. އެހައިތަނަށް މި މަނިއްޕުޅު އުޅުއްވީ ކުކުޅު ގެންގުޅުއްވުމާއި ގަނޑުވަރުތެރޭގެ އަންހެން ބޭފުޅުންނާއެކު ފަސްއޮށް ކުޅުއްވުންފަދަ ކަންކަން ކުރެއްވުމުގައެވެ. ވެރިކަމުގެ ތަމްރީނެއް އަމްދުން ނެތެވެ.

މާލެ އަންނަ އިނގިރޭސި މަނަވަރުތަކުގެ އޮފިސަރުންގެ ކުރިމަތީގައި ލަދުގަންނާންޖެހޭ އެތައް އެތައް ކަމެއް ހިނގާ ކަމަށް ފެނިގެން އިބްރާހިމް ދޮށިމޭނާކިލެގެފާނު ބޭނުންފުޅުވެގެން އަހަރެއްވެސް ނުވަނީސް މިރަދުންވެސް ތަޚުތުން ބާލައިފިއެވެ. ދެން ރަސްކަމަށްލީ 1893 ގައި މާންދޫގޭ މަނިއްޕުޅެކެވެ. މުހައްމަދު އިމާދުއްދީނު ހަޔެއްގެ ނަމުގައެވެ. މަޝްހޫރު ހާޖީ އިމާދުއްދީނަކީ މިއީއެވެ. މިއީ ފިސާރި ރަސްކަލެކެވެ. ދުނިޔޭގެ އޮޔާއިވައި ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެހެންވީމާ ރަސްކަމުގެ ކޮއިލުތެރެއިން ނިގުޅައިގެންފައިވާ ބާރުތައް މިރަދުން އަލުން ހޯއްދަވައިފިއެވެ. ރާއްޖެ އިސްލާހު ކުރެއްވުމުގެ މަސައްކަތްޕުޅު ފައްޓަވައިފިއެވެ. ތައުލީމު ފެތުރުއްވުމާއި ތާރީޚު މުރާޖައާ ކުރެއްވުމާއި ފޮތްތައް ލިޔުއްވުމާއި މާލޭގެ ބަނދަރު ފުންކުރެއްވުމާއި ކަނޑުތޮށި އައުކުރެއްވުންފަދަ މަސައްކަތްތައް ފައްޓަވައިފިއެވެ.

ފުއައްމުލަކު އީސާ ނާއިބުގެ ދަރިކަލުން ނާއިބު ތުއްތުއަށް އަލުން ދަރަޖަ ދެއްވައި ދީން އުނގެނުމަށް ދިވެހިބަހުން ދީނީ އިލްމުގެ ފޮތެއް ލިޔުއްވާން އެންގެވީ ހާޖީ އިމާދުއްދީނެވެ. ނާއިބު ތުއްތު ލިޔުއްވި ފޮތް މަޝްހޫރުވީ ތުއްތު ތަރުތީބުގެ ނަމުންނެވެ. ބޭރުގެ ބަހެއް ނުދަންނަ ދިވެހީންނަށް ދީން އުނގެނުމަށް އޮތް ވަސީލަތަކަށްވީ މިފޮތެވެ. ދިގު މުއްދަތަކަށް މިފޮތް ބޭނުން ކުރެވުނެވެ. އާޚިރަތުގެ މަގުން ހިނގާން ދިވެހީންގެ އެންމެ ގިނަބަޔަކު އިރުޝާދު ލިބިގަތީ މިފޮތުންނެވެ. މިކަމުގެ ރީތި ނަމާއި ޝަރަފު ކިތަންމެހައިވެސް ބޮޑަށް ހާޖީ އިމާދުއްދީނާއި ނާއިބު ތުއްތުއަށް ހައްގު ވެގެންވެއެވެ. ހާޖީ އިމާދުއްދީނުގެ ދައުރަކީ އިލްމުވެރީންނަށް މާތްކޮށް ހިތުން ބޮޑު ދައުރެކެވެ. އިލްމުވެރީންގެ ބަސް ވިކުނު ދައުރެކެވެ. ނާއިބު ތުއްތުގެ އިތުރުން ދެން އެދުވަސްވަރު ހުންނެވި އެންމެ ބޮޑު އާލިމަކީ އައްޑޫ މީދޫ ޝައިޚު އަލިދީދީއެވެ.

ކިތަންމެ ކީރިތި މޫރިތި ރަސްކަލަކަށްވިޔަސް ބަލިފަޔެއް ހުރެދާނޭތާއެވެ. އެގޮތުން ހާޖީ އިމާދުއްދީނުގެ ވަރަށް ބޮޑު ބަލިފަޔެއް އޮތެވެ. ތަނަކުން ހަމަ ކަނބަލަކު ފެނިވަޑައިގަންނަވާއިރަށް ހިތްޕުޅާ ހަމަކުރައްވައި ކައިވެނި ކުރައްވަނީއެވެ. މިހެންވުމުން ހުރަވީ ޚާންދާނުގެ ތަފާތު ގޮފިތަކާއި ގޭގެ އެެއްބަޔަކު އަނެއް ބަޔަކާއި މުޑިއަރައި މޫނު ކެނޑި ތަފާތު އޮއިވަރުތަކަށް މަގުފަހިވެގެން ދިޔައެވެ. މީގެ ތެރެއިން އެއް ކައިވެނިފުޅަކީ އެއްގަމުގޭ އުއްމު ކުލްސޫމްދީދީޔާއި ކުރެެއްވި ކައިވެނިފުޅެވެ. ވެލާނާ މަނިކުފާނާއި އަތިރީގޭ ބޭފުޅުން އެންމެ ފުރަތަމަ މުޑިއެރީ މި ކައިވެނިފުޅަށް ވެލާނާ މަނިކުފާނުގެ ރުހުން ދެއްވީމައެވެ. ތަންކޮޅެއް ފަހުން ވެލާނާގޭ މުހައްމަދު ދީދީ އިންޑިޔާއިން ޕިޗޯރީން ގެންނަވައިގެން އަތިރީގޭގެ ބާރު ނައްތާލަން އުޅުއްވީވެސް މިކަމުގެ ތެރެއިން ފެށުނު ދެކޮޅުވެރިކަމުގެ ސިލްސިލާގެ ތެރެއިންނެވެ.

ހާޖީ އިމާދުއްދީނުގެ ރަސްކަން ނިމެން މެދުވެރިވި ސަބަބަކީވެސް އިޝްގެވެ. ހައްޖަށް ވަޑައިގެން އުޅުއްވަނިކޮށް މާރީތި ކަނބަލަކު ފެނިވަޑައިގަތީއެވެ. އެއީ މިސްރުގެ ސުވޭހުގައި ހުންނަވާ އީރާނުގެ ސަފީރުގެ ދަރިކަނބަލުން ޝަރީފާ ހާނިމެވެ. ދެން އަވަސްވެވަޑައިގަތީ މިކަމަނާޔާ ކައިވެނި ބެއްލެވުމަށް ސުވޭހަށް ވަޑައިގަތުމަށެވެ. ހާޖީ އިމާދުއްދީނު 1902 ވަނަ އަހަރު މާލެއިން ފުރާވަޑައިގެންނެވުމާއެކު އަތިރީގޭ ބޭފުޅުން ނިކުންނަވައި ރަސްކަން އިންގިލާބު ކުރައްވައި މުލީގޭ މަނިއްޕުޅު ދެވަނަ ފަހަރަށް ރަސްކަމަށް ލައިފިއެވެ. އަތިރީގޭ ޒުވާން ޖީލެއްގެ އަތްމައްޗަށް ގައުމުގެ އެންމެހައި ކަންކަން ފުރޮޅިގެން ހިނގާއްޖެއެވެ. ތުއްތު ތަރުތީބު ލިޔުއްވި ނާއިބު ތުއްތު ދެން ފެނުނީ ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫއަށް އަރުވައިލެވުނު ތަނެވެ. އަވަހާރަވީވެސް އެރަށުގައެވެ.