އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު ފައިސާގެ ބޮޑުބައި ހުރީ ސިންގަޕޫރުގެ ބޭންކެއްގެ ތިޖޫރީއެއްގައި ކަމަށާއި އެ ހުޅުވަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޮލުގެ ރެޓީނާ ސްކޭން ބޭނުންވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މ. ދިމްޔާތު މީޓިން ރޫމްގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އަދީބު ޖަލުގައި ހުންނެވި އިރު އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އެމަނިކުފާނު އަރިހަށް ވަޑަައިގެން އެމްއެމްޕީއާރްސީގެ ފައިސާ ހުރި ތަން ކަމަށް އަދީބު ވިދާޅުވާ ވާހަކަތަކެއް ދެއްކެވި ކަމަށެވެ.
އަދީބު ސިންގަޕޫރަށް ފޮނުވާލަން އެދުނު ނަމަވެސް އެމަނިކުފާނު އެކަން ނުކުރެއްވީ ފޮނުވާލައިފި ނަމަ އަދީބާއި ފައިސާތައް ވެސް ދެން އަތު ނުޖެހޭނެތީ ކަމަށް ޔާމީން ވިދާޅުވިއެވެ.
"ލުތުފީ ވިދާޅުވި ރައީސް އޭ އަދީބު އެބަ ބުނެއޭ މި ފައިސާގެ ބޮޑުބައި އެހުރީ ސިންގަޕޫރުގެ ބޭންކެއްގައި ޕޯސްޓް ބޮކްސް ތެރޭގައި ކަމަށް. އެކަމަކު އެ ހުޅުވޭނީ ތިމަންނަގެ ލޮލުގެ ރެޓިނަލް ސްކޭނެއް ކޮށްގެންނޭ. ތިމަންނަ ނެތީސް އެ ނުހުޅުވޭނެ. އެހެންވެ ތިމަންނަ ފިޒިކަލީ އެތަނަށް ގެންގޮސްދޭށޭ، ގެންދިޔައީމަ ދޭނަމޭ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ސިންގަޕޫރުގެ އޭސީސީ އާ ގުޅިގެން އެ ފައިސާ ހޯދަމުގެ މަސައްކަތް ކުރުމަށް ލުތުފީ އަށް އެންގެވި ކަމަށާއި ބޭނުންވެއްޖެ ނަމަ ކޯޓު އަމުރެއްގެ ދަށުންވެސް އެ ފައިސާ ހޯދަން އެންގެވި ކަމަށެވެ.
"އަޅުގަނޑު އަދީބު ނުފޮނުވީ އެއިރު އަޅުގަނޑު ބޭނުން ނުވީ އަދީބު ފޮނުވާލަން. އަދީބު އެ ދެއްކީ ތެދުވާހަކައެއް ކަމަށް ލުތުފީ ގަބޫލު ކުރޭ. އެހެންވެއްޖެ ކަމަށް ވަންޏާ އޭގަ ހުރި ފައިސާއެއް އަދިއެއް ނުއެއް ނެގޭނެ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފަރާތްތަކުގެ ފުރިހަމަ ތަހުގީގެއް ނުކުރެވިގެން އުޅޭ ސަބަބު ސާފުކޮށްދިނުމަށް ގޮވާލައްވައިފައެވެ. އަދި ވަނީ އެމްއެމްޕީއާރްސީގެ ރަނގަޅު ލިސްޓެއް މިހާތަނަށް އާންމުކޮށްފައިނުވަނީ ކީއްވެތޯވެސް ސުވާލު އުފައްދަވައިފައެވެ.
ޔާމީން ވިދާޅުވީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭ ކަމަށާއި ނަމަވެސް މި ސަރުކާރުން އެކަން ކޮށްފައިވާ ކަމެއް މިހާތަނަށް ސާފު ނުވާ ކަމަށެވެ.
"ދެން އަޅުގަނޑު މިރޭވެސް ކަށަވަރުކަން އަރުވާނަން އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެނަމަ އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ މީގަ އުޅޭ މީހުންނަށް އަދަބު ދިނުމެއް ނޫން. އަޅުގަނޑުމެންގެ މަގުސަދަކަށްވާނީ އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެނަމަ، މި ފައިސާ ރިކަލެކްޓް ކުރުން. ރިކަވާ ކުރުން،" ޔާމީން ވިދާޅުވިއެވެ.
އެއީ ރައްޔިތުންގެ ފައިސާ ކަމަށާއި ރައްޔިތުންގެ ފައިސާ އަނބުރާ ނުލިބި، އެކަން ހިންގި ފަރާތް ޖަލަށް ލުމަކުން ނުފުދޭ ކަމަށާއި އެހެންކަމުން މި ސަރުކާރުންވެސް ކުރަންޖެހޭ ކަމަކީ އިހުލާސްތެރިކަމާއެކު މި މައްސަލަ ބަލައި ފައިސާ ހޯދަން މަސައްކަތް ކުރުން ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި މި ސަރުކާރުން މަސައްކަތް ކުރަނީ އެމަނިކުފާނު ޖަލަށް ލުމަށް ކަމަށާއި ނަމަވެސް މި މައްސަލައިގައި ނުބަލާ ހުރި އެތައް ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ބޭންކުގެ ތެރެއިން ހިންގާފައި ހުރި ކަންކަން މިއަދާ ހަމައަށްވެސް ތަހުގީގުކޮށްފައިނުވާ ކަމަށާއި އެކަންކަމަކީ މިއަދުވެސް ތަހުގީގު ކުރެވޭނެ ކަންކަން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.