ޚަބަރު

އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައުން ފާހަގަކޮށްފި، އެޝަރަފު ޗެކް ރިޕަބްލިކް މީހަކަށް

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖެއަށް މިއަހަރު އެއް މިލިއަން ފަތުރުވެރިން ހަމަވެއްޖެއެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައުން ފާހަގަކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައިވަނީ ސަގާފީ ހަރަކާތްތަކާއެކުއެވެ.

މިއަދު ހެނދުނު ގަރަތު އެއާވޭސްގެ ފްލައިޓަކުން އައި ޓޫރިސްޓުންގެ ތެރެއިން، އެއް މިލިއަން ވަނަ ޓޫރިސްޓަކީ ޗެކް ރިޕަބްލިކަށް އުފަން އުމުރުން 29 އަހަރުގެ ޑެނިއެލާ ކިލްނަރޯވާއެވެ. ލިބުނު ޝަރަފާ އެކު އުފަލުން ހުރި ޑެނިއެލާ ބުނީ އެއް މިލިއަން ޓޫރިސްޓަށް ވުމުގެ ޝަރަފަކީ ދުވަހަކު ވެސް އޭނާ އުއްމީދު ކުރި ކަމެއް ނޫން ކަމަށެވެ.

މިއީ ޑެނިއެލާ ރާއްޖެ އައި ތިން ވަނަ ފަހަރެވެ. ޑެނިއެލާ އެންމެ ފުރަތަމަ ރާއްޖެ އައިީ މީގެ 10 އަހަރު ކުރިންނެވެ. އެފަހަރު އޭނާ ޗުއްޓީ ހޭދަ ކުރީ ކުރެއްދޫ ރިސޯޓުގައެވެ. ދެ ވަނަ ފަހަރު އައިސް ހުރީ އަދާރަން މީދުއްޕަރު ރިސޯޓުގައެވެ. މިފަހަރު އޭނާ ޗުއްޓީ ހޭދަކުރާނީ ރޮބިންސަން ކްލަބް ނޫނު ރިސޯޓުގައެވެ. ޑެނިއެލާއަށް އެއާޕޯޓުން ކީ ހޫނު މަރުހަބާގެ އިތުރުން، އޭނާއަށް ހާއްސަ ހަދިޔާއެއް ވެސް ވަނީ ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ކަމާ ގުޅުން ހުރި ފަރާތްތައް ގުޅިގެން ކޮންމެ އަހަރަކުވެސް އަންނަނީ ރާއްޖެ އަންނަ އެއް މިލިއަން ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔަމުންނެވެ. ސަރުކާރުގެ މިއަހަރުގެ އަމާޒަކީ 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަމާޒަށްވުރެ އިތުރަށްވެސް ފަތުރުވެރިން ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު، ޑރ. މައުސޫމް ވަނީ ވިދާޅުވެފައެވެ.