ބްރެޒިލްގެ މުސްކުޅި އަންހެނަކަށް މަކަރާއި ހީލަތް ހަދައިގެން 140 މިލިޔަން ޑޮލަރުގެ އަގުހުރި ކުރެހުންތައް އޭނާގެ އަތުން ވަގަށް ނެގުމުގެ ތުހުމަތުގައި އެ އަންހެންމީހާގެ އަމިއްލަ އަންހެން ދަރިފުޅު ހައްޔަރުކޮށްފިއެވެ.

މުސްކުޅި އަންހެންމީހާގެ މިލްކުގައި ހުރި ކުރެހުންތަކަކީ އޭނާގެ މަރުވެފައިވާ ފިރިމީހާ އެއްކުރި ވަރަށް އަގުބޮޑު ކަލެކްޝަނެކެވެ. ބްރެޒިލްގެ އެންމެ މަޝްހޫރު އާޓް ކަލެކްޓަރުގެ ކަލެކްޝަނެކެވެ. އޭގެ ތެރޭގައި ބްރެޒިލްގެ އިހުގެ އެންމެ މަޝްހޫރު ކުރެހުންތެރިންގެ ކުރެހުންތައްވެސް ހިމެނެއެވެ.

މި ވައްކަން ކުރުމަށް އެދެމަފިރިންގެ އަންހެން ދަރިފުޅު ބޭނުންކުރީ ފާލުބަލައި ފަންޑިތަ ހަދައިއުޅޭ މީހެކެވެ. މިމީހަކު މުސްކުޅި އަންހެންމީހާޔަށް ވިސްނައިދިނީ މި ކުރެހުންތަކަކީ ވަރަށް ސުންޕާ ނުބައި ކުރެހުންތަކެއް ކަމަށާއި މިކަމާހެދި އެމީހާގެ ދަރިފުޅުވެސް ވަރަށް ބަލިވެ މަރުވާން ގާތްވެފައިވާ ކަމަށެވެ. އާއިލާޔަށް ފާގަތި ދުވަސްތަކެއް ލިބޭންއޮތީ ކުރެހުންތައް އެއްލާލައިގެން ކަމަށްވެސް ވިސްނައިދިނެވެ.

މިކަމަށް މުސްކުޅި އަންހެންމީހާ ރުހުނީމާ ދެންކުރި ކަމަކީ ކުރެހުންތައް ނަގައިގެން ގެންގޮސް ބްރެޒިލްގެ އެކިއެކި އާރޓް ގެލެރީތަކަށް ވިއްކައިލީއެވެ. ފުލުހުންގެ ސަމާލުކަމަށް މިކަން އައިއިރު ނުވިކި ހުރި ބައެއް ކުރެހުންތައް ގޮދަޑިދަށުގައިވެސް ފޮރުވާފައި ހުއްޓެވެ. މަންމަަޔަށް މަކަރާއި ހީލަތްހެދި އަންހެން ދަރިފުޅާއެކު މިކަމުގައި އޭނާއަށް އެހީތެރިވި ނަގުލީ ފަންޑިތަވެރިޔާވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.