ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: މުބާރާތް ހުޅުވުމުގެ އާދަކާދަޔާއި ހުޅުވާ މެޗަށް އަންނަމުންދާ ބަދަލުތައް

އިމާދު ލަތީފު

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް 1930 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނައިރު މުބާރާތް ހުޅުވާ މެޗަކީ ފައިނަލް މެޗުވެސް ފަދައިން ވަރަށް ކުލަގަދަ މެޗެކެވެ. އެންމެންގެ ސަމާލުކަން ލިބޭ މެޗެކެވެ. ވޯލްޑްކަޕް ސިލްސިލާގައި މިހާތަނަށް 21 މުބާރާތް ބޭއްވިފައިވާއިރު މުބާރާތް ހުޅުވާ މެޗުގެ ކަންކަން ތިންގޮތަކަށް ތަރުތީބު ކުރެވުނު ތިން ދައުރެއް ފާހަގަ ކުރެވެއެވެ. އެހެންވީމާ ވޯލްޑްކަޕް ބަހައިލަން ޖެހެނީ ތިން ދައުރަކަށެވެ. ފުރަތަމަ ދައުރަކީ 1930 ވަނަ އަހަރުން ފެށިގެން 1970 ވަނަ އަހަރާ ހަމަޔަށެވެ. މި ދައުރުގައި ހުޅުވާ މެޗަކީ ވަކި ކަންކަމަށް ބަލައިގެން ވަކި ބަޔަކަށް ޚާއްސަކުރެވޭ މެޗަކަށް ނުވެއެވެ. އިއްތިފާގުން ބައެއްފަހަރު މުބާރާތް ބާއްވާ ގައުމުވެސް ކުޅެން މެދުވެރިވެއެވެ. މީގެ މިސާލަކީ 1970 ގެ މެކްސިކޯ ވޯލްޑްކަޕެވެ. އެއްކޮޅުން ބައްދަލުކުރީ މެކްސިކޯއެވެ.

ދެވަނަ ދައުރަކީ 1974 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާ ހަމައެވެ. އެ ދައުރުގައި ހުޅުވާ މެޗުގައި އެއްކޮޅުން ކުޅެން ލާޒިމުވެފައި އޮތީ އެންމެ ފަހުގެ ޗެމްޕިއަނަށެވެ. ދެކުނު ކޮރެޔާ އާއި ޖަޕާނުގައި 2002 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕް ހުޅުވައިދިނީ ފްރާންސާއި ސެނެގޯލްގެ ކުރިމަތިލުމަކުންނެވެ. ފްރާންސަކީ އޭރު ޑިފެންޑިން ޗެމްޕިއަނެވެ. ދެން އޮތީ ތިންވަނަ ދައުރެވެ. އެއީ 2006 ވަނަ އަހަރުން ފެށިގެން ދެމިގެން އަންނަ ދައުރެވެ. މި ދައުރުގައި ވޯލްޑްކަޕް ހުޅުވާ މެޗުގައި އެއްކޮޅުން ކުޅެން ލާޒިމުވަނީ މުބާރާތް ބާއްވާ ގައުމަކަށެވެ. އެންމެފަހުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވުނު ވޯލްޑްކަޕް ހުޅުވަައިދިނީ ރަޝިޔާއާއި ސައޫދީ އަރަބިޔާގެ ކުރިމަތިލުމަކުންނެވެ. އެ މެޗު ދާދި ފަސޭހަކަމާއެކު ފަހެއް ސުމަކުން ކާމިޔާބުކުރީ ރަޝިޔާއިންނެވެ.

ގަތަރުގައި މިއަހަރު ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޝެޑިއުލް ފީފާއިން އިއުލާންކުރިއިރު މުބާރާތުގެ ފުރަތަމަ މެޗުގެ ގޮތުގައި ހަމަޖައްސާފައި އޮތީ ނެދަރލޭންޑްސް އާއި ސެނެގޯލްގެ މެޗެވެ. މިހެން މިކަން ހަމަޖެހުނީމާ ގަބޫލު ކުރެވުނީ ޓީމު އޭޔާއި ޓީމު ބީގެ އުސޫލު އަނެއްކާވެސް ރުޖޫއަކޮށް ވޯލްޑްކަޕުގެ އެންމެ ފުރަތަމަ ދައުރު ފީފާގެ ފަރާތުން އިއާދަކުރަނީ ކަމުގައެވެ. ނެދެރލެންޑްސް އާއި ސެނެގޯލަށް ބަލާއިރު މިއިން އެއްވެސް ގައުމަކީ މުބާރާތް ބާއްވާ ގައުމެއް ނޫނެވެ. އަދި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނެއްވެސް ނޫނެވެ. މުބާރާތް ބާއްވަނީ ގަތަރުގައެވެ. އެންމެފަހުގެ ޗެމްޕިއަނަކީ ފްރާންސެވެ. އެހެންވީމާ މިއިން އެއްވެސް ގައުމެއްނެތި މުބާރާތުގެ ފުރަތަމަ މެޗު ތަރުތީބުވެގެން އައިގޮތުން ގިނަބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ.

ގަތަރު ވޯލްޑްކަޕަކީ ހުރިހާ ގޮތަކުންވެސް އިންގިލާބީ ވޯލްޑްކަޕެކެވެ. މީގެކުރިން ވޯލްޑްކަޕް ބޭއްވެމުން އައީ ހޫނު މޫސުމުގައެވެ. ޖޫންޖުލައިގައެވެ. މިފަހަރު މިކަން މިކުރަނީ ފިނި މޫސުމުގައެވެ. ނޮވެމްބަރު ޑިސެންބަރުގައެވެ. އެހެންވީމާ ކުރީގެ ކަންކަން ބަދަލުކުރަން ފީފާއިން ބޭނުންވީ ކަމަށްވެސް ވެދާނެއެވެ. އެހެންކަމަށްވިޔަސް ފީފާއިން މިހާރުދަނީ މި މުބާރާތް ހުޅުވާ މެޗުގެ ޝެޑިއުލަށް ވަރަށް ބޮޑު ބަދަލެއް ގެނައުމަށް ވިސްނަމުންނެވެ. އެހެންވީމާ ހުޅުވާ މެޗުގައި ބައްދަލުކުރާ ދެ ޓީމާއި މެޗު ކުޅޭ ތާރީޚަށް ބަދަލު އައުމަކީ މިހާރު ވަރަށް އެކަށީގެންވާ ކަމެކެވެ. ކުރީގެ ނިންމުން ބަދަލުކޮށް މުބާރާތް ބާއްވާ ގައުމު ހިމެނޭގޮތަށް ހުޅުވާ މެޗު ހަމަޖެހިގެން ދިއުމަކީ މިހާރު ވަރަށް އެކަށީގެންވާ ކަމެކެވެ. އެކަން އެހެން ހަމަޖެހެން މެދުވެރިވާ ސަބަބަށް ބަލައިލަމާބަހީއެވެ.

ހަވާއެރުވުމުގެ ރަސްމިއްޔާތަކާއި ލަވަކިޔުމާއި ސަގާފީ ނެށުންތަކުގެ މައްޗަށް އެކުލެވޭ ހަރަކާތްތަކެއް ބޭއްވުމަކީ ވޯލްޑްކަޕްގެ ފުރަތަމަ މެޗު ކުޅުމުގެ އިރުކޮޅެއް ކުރިން މުބާރާތް ހުޅުވުމަށްޓަކައި އަބަދުވެސް ކުރެވޭ ކަމެކެވެ. މިފަހަރު ފީފާއިން ހަމަޖައްސާފައި ކުރިން އޮތީ ހަވާއެރުވުމާއި ލަވަކިޔުމުގެ ކަންކަން ގަތަރާއި އިކުއެޑޯރ ބައްދަލުކުރާ މެޗަށް ތާވަލް ކުރުމަށެވެ. އޮރިޖިނަލް ޝެޑިއުލް ބުނާގޮތުން މި މެޗުގެ ކުރިން އެހެން ދެ މެޗެއް ކުޅެވޭނެއެވެ. އެއީ ނެދަރލެންޑާއި ސެނެގޯލްގެ މެޗާއި އީރާނާއި އިންގްލެންޑުގެ މެޗެވެ. އެހެންވީމާ ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން ދެ މެޗެެއް ކުޅެވެނީއެވެ. މި ނިންމުން ބަދަލުކޮށް ހުޅުވުން ހަގީގީ ހުޅުވުމަކަށް ހަދައިދިނުމަށް ވަރަށް ގިނަ އެސޯސިއޭޝަންތަކުން މިހާރު ފީފާޔަށް ވަނީ ހުށައަޅައިފައެވެ.

ފީފާޔަށް މިހާރު ހުށައެޅިފައިވާ ޕްލޭނުގައި އޮތީ މުބާރާތް ހުޅުވުން އެއްދުވަހަށް އަވަސްކޮށް ނޮވެމްބަރު ވިހީގައި މުބާރާތް ފެށުމަށެވެ. ހުޅުވުމުގެ ރަސްމިއްޔާތުވެސް އެދުވަހު ބޭއްވުމަށެވެ. ގަތަރާއި އިކުއެޑޯރުގެ މެޗުގެ ތާރީޚު އަވަސްކޮށް އެ މެޗުން ވޯލްޑްކަޕް ފެށުމަށެވެ. މިކަމާމެދު ފީފާއިން ވަރަށް އަވަހަށް ގޮތެއް ނިންމާނެއެވެ. މި ނިންމުން ނިންމާނީ ފީފާގެ ހަ ކޮންފެޑެރޭޝަނުގެ ވެރިންނާއި ފީފާގެ ރައީސް ޖިއާންނި އިންފަންޓީނޯގެ ވޯޓަކުންނެވެ. ވަރަށް ބޮޑަށް ޔަގީންކުރެވޭ ގޮތުގައި އެންމެންގެ އިއްތިފާގުން މި ބަދަލު ފާސްކުރާނެއެވެ. އެހެންވެއްޖެނަމަ މުބާރާތް ހުޅުވުމުގެ އާދަކާދަޔަށް އިންގިލާބީ ބަދަލެއް ނުގެނެސް 2006 ވަނަ އަހަރުން ފެށިގެން ދެމިގެން އަންނަ ދައުރު ދެމެހެއްޓޭނެއެވެ. މިބަދަލު ގެނަޔަސް މުބާރާތުގެ އެހެނިހެން މެޗުތަކަށް މާބޮޑު އެނގުމެއް ނުވާނެއެވެ.