އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 07

އަބްދުﷲ ފާރޫގް ހަސަން

(05 އޯގަސްޓުގެ އަދަދާ ގުޅޭ)

އެހުށަހެޅުއްވުމަކީ ޢީސާއީ ކުދީންގެ ތެރެއިން ހެދޭ ނޫކަށިފުރައިގެ ގަދަފަދަ ޒުވާން ކުދީންތަކެއް ހޮއްވަވައިލެއްވުމެވެ. ވިސްނުންތެރި، ކެރޭ ކުދީންނެވެ. އެކުދީން ގެންދެވެނީ އިސްލާމްދީނާމެދު ޝައުޤުވެރިވާފަދަ މާޙޫލަކަށެވެ. އެކުދީން އިސްލާމްވުމުން އެކުދީންނަށް ގަވާއިދުން ޢަސްކަރީ ތަރުބިޔަތު ދިނުމެވެ. އެއަށްފަހު އެކުދީންނަކީ މުސްތަޤިއްލު ލަޝްކަރަކަށް ހެއްދެވުމެވެ. اُرْخَـــان އެހުށަހެޅުއްވުމާ ހިތްޕުޅާ ހަމަކުރެއްވިއެވެ. اُرْخَـــان އެންމެފުރަތަމަ އަހަރުވެސް ޢީސާއީ އެއްހާސް ކުދީން ހޮއްވެވިއެވެ. ދެވަނަ އަހަރުވެސް މިގޮތަށް އެއްހާސް ކުދީން ހޮއްވެވިއެވެ. މި ސިލްސިލާ ތިންސަތޭކައަހަރު ވަންދެން އެގޮތަށް ކުރިޔަށް ދިޔައެވެ. އެއަހަރަކު ހޮއްވަވަން ބޭނުންފުޅުވާ އެއްހާސް ކުދީން ހަމަނުކުރެއްވިއްޖެ ކަމުގައިވާނަމަ ހަނގުރާމައިގައި ހައްޔަރުވާ ޢީސާއީ ކުދީންގެ ތެރެއިން ކުދީން ހޮއްވަވައި އެ ޢަދަދު ހަމަކުރައްވަނީއެވެ. އެ ލަޝްކަރުގެ ނަމަކީ "ޔަންގްޗަރީ ފައުޖެވެ." އާދެ، އައުލަޝްކަރެވެ. اُرْخَـــان އެ ލަޝްކަރަށް ވަރުގަދަޔަށް ތަމްރީނު ދެއްވިއެވެ. ފުރިހަމަޔަށް ހަމަހިފެހެއްޓުމާއި ނިޒާމަށް ތަބާވާން އާދަކުރުއްވިއެވެ. ތަމްރީނުކުރެއްވީ ސީދާ اُرْخَـــان ގެ ބެއްލެވުމުގެ ދަށުންނެވެ. އެ ލަޝްކަރު ތައްޔާރުކުރެއްވުމަށްފަހު އެ ލަޝްކަރުގެ އެންމެފުރަތަމަ ގެމަ ގެންދެވީ ޙާޖީ ބިކްޠާޝްގެ އަރިހަށެވެ. އޭނާއަކީ އޭނާގެ ޒާހިދުކަމާއި ތަޤްވާވެރިކަމުގެ ސަބަބުން މުޅި ތުރުކިއޭގައި މަޝްހޫރު ބޭކަލެކެވެ. اُرْخَـــان ޙާޖީ ބިކްޠާޝްގެ އަރިހުން އެދިވަޑައިގެންނެވީ އެ ލަޝްކަރުގެ ޙައްޤުގައި ދުޢާކޮށްދެއްވުމަށެވެ. ޙާޖީ ބިކްޠާޝް އެ ލަޝްކަރަށް ފަތަޙައާއި ނަޞްރު ދެއްވުން އެދިވަޑައިގެން ދުޢާކުރެއްވިއެވެ. ޔަންގްޗަރީ ނުވަތަ ޔެނިޗަރީ ފައުޖުގެ ނަން ދެއްވީ އޭނާއެވެ. ޢުޘްމާނީ ރަސްކަން ކުރިއަރައިގެންދިޔަ އެންމެފުރަތަމަ ތިންސަތޭކަ އަހަރުގެ ތެރޭގައި ހޯދުނު ގިނަ ފުތޫޙާތުތަކަކީ އެ ލަޝްކަރުގެ ފުރިހަމަ މަސައްކަތުގެ ނަތީޖާއެވެ.

ޔެނިޗަރީ ލަޝްކަރުގެ ޒުވާންކުދީން އެކުދީންގެ ވަޒަނާއި މައިންބަފައިންނާއި ދީން ދޫކޮށްލުމަށްފަހު އެކުދީންގެ ހުރިހައި އުންމީދުތަކެއްވެސް ގުޅައިލެވިފައި އޮންނާނީ ރަސްގެފާނުގެ ޢިނާޔަތާއެވެ. ޢުޘްމާނީ ދައުލަތަށް ޚިދުމަތްކުރުމާއި އިސްލާމްދީން ޙިމާޔަތްކުރުމަކީ އެކުދީންގެ ޙަޔާތުގެ މޮޓޯއެވެ. ޢުޘްމާނީ ރަސްރަސްކަލުން ޔެނިޗަރީ ލަޝްކަރަށް ފުރިހަމަޔަށް އިތުބާރު ކުރެއްވިއެވެ. ރަސްރަސްކަލުން އަބަދުވެސް އެ ލަޝްކަރަށް އިނާމުތަކާއި ބަޚުސީސުތައް ދެއްވަމުން ގެންދެވިއެވެ. (ދައުލަތެ ޢުޘްމާނިއްޔާ – 26، 27، 28)

މުސްލިމް މުއައްރިޚު މައުލާނާ އަކްބަރު ޝާހު ޚާން ނަޖީބުއާބާދީ ވިދާޅުވެފައިވެއެވެ. މިހާރަކަށްއައިސް ބައެއްމީހުން ޔެނިޗަރީ (ޔަންގްޗަރީ) ލަޝްކަރާ ބެހޭގޮތުން ވާހަކަ ދައްކައެވެ. "އެއީ ޢީސާއީންގެ އަތުން އަތުލެވުނު އަނިޔާވެރި ޓެކުހެކެވެ. އެބައިމީހުންގެ ދަރީން އެބައިމީހުންގެ އަތުން ފިރުކައިގަނެ ގަދަކަމުން އިސްލާމްކުރުވުމަށްފަހު ޢީސާއީންނާ ދެކޮޅަށް ބޭނުންކުރީއެވެ." ނަމަވެސް ޙަޤީޤަތް އޮތީ މީގެ އިދިކޮޅަށެވެ. ޔެނިޗަރީ ފައުޖުގެ ދިރިއުޅުން ހުންނަނީ ނުހަނު ޗާރާކޮށެވެ. ޝަރަފުވެރިކޮށެވެ. އެއީ ޢުޘްމާނީ ރަސްރަސްކަލުން އެންމެ ލޯބިފުޅުކުރެއްވި ޚާއްޞަ ލަޝްކަރެވެ. އެތަން ފެނުމުން ޚުދު ޢީސާއީން ބޭނުންވީ އެބައިމީހުންގެ ދަރީން ރަސްރަސްކަލުންގެ ތަރުބިޔަތަށް ދޫކުރާށެވެ. އެހެނީ ލަޝްކަރަށް ހޮވުމަށްފަހު އެކުދީންގެ ކުރިމަތީގައިއޮތީ ނުހަނު އަލި އެހައިމެ ބާއްޖަވެރި މުސްތަޤްބަލެއްކަން އެމީހުނަށްވަނީ ތަޖުރިބާ ކުރެވިފައެވެ. ރަސްގެފާނުގެ ލަޝްކަރަށް ހޮވުމަށްފަހު އެކުދީންނާ ދިމާޔަށް އިސްއުފުލައި ބަލައިލާންކެރޭ ބަޔަކު ނުއުޅެއެވެ. އެކަމަށް ބެލެނިވެރީންގެ ތަރުޙީބު އޮންނަވަރުން ކޮންމެ އަހަރަކުވެސް ކުރިމަތިލާ ކުދީންގެ ތެރެއިން އެތައް ކުދީންނެއް ނުހޮވިދެއެވެ. (326)

ޔެނިޗަރީއާއި ޕިޔޭދޭގެ އިތުރަށްވެސް عـلاءالــدّيـــن ބައެއް ލަޝްކަރުތައް އުފެއްދެވިއެވެ. ސިފައިންގެ ލަޝްކަރުތައް އުފެއްދެވުމާއި އަދި މިނޫންވެސް ޢަސްކަރީ އެތައް އިޞްލާޙުތަކެއް عـلاءالــدّيـــن ގެންނެވިއެވެ. އެފަދަ ނަމޫނާއެއް އެއްސަތޭކަ އަހަރުގެ ތެރޭގައިވެސް ޔޫރަޕަކަށް ހުށަހަޅައެއް ނުލެވުނެވެ. އެޑްވަޑް ކްރޭޒީ ވިދާޅުވާގޮތުގައި މިޒަމާނުގެ މުސްތަޤިއްލު ސިފައިންގެ ލަޝްކަރުތަކުގެ ފެށުމެއްކަމުގައި ޢާންމުގޮތެއްގައި ބަލަނީ ފަރަންސޭސިވިލާތުގެ ރަސްގެފާނު ޗާލްސް ހަތެއްގެ ސިފައިންގެ މުސްތަޤިއްލު ފަނަރަ ގެމައެވެ. އެކަމަކު އެ ގެމަތައް ވުޖޫދަށްއައީ اُرْخَـــان މުސާރަދެއްވާ ސިފައިން އުފެއްދެވިތާ ސަތޭކަ އަހަރު ފަހުންނެވެ. (ޞަފުޙާ: 13) ލޭންޕޫލް ވިދާޅުވާގޮތުގައި ޢަސްކަރީ އިންތިޒާމުތަކުގެ މައްޗަށް ބަލާއިރު ޢުޘްމާނީ ރަސްކަމުގެ ޙަޤީޤީ ބާނީއަކީ عـلاءالــدّيـــن އެވެ. (ޞަފުޙާ: 20)

މުސްލިމު ތުރުކިއޭއިންގެ ފައިތިލަތައް ޔޫރަޕުގައި

ޤުދުރަތުން ރުހިވޮޑިގެންވަނީ ތުރުކިއޭ މުޖާހިދުންގެ ވެރިކަމެއް ޔޫރަޕުގައި ޤާއިމުވުމަށެވެ. އެބައިމީހުންގެ މަތިވެރި އަދި ފަޚުރުވެރިވުން ޙައްޤު މަސައްކަތްތަކުން އިސްލާމްދީނުގެ މަތިވެރިކަމާއި ޢިއްޒަތާއި ކަރާމަތާއި ކީރިތި މޫރިތިކަން އިތުރު ފުރިހަމަކަމާއެކު ދުނިޔެއަށް ފާޅުވުމަށެވެ. އެހެންކަމުން ޤުދުރަތުންވަނީ މުސްލިމު ތުރުކިއޭއިންގެ ފައިތިލަތައް ޔޫރަޕަށް ގެންދިއުމަށްޓަކައި ކުރީން ލަފާކުރެވިފައިވެސް ނެތްފަދަ ފުރުޞަތެއް ފަހިކޮށްދެއްވައިފައެވެ. މުސްލިމު ތުރުކިއޭއިންގެ ފައިތިލަތައް އެންމެފުރަތަމަ ޔޫރަޕަށް ފޯރީ ކިހިނަކުންތޯއެވެ؟ އެވާހަކައަކީ ޝައުޤުވެރި އަދި ޢިބްރަތްތެރި ވާހަކައެކެވެ. މުއައްރިޚަކު އެވާހަކަ ބަޔާންކުރައްވައިފައިވަނީ އަންނަނިވި މޭރުމުންނެވެ.

"ޔޫރަޕުގެ ރަސްރަސްކަލުންނާއި اُرْخَـــان އާ ދެމެދު އެއްބަސްވެވަޑައިގެންފައިވާގޮތުން اُرْخَـــان އަކަށް ޔޫރަޕަށް ވެދެވަޑައިގެންނެވޭކަށެއްނެތެވެ. اُرْخَـــان އަކީ ނިހާޔަތަށް ވަޢުދަށް ޙުރުމަތްތެރިކޮށް ހިއްތަވާ ބޭފުޅެކެވެ. އެދުވަސްވަރުގެ ޔޫރަޕުގެ ރަސްރަސްކަލުންނަށްވުރެ ބާރުފުޅުގަދަ ރަސްކަލަކަށް ވެވަޑައިގެންނެވުމާއެކުވެސް اُرْخَـــان އޭނާގެ ވަޢުދަށް ވަފާތެރިވެވަޑައިގެންނެވިއެވެ. އެކަމަކު ޤުސްޠަންޠީނިއްޔާގެ ތަޚްތާމެދު ޔޫނާނީންގެ ދެކޮޅުވެރި ދެ ގްރޫޕުން (ގްރޭންޑް ޗާންސެލަރ) ކަންޓަކުޒިނޯސްއާއި މަލަކާ އާނާ - ތުއްޕުޅު ޝަހެންޝާހު ޖޯން ފެލިއޮލޮގޯސް(John Paloeologus) އާ ދެމެދު އެދުވަސްވަރު ހަނގުރާމަ ފެށިއްޖެއެވެ. ގްރޭންޑް ޗާންސެލަރ اُرْخَـــان ގެ އަރިހުން ހަހާސް އަސްވާރުންގެ އެހީފުޅަކަށް އެދިވަޑައިގެންނެވިއެވެ. اُرْخَـــان އެ އެހީ ފޮނުއްވިއެވެ. ގްރޭންޑް ޗާންސެލަރ ވަނީ އޭނާގެ ދަރިކަނބަލުން ތިއަޑޯރާއާ اُرْخَـــان ކާވެނިކޮށްދެއްވައިފައެވެ. އޭނާއަކީ ރަޙްމަތްތެރިކަމަށް އެކަށީގެންވާ ބޭފުޅެއްކަން اُرْخَـــان އަށް ސާބިތުކޮށްދެއްވައިފައެވެ."

اُرْخَـــان ފޮނުއްވި ހަހާސް އަސްވާރުންނަކީ އޭނާގެ ރަސްމީ ފައުޖުގެ ތެރެއިން ހޮއްވަވައިލެއްވި ހަހާސް އަސްވާރުންނެވެ. އެމީހުން ޔޫނާނު އައްސޭރިޔަށް ފައިބައި ޤުސްޠަންޠީނިއްޔާއަށް ދިޔައިރު މަސްރަޙުވަނީ ބަދަލުވެފައެވެ. މަލަކާ އޭނާއާއި އޭނާގެ ބައިވެރީން ހަތިޔާރު ބަހައްޓަވައިފިއެވެ. ގްރޭންޑް ޗާންސެލަރ ކެންޓަކުޒީ ނޯސާއީ މަލަކާއާއި ތުއްޕުޅު ޤައިސަރަކީ ޔޫނާނީ ތާޖާއި ތަޚުތުގެ ހަމަހަމަ ވެރީންކަމުގައި އެއްބަސްވެވަޑައިގެންފައެވެ. ޢުޘްމާނީ ސިފައިން އެބައިމީހުންގެ ވެރިކަމުގެ ސަރަޙައްދަށް އެނބުރި އަތުވެއްޖެއެވެ.

އަނެއްކާވެސް ދުވަސްކޮޅަކުން ސާވިޔާގެ ރަސްގެފާނު ޤުސްޠަންޠީނިއްޔާއަށް ޙަމަލަ ދެއްވައިފިއެވެ. ޤުސްޠަންޠީނިއްޔާއިން އަނެއްކާވެސް اُرْخَـــان ގެ އަރިހުން އެހީއަށް އެދިއްޖެއެވެ. اُرْخَـــان އެފަހަރު ފޮނުއްވީ ވިހިހާސް ސިފައިންނެވެ. ހުސިޔާރު ސިޔާސީ މުދައްބިރު اُرْخَـــان މިގޮތުން އޭނާގެ އެކުވެރީންނަށް އެހީވެދެއްވިއިރު އެއްދޮނުގައި ދެބުޅި ޖެއްސެވިއެވެ. ޔޫނާނީންނަށް އޭނާ ހާމަކޮށްދެއްވީ އޭނާގެ ލަޝްކަރުގެ ޤާބިލުކަމެވެ. ވަރުގަދަކަމެވެ. ކުޅަދާނަކަމެވެ. ވިހިހާސް ސިފައިން އިސްލާމީ ދިދަ ވިހުރުވަމުން اللّــه أكـبــــــر ގެ ނަޢުރާ ކުރަމުން މާޗުކޮށްފައި ޤުސްޠަންޠީނިއްޔާއަށް ދިޔައިރު ޔޫނާނީން ތިބީ އަނގައިން ކުޅުހިކިފައެވެ. اُرْخَـــان ގެ ސިފައިންނާއި ސާވިޔާގެ ރަސްގެފާނުގެ ސިފައިންނާ ދެމެދު ވަރަށް ވަރުގަދަ ހަނގުރާމައެއް ހިނގިއެވެ. ބަލިވީ ސާވިޔާގެ ރަސްގެފާނެވެ. އޭނާ ފިލައިވަޑައިގެން ވަޑައިގެންފިއެވެ.

اُرْخَـــان ގެ ވިހިހާސް ސިފައިން ސާވިޔާގެ ރަސްގެފާނު ބަލިކޮށް ފައްސައިލުމަށްފަހު އެނބުރި އަތުވެއްޖެއެވެ. އެކަމަކު އެމީހުން ޤުސްޠަންޠީނިއްޔާގެ އަހްލުވެރީންނަށާއި ޢާންމުކޮށް ޔޫނާނީންނަށް ސާބިތުކޮށްދިނީ މުސްލިމު ސިފައިން ޔޫނާނީ ސިފައިންނަށްވުރެ މާބާރުގަދަކަމެވެ. ޢަސްކަރީގޮތުން މާމޮޅުކަމެވެ. މާކުޅަދާނަކަމެވެ. ޢުޘްމާނީ ސިފައިންނަކީ ބަލިކޮށްނުލެވޭނެ ބާރެއްކަމެވެ. اُرْخَـــان ގެ ލަޝްކަރު ޔޫނާނީންގެ ހިތްތަކުގައި ބިންވަޅު ނެންގީ ހުސްއެކަނި އެލަޝްކަރުގެ އާރާއި ބާރުގެ ހަނދާންތަކެއް ނޫނެވެ. މުސްލިމު ތުރުކިއޭއިންނަކީ މުސީބަތުގެ ވަގުތުގައި އިތުބާރު ކުރެވިދާނެވެސް ބައެއްކަމެވެ. އޭގެ ހަތަރުއަހަރު ފަހުން އަނެއްކާވެސް ކަންޓަކުޒިނޯސް اُرْخَـــان ގެ އެހީފުޅަށް އެދިވަޑައިގެންނެވީ އެހެންވެގެންނެވެ.

ކަންޓަކުޒިނޯސް އެފަހަރުވެސް އެހީއަށް އެދިވަޑައިގެންނެވީ އޭނާއާއި ޖޯން ފެލިއޮލޮގޯސް އާއި މަލަކާ އާނާއާ ތިންބޭފުޅުންގެ މެދުގައި އަނެއްކާވެސް ދެކޮޅުވެރިކަން އުފެދިގެންނެވެ. اُرْخَـــان އެފަހަރުވެސް ވިހިހާސް އަސްވާރުން ފޮނުއްވައިދެއްވިއެވެ. اُرْخَـــان އެ ލަޝްކަރާއެކު އޭނާގެ ޤާބިލު ދަރިކަލުން سـليمـان يــاشــا ވެސް ފޮނުއްވިއެވެ. ތުރުކިއޭއިންގެ ކުރީގެ ލަޝްކަރު ފަދައިން މިފަހަރުގެ ލަޝްކަރުވެސް އެލަޝްކަރުގެ މަޤްޞަދުގައި ކާމިޔާބު ހޯދިއެވެ. ކަންޓަކުޒިނޯސް އޭނާގެ ދުޝްމިނުންގެ ބަދަލުގައި ޔޫނާނުގެ ތާޖާއި ތަޚުތު ލިބިވަޑައިގެންފިއެވެ. ޝަހެންޝާހު އެކަމާ އުފާފުޅުން ޔޫނާނުގެ އައްސޭރީގެ މުހިންމު ކިއްލާއެއްކަމުގައިވާ ޒެމްޕު (TZYMPE) ޢުޘްމާނީ ސިފައިންނާ ޙަވާލުކުރެއްވިއެވެ. سـليمـان ނުހަނު ދުރަށް ވިސްނައިވަޑައިގެން އެކިއްލާއަށް އޭނާގެ ލަޝްކަރު ބާލުއްވައިފިއެވެ. އެގޮތުން ޔޫރަޕުގެ އައްސޭރީން މުސްލިމުންނަށް ފައިތިލަ ސާބިތުކޮށްލެވޭނެ މަރުކަޒެއް ލިބިއްޖެއެވެ. "ދައުލަތެ ޢުޘްމާނިއްޔާ" ގެ މުޞަންނިފު ލިޔުއްވާގޮތުގައިވެސް ޒެމްޕު ކިއްލާ މުސްލިމުންނަށް ދެއްވީ ޚުދު ކެންޓަކުޒިނޯސެވެ. ދެފަރާތުގެ ދެމެދުގައި ކުރެވުނު މުޢާހަދާއެއްގެ ދަށުންނެވެ. ނަމަވެސް ޢީސާއީ ބައެއް މުއައްރިޚުން ލިޔުއްވާގޮތުގައި سـليمـان އެކިއްލާ ހިއްޕެވީއެވެ.

ޔޫރަޕަށް ވަނުމުގެ ތަމްހީދު

މުއައްރިޚުން ލިޔުއްވާގޮތުގައި އެދުވަސްވަރު ތުރޭސަށް ވަރަށް ވަރުގަދަ ޒަލްޒަލާއެއް އަތުވެއްޖެއެވެ. އޭގެސަބަބުން ވަރަށްގިނަ ރަށްރަށުގެ ބޭރުފާރު ވެއްޓިއްޖެއެވެ. އޭގެތެރެއިން އެއްރަށަކީ ގަލިޕޮލީ (Gallipoli) އެވެ. އެރަށް އޮންނަނީ ޒެމްޕާ ދާދިކައިރީގައެވެ. سـليمـان އޭނާގެ ލަޝްކަރާއެކު އެދިމާޔަށް ވަޑައިގެން އެރަށް ހިއްޕަވައިފިއެވެ. އެރަށުގައިވެސް އޭނާގެ ލަޝްކަރެއް ޢައްޔަންކުރައްވައިފިއެވެ. ގަލިޕޮލީއާއި ޓްރަމްޕަކީ ދަރުދާނިޔާލުގެ ޔޫރަޕީ އައްސޭރީގެ ރަށްރަށެވެ. މުސްލިމުންގެ މަތިވެރި ކޮމާންޑަރެއްކަމުގައިވާ سـليمـان يــاشــا އެރަށްރަށް ފަތަޙަކުރައްވައި ޔޫރަޕުގެ އައްސޭރީން އެހޯއްދެވީ މުސްތަޤްބަލުގައި ޤުސްޠަންޠީނިއްޔާ ފަތަޙަކުރާންދިޔަ އިސްލާމީ ލަޝްކަރަށް ވަރަށްބޮޑު އެހީތެރިކަމެކެވެ. سـليمـان يــاشــا އެރަށްރަށުގެ ބޭރުފާރު މަރާމާތުކުރައްވައި ވަރުގަދަކުރެއްވިއެވެ. އެސަރަޙައްދު ޢުޘްމާނީ ރަސްކަމުގައި ހިމަނުއްވައިލެއްވިއެވެ. އެކަށީގެންވާ ދިފާޢީ ބާރެއް ޤާއިމުކުރެއްވިއެވެ.

ލީންޕޫލު ލިޔުއްވާގޮތުގައި ޒަލްޒަލާގެ ސަބަބުން ގަލިޕޮލީގެ ބޭރުފާރު ވެއްޓުމުން އެރަށުގެ އަހްލުވެރީން ބިރުން ރަށް ދޫކޮށްލައިފައި ފިލައިގެން ހިނގައްޖެއެވެ. ތުރުކީން އެވީރާނާ ސަރަޙައްދު ހިފައިފިއެވެ. "ދައުލަތެ ޢުޘްމާނިއްޔާ" ގެ މުޞަންނިފު ޒެމްޕާއީ ގަލިޕޮލީގެ ހާދިސާ ބަޔާންކުރައްވަނީ އަންނަނިވި ޢިބާރާތުންނެވެ.

(ނުނިމޭ)