އެފްއޭއެމް ދެވަނަ ޑިވިޝަނުގައި ރޭ ކުޅުނު މެޗުގައި މަހިބަދޫ ސްޕޯޓްސް ކްލަބާ އެއްވަރުކޮށް، ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ރޭ ގައުމީ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗު އެއްވަރުވީ 5-5 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު ނިއުއަށް ސެމީއަށް ދާން ބޭނުންވެފައި އޮތީ ޕޮއިންޓެކެވެ. މޮޅެއް ހޯދައިގެން ގްރޫޕުގެ އެއްވަނަ ހޯދުމުގެ ބޮޑު ފުރުސަތެއް ނިއުއަށް އޮތް އިރު، ރޭގެ ނަތީޖާއާއެކު ނިއު ސެމީއަށް ދިޔައީ ގްރޫޕް ދޭއްގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ.
ނިއު ހިމެނޭ ގްރޫޕުގެ އެއްވަނަ ކްލަބު ޓީނޭޖުން ހޯދި އިރު، ނިއުއިން ސެމީގައި ކުޅެން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ބުރު ސެމީއަށް ދިޔައީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. ކްލަބު ޓީނޭޖުން ސެމީގައި ކުޅޭނީ އަނެއްކޮޅުން ދެވަނައިގައި ފައިނަލަށް ދިޔަ ކުޑަ ހެންވޭރު ޔުނައިޓެޑާ ދެކޮޅަށެވެ.
ނިއުއިން ރޭގެ މެޗު ފުރަތަމަ މިނެޓު ތެރޭގައި ލީޑު ނެގިއެވެ. އެ ގޯލަކީ އާދަމް ޝަހީމް (އާނާ) ނެގި ހުރަހަކުން މަހިބަދޫގެ މުހައްމަދު އައިހަމް އަންވަރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ 10 ވަނަ މިނިޓްގައި ނިއު އިން ލީޑުފުޅާކުރީ ގާނާގެ މިޑްފީލްޑަރު ތޯރިގު ޖެބްރިން ޖެހި ގޯލުންނެވެ.
މެޗުގެ 29 ވަނަ މިނިޓްގައި ނިއުގެ ތިން ވަނަ ގޯލު ޖެހީ ގާނާގެ ފޯވާޑް، ކޯފީ އޮވޫސޫއެވެ. ފުރަތަމަ ހާފު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ކޯފީ ވަނީ ނިއުގެ ހަތަރު ވަނަ ގޯލެއް ޖަހައި ލީޑު ބޮޑުތަނުން ފުޅާކޮށްފައެވެ. އަދި ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ނިއުއިން ފަސްވަނަ ގޯލެއް ޖަހައި، ވަރަށް ބޮޑަށް ހަމަޖެހިލިއެވެ. އެ ގޯލު ޖެހީ އުޒްބެކިސްތާންގެ މިޑްފީލްޑަރު ފާރޫގް ހައިދަރޯފްއެވެ.
ފަސް ގޯލުގެ ލީޑެއް ލިބުމުން ނިއު މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް ފަހު 30 ވަރަކަށް މިނިޓް ތެރޭ މަހިބަދޫން ވަނީ ފަސް ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
މަހިބަދޫން ފުރަތަމަ ގޯލު ޖެހީ މެޗުގެ 62 ވަނަ މިނިޓްގައެވެ. ކައުންޓާ އެޓޭކެއްގައި އެ ގޯލު ޖެހީ އާދަމް ފަހުމާނެވެ. މެޗުގެ 75 ވަނަ މިނިޓްގައި ނިއުގެ ކީޕަރު މިފްދާދު އަހުމަދު އަތުން ދޫވި ބޯޅައެއް ހޯދައި ފަހުމާން މަހިބަދޫގެ ދެވަނަ ގޯލު ޖެހި އިރު، އޭގެ ދެމިނިޓް ފަހުން އޭރިއާތެރެއިން ހުރަސްވި ބޯޅައެއް ގޯލަށް ވައްދާލައި، ފަހުމާން އޭނާގެ ހެޓްރިކް ފުރިހަމަކުރިއެވެ.
ގޯލަކަށް ފަހު ގޯލެއް ޖަހަމުން އައިސް، މަހިބަދޫން މެޗުގެ 82 ވަނަ މިނިޓްގައި ހަތަރު ވަނަ ގޯލެއް ޖެހިއެވެ. އެ ގޯލު ޕެނަލްޓީއަކުން ކާމިޔާބުކުރީ އިބްރާހިމް ޝާތިރެވެ. މަހިބަދޫން އެއްވަރުކުރީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައެވެ. އެ ގޯލު ހިލޭ ޖެހުމެއްގައި ހުރަސް ކުރި ބޯޅައަކުން ޖެހީ އަލީ ޝާލިމެވެ.
ދެވަނަ ޑިވިޝަންގެ ދެ ސެމީ ފައިނަލް އޮތީ އަންނަ އާދިއްތަ ދުވަހުއެވެ. އެ ދުވަހު ހަވީރު ފުރަތަމަ ސެމީގައި ބުރު ސްޕޯޓްސް ކްލަބާއި ނިއު ކުޅޭނެއެވެ. އެރޭ ކުޅޭ ދެވަނަ ސެމީ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރާނީ ޓީނޭޖާއެވެ.
ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެ ޓީމެއް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދަން ކުޅެން ޖެހޭނީ ރެލިގޭޝަން ބުރެކެވެ. މި ބުރުގައި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަނާއި ރަނަރަޕާ ވާދަކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދިޔަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް