މާލޭގެ ޓީޖެޓީ ސަރަހައްދުގައި ބަނދަރުކުރާ ރަށްރަށުގެ ފެރީތަކުން އަނެއްކާވެސް މީޓަރަކަށް 10 ރުފިޔާ ނަގަން ފަށަން އެމްޕީއެލުން ނިންމައިފިއެވެ.
އެމްޕީއެލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކޮވިޑާ ގުޅިގެން އެ ބަނދަރަށް ކައިރިކުރާ އުޅަނދުތަކަށް ދީފައިވާ ލުއިތައް އުވާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ އެކަކުން ފެށިގެން އެ ލުއިތައް އުވާލަން ވަނީ ނިންމައިފައެވެ.
އެމްޕީއެލުން ބުނީ އެ ބަދަލު ގެންނަން ނިންމީ ކޮވިޑާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އުވާލައި އާންމު ހާލަތަކަށް ބަދަލުވެފައި ވާތީ ކަމަށެވެ.
ކޮވިޑާ ގުޅިގެން ދިން ލުއިތަކުގެ ތެރެއިން މިހާރު މާލެގެ ހުޅަނގު ދެކުނު ބަނދަރަށް ފެރީ ކައިރިކުރާ ވަގުތުން ފެށިގެން އުޅަނދުގެ ދިގުމިނުގެ މީޓަރަކަށް ގަޑިއަކު ނަގަމުން އަންނަނީ އެއް ރުފިޔާއެވެ. ނަމަވެސް އަންނަ މަހުން ފެށިގެން ކުރިންވެސް ނަގަމުން އަންނަ ގޮތަށް، އުޅަނދުގެ ބޮޑުމިނަށް ބަލައި މީޓަރަކަށް 10 ރުފިޔާ ނަގާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
މާލެ އާއި ވިލިނގިލީގެ ފަޅުގެ ގަވާއިދުގައިވާ ގޮތުން މާލެ ހުޅަނގު ބަނދަރުގައި އުޅަނދުފަހަރު އެޅުމަށް ދާއިމީ ހުއްދައެއް ދެނީ ދުވާލަކު މީޓަރަކަށް އެއް ރުފިޔާ ދައްކައިގެންނެވެ. އަދި ވަގުތީގޮތުން ފަޅުތެރޭގައި ދޯނި ބާއްވާ ފުރަތަމަ ތިން ދުވަހު މީޓަރަކަށް ދުވާލަކު 10 ރުފިޔާ ނަގާނެ ކަމަށާއި ދެވަނަ ދުވަހާއި ތިން ދުވަހަށް ނަގަނީ މީޓަރަކަށް ދުވާލަކު 15 ރުފިޔާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު