ޓޭބަލް ޓެނިސް

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ޓީޓީ އަންހެން ޓީމަށް ލޯ މެޑަލް، ރައީސްގެ މަރުހަބާ!

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ އަންހެން ޓީޓީ ޓީމުން ސެމީ ފައިނަލުގައި ވާދަކޮށް، ލޯ މެޑަލް ހޯދައިފިއެވެ.

ތުޔަޕް ފެއާ ސެންޓަރުގެ ޓީޓީ ކޯޓުގައި މިއަދު ކުޅުނު ސެމީގައި ރާއްޖެ ވާދަކުރީ ވަރުގަދަ އިރާނާ ދެކޮޅަށެވެ. އިރާނާ ދެކޮޅަށް ކުޅެން ރާއްޖެ ސީދާ ތިން މެޗުން ބަލިވި ނަމަވެސް ވަރުގަދަ ކުޅުމެއް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނެވެ. ހާއްސަކޮށް ދެވަނަ މެޗުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ވަނީ ނެޑާއާ ވާދަކޮށް ވަރުގަދަ ވާދައެއް ކޮށްފައެވެ.

މިއަދުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފާތިމަތު ދީމާ އަލީ ނުކުތީ އަސްތަރީއާ ދެކޮޅަށެވެ. އެ މެޗު އަސްތަރީ ގެންދިޔައީ 3-0 ގެ ނަތީޖާއަކުންނެވެ. ސެޓުތައް ގެންދިޔައީ 4-11، 8-11 އަދި 2-11 އިންނެވެ. ދެވަނަ މެޗަށް ރަފާ ނުކުތީ ނެޑާއާ ދެކޮޅަށެވެ. އެ މެޗު ނެޑާއަށް ގެންދެވުނީ 3-2 އިންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓު ރަފާ 11-9 އިން ގެންދިޔަ އިރު، ދެން ޖެހިގެން އައި ދެސެޓު ނެޑާ ގެންދިޔައީ 7-11 އަދި 4-11 އިންނެވެ. އެ ދެ ސެޓު ނެޑާ ގެންދިޔަ ނަމަވެސް ރަފާ ވަނީ ހަތަރުވަނަ ސެޓުގައި ހިތްވަރުކޮށް 12-10 އިން ސެޓު ގެންގޮސްފައެވެ. ޓައި ބްރޭކް ސެޓުގައި ރަފާ ބަލިވީ 8-11 އިންނެވެ.

ފަހު މެޗަކީ ޑަބަލްސް މެޗެކެވެ. އެ މެޗުގައި ރަފާއާއި ފާތިމަތު ޖުމާނާ ނިމާލް ނުކުތީ ނެޑާއާއި ޝިމާއާ ދެކޮޅަށެވެ. އެ މެޗުގެ ފުރަތަމަ ސެޓު އީރާން ޕެއާ ގެންދިޔައީ 11-9 އިންނެވެ. އެހެން ނަމަވެސް ރަފާއާއި ޖުމާނާ ވަނީ ދެވަނަ ސެޓު 12-10 އިންނެވެ. އެހެން ނަމަވެސް ނެޑާއާއި ޝިމާ ވަނީ ދެން ޖެހިގެން އައި ދެ ސެޓު 11-4 އަދި 11-5 އިން ގެންގޮސްފައެވެ.

މިއީ ސޮލިޑާރިޓީ ގޭމްސްގެ ޓީޓީން ރާއްޖެ ހޯދި ފުރަތަމަ މެޑަލްއެވެ. އަދި މިފަހަރަކީ ރާއްޖެއިން ބޮޑު މުބާރާތެއްގެ ސެމީއަށް ޓީޓީގައި ދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ. ކޯޗު ޝިއުރީ އިބްރާހީމް ބުނެފައިވަނީ މި ކާމިޔާބީއަކީ ރާއްޖޭގެ ރައްޔިތުންނަށް ހާއްސަ ކާމިޔާބީއެއް ކަަމަށާއި، ޓީޓީން އަނެއްކާވެސް ތާރީހު ލިޔެލެވުމުން އުފާކުރާ ކަމަށެވެ.

ޓީޓީ އަންހެން ޓީމުގެ ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މަރުހަބާ ދަންނަވައިފައެވެ. ރައީސް ވިދާޅުވީ ކުޅުންތެރިން ދެއްކި ހިތްވަރަަށް ސާބަސް ދެއްވާ ކަމަށާއި، ޓީމުން ހޯދީ ތާރީހީ ކާމިޔާބީއެއް ކަމަށެވެ.