ދުނިޔެ

އަދުގެ ދުނިޔެ: އާލަމްގީރުގެ ސަބަބުން ޕާކިސްތާނާއި އިންޑިޔާގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް!

އިމާދު ލަތީފު

ޕާކިސްތާނާއި އިންޑިޔާގެ ކަނޑުގެ ސިފައިންގެ މެދުގައި އެންމެ ގިނައިން ކުރިމަތިލުންތައް ހިނގަނީ އިންޑިޔާގެ ގުޖަރާތު ސްޓޭޓާއި ގާތުން އަރަބި ކަނޑުގައެވެ. އެއީ ޕާކިސްތާނާއި އިންޑިޔާގެ ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބުވެސްމެއެވެ. އެ ސަރަހައްދުގައި ދެ ގައުމުގެ މަނަވަރުތަކާއި ސަބްމެރީންތައް ހަރަކާތްތެރިވުން ގިނައެވެ. ސަރަހައްދީ ރޮނގު ހުރަސްކޮށް އެއްބަޔަކު އަނެއް ބައެއްގެ ސަރަހައްދުގެ ތެރެއަށް އޮޅިގެންނާއި ގަސްތުގައި ވަނުންވެސް ވަރަށް ގިނައެވެ. ހުސްވި ޖުލައިމަހުގެ ކުރީކޮޅުވެސް މިފަދަ ހާދިސާއެއް ވަނީ ހިނގައިފައެވެ. ޕާކިސްތާނުގެ މަނަވަރެއް ކަމުގައިވާ ޕީއެންއެސް އާލަމްގީރު، އިންޑިޔާގެ ކަނޑުގެ ސަރަހައްދަށް ވަދެގެން އުޅެނިކޮށް އިންޑިޔާ ސިފައިންނަށް ފެނިގެން ވައިގެމަގުން އިންޒާރުދީ ފައްސައިލިކަމުގެ ވާހަކަ އިންޑިޔާގެ މީޑިއާއިން ވަނީ ދާދިފަހުން ރިޕޯޓްކޮށްފައެވެ.

އާލަމްގީރު މަނަވަރު އިންޑިޔާގެ ކަނޑުގެ ސަރަހައްދަށް ވަނުމަކީ ކުޑަކަމެއް ނޫނެވެ. އެއީ ވަރަށް ސީރިއަސް ކަމެކެވެ. އާލަމްގީރަކީ ޕާކިސްތާނުގެ އެންމެ ޒަމާނީ އެއްމަނަވަރެވެ. ކަނޑުގެ ސިފައިންގެ ފަޚުރެކެވެ. ހަމަލާ ބަދަލުކުރެވޭ ހާލަތަކަށް އެމަނަވަރު ޖެހުމަކީ ބިރުވެރިކަންވެސް ބޮޑު ކަމެކެވެ. މި މަނަވަރުގެ މަތީގައި އިންޑިޔާގެ މަތިންދާބޯޓުތައް އުދުހި އިންޒާރުތަކެއް ދިންފަހުން މަނަވަރުވަނީ އިންޑިޔާގެ ސަރަހައްދުން ނުކުމެފައެވެ. ބަޑީގެ ބޭނުމެއް ނުކުރެއެވެ. އާލަމްގީރު، މިނަމަކީ ޕާކިސްތާނާއި ވަރަށް ބޮޑަށް ގުޅިފައިވާ ނަމެކެވެ. މިއީ ކޮން ނަމެއްކަމާއި މިނަމުގެ އަސްލަކީ ކޮބައިކަމާއި ކަނޑުގެ ފްލީޓާއި މިނަން ގުޅުމުގެ ސިއްރަކީ ކޮބައިކަމުގެ މައްޗަށް ބަލައިލަމާބަހީއެވެ. ނަމުގެ ބާވަތުން ދިވެހީންވެސް ދެނެގަންނަން ޝައުގުވެރިވާނެތީއެވެ.

ނަމުގެ މާނަޔާއި އަސްލަކީ ކޮބާ؟

ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކަށް އާއްމުގޮތެއްގައި ނަންދެނީ ދެކުނު އޭޝިޔާގެ ކުރީޒަމާނުގެ ވަރުގަދަ އިސްލާމީ ރަސްރަސްކަލުންގެ ނަންފުޅަށް ނިސްބަތްކޮށްފައެވެ. މީގެ މިސާލަކީ ޝާހުޖަހާނާއި ޓިއްޕޫ ސުލްތާނުފަދަ ނަންނަމެވެ. އާލްމްގީރަކީވެސް ފެށުނީއްސުރެ ޕާކިސްތާނުގެ ކޮންމެވެސް އެއް މަނަވަރަކަށް ކިޔާ ނަމެކެވެ. އެއް މަނަވަރު ބައުވެ ޚިދުމަތުން ވަކިކުރީމާ ދެން ޚިދުމަތަށް އެންމެ އަވަހަށް ނެރޭ އައު މަނަވަރަށް ކިޔާނީ އާލަމްގީރެވެ. މިއީ ދެކުނު އޭޝިޔާގައި ރަސްކަންކުރި އެންމެ މަޝްހޫރު މުސްލިމް ޚާންދާނު ކަމަށްވާ މޫގަލް ޚާންދާނުގެ ދެ ރަސްކަލެއްގެ ނަންފުޅަށް ނިސްބަތްކޮށް ކިޔާ ނަމެކެވެ. އެއްރަސްކަލަކީ މޫގަލް ޚާންދާނުގެ ހަވަނަ ރަސްގެފާނު ކަމަށްވާ އައުރަންގްޒަބެވެ. އެރަސްގެފާނުގެ ދަރަޖަ ނަންފުޅަކީ އާލަމްގީރެވެ.

އާލަމްގީރުގެ މާނައަކީ ދުނިޔެ ފަތަހަކުރައްވާ ފާތިހެވެ. އާލަމްގީރު އެއްވަނަ ރަސްކަންކުރެއްވީ މީލާދީން 1658 ވަނަ އަހަރުން ފެށިގެން 1708 ވަނަ އަހަރާ ހަމައަށެވެ. އެއީ މޫގަލް ރަސްކަން އެންމެ ވަރުގަދަވެފައި އޮތް ދައުރެވެ. ދެވަނަ ބޭފުޅަކީ އާލަމްގީރު ދެވަނައެވެ. ރަސްމީ ނަންފުޅަކީ އަޒީޒުއްދީނެވެ. ރަސްކަން ކުރެއްވީ 1754 ވަނަ އަހަރުން 1759 ވަނަ އަހަރަށެވެ. މީގެ ތެރެއިން ޕާކިސްތާނުގެ މަނަވަރުތަކުގެ ނަން ނިސްބަތްކުރެވޭ ބޭފުޅަކީ އިސްވެ ބަޔާންކުރެވުނުފަދައިން އާލަމްގީރު އެއްވަނައެވެ. އައުރަންގްޒަބެވެ. މިއީ ޝާހުޖަހާންގެ ދަރިކަލުންނެވެ. ޝާހުޖަހާނަކީ އިންޑިޔާގެ އާގަރާއިން އެފެންނަ ތާޖުމަހަލް ބިނާކުރެއްވި ރަސްގެފާނެވެ. މިތަން ބިނާކުރެެއްވީ އަނބިކަނބަލުން މުމްތާޒުގެ ހަނދާނުގައެވެ. އެއީ އާލަމްގީރުގެ މައިކަނބަލުންނެވެ.

ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ ތާރީޚަށް ބެލީމާ އާލަމްގީރުގެ ނަން ދެވުނު ތިން މަނަވަރެއް ފާހަގަ ކުރެވެއެވެ. އެންމެ ފުރަތަމަ 1958 ވަނަ އަހަރުން 1982 ވަނަ އަހަރާ ހަމަޔަށް ބޭނުންކުރި ޕީއެންއެސް އާލަމްގީރޭ ކިޔުނު ޑިސްޓްރޯޔަރެވެ. މިއީ އެމެރިކާގެ ކަނޑުގެ ސިފައިން ބޭނުންކުރުމަށްފަހު ޕާކިސްތާނަށް ވިއްކި މަނަވަރެކެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ބޭނުންކުރި ޒަމާނުގައި އެމަނަވަރުގެ ނަމަކީ ޔޫއެސްއެސް ކްރެއޯލްއެވެ. ދެވަނައަށް ފާހަގަކުރެވުނު މަނަވަރަކީ 1982 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާ ހަމަޔަށް ބޭނުންކުރި ޕީއެންއެސް އާލަމްގީރޭ ކިޔުނު ޑިސްޓްރޯޔަރެވެ. މިއީވެސް ޔޫއެސްއެސް ކޯންގެ ނަމުގައި އެމެރިކާގެ ކަނޑުގެ ސިފައިން ބޭނުންކުރުމަށްފަހު ޕާކިސްތާނަށް ވިއްކި މަނަވަރެކެވެ.

މިއީ ޕާކިސްތާނަށް ކިހާ މުހިއްމު މަނަވަރެއް؟

ޕާކިސްތާނުގެ ކަނޑުގެ ފްލީޓުގައި އާލަމްގީރުގެ ނަމުގައި މިވަގުތު ބޭނުންކުރާ މަނަވަރަކީ 2010 ވަނަ އަހަރު އެމެރިކާއިން ވިއްކި ފްރިގޭޓެކެވެ. އެމެރިކާ ސިފައިން 1978 ވަނަ އަހަރުން ފެށިގެން ބޭނުންކުރުމަށްފަހުގައެވެ. އޭރު މަނަވަރުގެ ނަމަކީ ޔޫއެސްއެސް މެކްއިނަރނީއެވެ. ހުސްވި ޖުލައިމަހުގެ ކުރީކޮޅު އިންޑިޔާގެ ގުޖަރާތު ސްޓޭޓްގެ އައްސޭރިން ފައްސައިލެވުނީ މި މިނަވަރެވެ. މިއީ ޕާކިސްތާނުގެ ކަނޑުގެ ލަޝްކަރަށް ލިބިގެންވާ މަނަވަރުތަކުގެ ތެރެއިން އެންމެ ޒަމާނީ އަދި އެންމެ ވަރުގަދަ އެއް މަނަވަރެވެ. ރަހުމަތްތެރިކަމުގެ ޒިޔާރަތުގައި އެކި ގައުމުތަކަށް ފޮނުވުމަށް ޕާކިސްތާނުން އެންމެ ގިނައިން ބޭނުންކުރާ އެއްމަނަވަރަކީވެސް މިއީއެވެ. މިފަދަ ދަތުރެއްގައި ޕީއެންއެސް އާލަމްގީރު ވަނީ ދާދިފަހުން އޮމާނަށްވެސް ޒިޔާރަތެއް ކޮށްފައެވެ.