ހުޅުމާލޭ ފޭސް އެކެއްގައި ހަދާފައިވާ ވަގުތީ މަސް މާރުކޭޓް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އިން އިއުލާންކޮށްފި އެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ވަގުތީ މަސް މާރުކޭޓް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅޭނީ މިމަހުގެ 22 ވަނަ ދުވަހުގެ 9:30 އާއި 11:00 އާ ދެމެދު ކަމަށެވެ.
އެޗްޑީސީން ބުނި ގޮތުގައި ގިނަ ބަޔަކު ކުރިމަތިލައިފި ނަމަ، މާރުކޭޓް ކުއްޔަށް ދޭނެ ފަރާތެއް ކަނޑައަޅާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ނަގާ ގުރަކުންނެވެ. ގުރު ނެގުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:30ގައެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި ހުޅުމާލޭ ވަގުތީ މަސް މާރުކޭޓުގައި މަސް ކަނޑާ ހަ އަށްޓާއި މަސް ބަހައްޓާ ހަ އަށި ހުންނާނެ އެވެ. އަދި ކޮންމެ އަށްޓެއް ކައިރިން ސަޕްލައި ފެން ލިބެން ހުންނާނެ އެވެ. އެތަނަކީ 2،378 އަކަފޫޓުގެ ތަނެކެވެ.
އެއް އަހަރުގެ މުއްދަތަށް އެތަން ކުއްޔަށް ދޭއިރު މަހުކުލީގެ ގޮތުގައި 5،000ރ ދައްކަން ޖެހެއެވެ. އަދި މާރުކޭޓް ކުއްޔަށް ހިފުމަށް ފުރުސަތު ލިބުނުކަން އަންގާ ސިޓީ ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި ލީސް ޑިޕޮސިޓްގެ ގޮތުގައި 15،000ރ. ދައްކަން ޖެހެ އެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި މާރުކޭޓް ކުއްޔަށް ހިފާ ފަރާތުން އެތަނުގައި މަސްކަނޑައިދިނުމުގެ ހިދުމަތް ދެވޭނީ އެކުންފުނިން ކަނޑައަޅާ އަގުތަކެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު