މިއަހަރު އޮންނަ ގަތަރު ވޯލްޑް ކަޕްގެ ފެށުން އެއް ދުވަސް އަވަސްކުރަން ފީފާއިން ހުށަހަޅައިފިއެވެ.

ގަތަރު ވޯލްޑް ކަޕް ފަށަން މިހާރު ތާވަލު ކޮށްފައި ވަނީ މިއަހަރު ނޮވެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ފީފާއިން މިހާރު ހުށަހަޅާފައި ވަނީ 20 ވަނަ ދުވަހަށް ފެށުން އަވަސް ކުރުމަށެވެ. އޭގެ އިތުރުން ފެށުމަށް ހަމަޖެހިފައިވާ މެޗު ބަދަލު ކުރުމަށްވެސް ފީފާއިން ވަނީ ހުށަހަޅާފައެވެ. ކުރިން ތާވަލު ކޮށްފައި އޮތް ގޮތުން ގަތަރު ވޯލްޑް ކަޕް ފަށަން އޮތީ ގްރޫޕް އޭގައި ސެނެގާލާއި ނެދަލޭންޑްސް ވާދަކުރާ މެޗުންނެވެ.

އެ ދުވަހު ދެން އޮންނާނީ އިންގްލެންޑާއި އިރާން ވާދަކުރާ މެޗާއި ހޯސްޓް ގަތަރު އަދި އެކުއެޑޯ ވާދަކުރާ މެޗުގެ އިތުރުން އެމެރިކާ އާއި ވޭލްސް ވާދަކުރާ މެޗެވެ. ބެލެވޭ ގޮތުގައި އޭރު ހޯސްޓް މެޗު ތިންވަނަ މެޗަކަށް ހަދާފައި ވަނީ ރޭގަނޑު މެޗަކާއެކު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށެވެ. އެހެން ނަމަވެސް ހޯސްޓް މެޗު ފަސް ނުކުރަން ފީފާއިން ވަނީ މިހާރު މަޝްވަރާ ކޮށްފައެވެ. އެއީ ވޯލްޑް ކަޕްގެ ތާރީހަށް ބަލާ އިރު، އަބަދުވެސް ހޯސްޓް ގައުމުގެ މެޗުން އާންމުންކޮށް މުބާރާތް ފަށާތީއާވެސް އެކުގައެވެ.

އެ ބަދަލަށް އަމަލުކުރެވޭނީ ފީފާ ކައުންސިލްގެ ބިއުރޯއިން އެކަމަށް ގޮތެއް ނިންމުމުންނެވެ. އެ ކައުންސިލްގައި ތިބޭނީ ހަތަރު ބައްރުގެ ކޮންފެޑެރޭޝަންތަކުގެ ރައީސުންނާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ.