ޚަބަރު

އެސްޓީއޯ އިން "ނިޕޯން މެޓެކްސް" ޕެއިންޓް ތައާރަފުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ނިޕޯން ޕެއިންޓުގެ އާ ވައްތަރެއް މިއަދު ތައާރަފުކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ތައާރަފުކުރީ "ނިޕޯން މެޓެކްސް" ޕެއިންޓުގެ ހަތް ލީޓަރުގެ ދަޅެވެ. ނިޕޯން ޕެއިންޓުގެ “މެޓެކްސް” ލޯންޗުކުރުމަށް އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވިދާޅުވީ، މި ޕްރޮޑަކްޓުގެ ސަބަބުން، އެސްޓީއޯގެ ކަސްޓަމަރުންނަށް ބޭނުންވާ ކުލަތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ކުޑަވެގެންދާނެ ކަމަށެވެ.

އެގޮތުން މިހާރު އެސްޓީއޯއިން އެތެރެކޮށް ވިއްކަމުން އަންނަ ނިޕޯން ކުލަތަކަކީ މިކްސް ކޮށްގެން އުފައްދާ ޕެއިންޓުތަކަށްވާ އިރު، ކުލަ އުފެއްދުމަށް ބޭނުންވާ ބޭސްމިކްސް ހުސްވެއްޖެ ހާލަތެއްގައި ކަސްޓަމަރުންނަށް ޕެއިންޓު ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް އަމްރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިއަދު ތައާރަފު ކުރި "މެޓެކްސް" ގައި ހުންނާނީ ކުލަތައް ތައްޔާރުކުރެވި، ދަޅުތަކުގައި ބަންދު ކުރެވިފައި ކަމަށްވުމުން އެ ދަތިތައް ދިމާނުވާނެ ކަމަށެވެ.

"މިއީ މުޅިން އާ ޕްރޮޑަކްޓެއް. މި ޕްރޮޑަކްޓަކީ ތަފާތު ކުލަތައް މިކްސްކޮށްފަ ހުންނަ ޕްރޮޑަކްޓެއް. މީގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ޕެއިންޓް ފޯރުކޮށްދިނުމުގައި ދިމާވާ ބޮޑެތި ގޮންޖެހުންތައް ނައްތައިލެވޭނެ،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މި ކުލައަކީ، މިހާރު މާކެޓުގައި ހުރި ކުލަތަކަށްވުރެ، އަގުހެޔޮ ކުލައެއް ކަމަށާއި އޭގެ ސަބަބުން އެ ކުލަ ގަންނަ ކަސްޓަމަރުންގެ ޖީބަށްވެސް ލުއިވާނެ ކަމަށެވެ. އަދި ނިޕޯންގެ "މެޓެކްސް" ޕެއިންޓަކީ އެތެރެއާއި ބޭރުގައިވެސް ބޭނުން ކުރެވިދާނެ ކުލަތަކެއް ކަމަށާއި މި ކުލައިގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށް އަމްރު ވިދާޅުވިއެވެ.