ޚަބަރު

ނިޒާމު ބަދަލުކުރަން ވޯޓަށް އެހުމާއި ބޮޑުވަޒީރަކު ހުންނަގޮތަށް ބަދަލުކުރަން ކޮންގްރެސްއަށް އިސްލާހު ހުށަހަޅައިފި

އިބްރާހިމް ޒަކީ

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވޯޓަށް އެހުމާއި ބޮޑުވަޒީރަކު ހުންނަގޮތަށް ބަދަލުކުރަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕާޓީގެ ކޮންގްރެސްއަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީގެ ކޮންގްރެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 19 ވާ ހުކުރު ދުވަހުން ފެށިގެން 21 ވާ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނުއަަސާސީ އާއި ގާނޫނުތަކަށް އިސްލާހު ގެނައުމަށް އެމްޑީޕީ އިގުރާރުވުމަށްޓަކައި ރައީސް ނަޝީދު ޕާޓީ ކޮންގްރެސްއަށް ހުށަހަޅުއްވި އިސްލާހުތަކުގައި ވަނީ، ސަރުކާރުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ބޮޑުވަޒީރު ކަމުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައެޅުމަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބޭ މީހާ ކަމުގައި ކަނޑައެޅުމަށްވެސް ހިމަނާފައިވެއެވެ.

ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި، ބޮޑުވަޒީރަކު ސަރުކާރު ހިންގާ އިރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކާއި، އަދާކުރަންޖެހޭ މައްސޫލިއްޔަތުތައް ކަނޑައެޅުމަށްވެސް ހިމަނާފައިވެއެވެ.

ރައީސް ނަޝީދުގެ އިސްލާހުުގައި ވަނީ ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކުލަވައިލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައަޅަން ހުށަހަޅުއްވައިފައެވެ. މިހާރު އަމަލުކުރަމުންދާ ވެރިކަމުުގެ ނިޒާމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮންނަން ޖެހުުނު ނަމަވެސް ވަޒީރުންގެ މަޖިލިސް އެކުލަވާލުމުގެ ބާރު ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގާގޮތަށް، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމު ކަމަށް އެ ވޯޓުން ފާސްވެއްޖެނަމަ، ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރުގައިވާ ހުރިހާ އިސްލާހުތަކެއް ގާނޫނުއަސާސީ އާއި ގާނުނުތަކަށް ގެންނަން އެމްޑީޕީން އިގުރާރުވާކަމަށް ވަނީ ހިމަނައިފައެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކަށް މި އިސްލާހުތައް ގެންނަން ޖެހޭ ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ގާނޫނުއަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން، ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އެ އިންތިހާބު ކާމިޔާބުކޮށް، ސާފު ސާދާ މުތުލަގު ބާރުތަކަކާއެކު ސަރުކާރު ހިންގުމަށް އެއް ޕާޓީއަށް އާދެވުމަކީ ނާދިރުކަމަކަށްވުން ހިމެނެއެވެ. އަދި ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް މިހާރު ރޭވިފައި އޮތް ގޮތުން، ސަރުކާރުގެ އެންމެ އިސް ފަރާތް (ރައީސުލްޖުމްހޫރިއްޔާ) ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، އެމްޑީޕީން އެހެން ޕާޓީތަކާއެކު އިއްތިހާދުވުމުން، ސަރުކާރު ހިންގުން ގަޑުބަޑުވެ، އެ ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ނުދެވި ސަރުކާރާމެދު ޕާޓީގެ އާންމު މެންބަރުންގެ އިތުބާރު ކުޑަވަމުންދިޔުން ވެސް ފާހަގަ ކުރައްވާފައިވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ޒަމާނުއްސުރެ ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދެވި ނަމަވެސް އަދި އެކަން ކާމިޔާބުވާގޮތެއް ނުވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންވެސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގަން ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅިގެން، ބައެއް ފަރާތްތަކުން ބުނެފައިވަނީ، އެ މަަސައްކަަތަކީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކާމިޔާބު ނުލިބޭނެކަން ކަށަވަރުވާތީ މަޖިލީހުގެ މެންބަރުންގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.