Close
ޚަބަރު

ކޮއްކޮގެ ބަރަހަނާ ފޮޓޯ އާއި ބައްޕަ ޖިންސީ އަމަލު ހިންގާ ފޮޓޯ ހޯދަން ބްލެކްމެއިލް ކުރި މައްސަލަ ސާބިތެއް ނުވި

އިބްރާހިމް ޒަކީ

ލޯބީގެގޮތުން ގުޅިގެން އުޅުނު ކުއްޖާގެ ބަރަހަނާ ފޯޓޯ އާއި ވީޑިއޯ ލީކު ކޮށްލާނެކަމުގެ ބިރުދައްކައިގެން އެ ކުއްޖާގެ ކޮއްކޮގެ ބަރަހަނާ ފޯޓޯ އާއި ބައްޕަ ޖިންސީ އަމަލު ހިންގާ ވީޑިއޯ ހޯދަން ބްލެއިމެއިލް ކުރި މައްސަލަ ސ. މަރަދޫ ފެންފޯއްމާގޭ ހުސެއިން ޒާއިދު ޒަރީރުގެ މައްޗަށް ސާބިތެއް ނުވިއެވެ.

ދައުލަތުން ޒާއިދުގެ މައްޗަށް ކުރި ބްލެކްމެއިލް ކުރުމުގެ ދައުވާގައި ވަނީ ލޯބީގެގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާއާއެކު ޖިންސީ އަމަލު ހިންގުމަށްފަހު، އެ އަންހެން ކުއްޖާ ޖިންސީ އަމަލު ހިންގިކަން އެނގޭ ފޮޓޯތަކާއި ވީޑިއޯ ތައްޔާރުކުރުމަށްފަހު އެތަކެތި ބޭނުންކޮށްގެން ބްލެކްމެއިލްކޮށް، ޒާއިދު އާއެކު އިތުރަށް ޖިންސީ އަމަލު ހިންގަން މަޖުބޫރުކޮށް، އެކުއްޖާގެ ބައްޕަ ޖިންސީ ގުޅުން ހިންގާ ފޮޓޯތަކާއި އޭނާގެ ކޮއްކޮގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ ނެގުމަށްފަހު ފޮނުވުމަށް ބްލެކްމެއިލްކޮށް ބިރުދައްކާފައިވާ ކަމަށެވެ.

މި ތުހުމަތުތަކަށް ޒާއިދު އިންކާރު ކުރުމުން ކުރިިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ހެކީގެ މައްޗަށެވެ.

ޒާއިދުގެ މައްޗަށް މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހަތް ސިއްރު ހެކި ހުށަހެޅިއެވެ. އޭގެ އިތުރުން ޒަރީރު ތަހުގީގަށް ދީފައިވާ ބަޔާނާއި އޯޑިއޯ އެނަލިސިސް ރިޕޯޓާއި ކޮމްޕިއުޓާ ފޮރެންސިކު ރިޕޯޓާއި، މޯބައިލް ފޮރިންސިކް ރިޕޯޓާއި ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓާއި އެ މައްސަލަ ތަހުގީގު ކުރި ފުލުހުންވެސް ހެކިންގެ ގޮތުގައި ހުށަހަޅާފައިވެއެވެ. ނަމަވެސް މި މައްސަލައިގައި ސިއްރު ހެކިންގެ ގޮތުގައި ހެކިބަސްދީފައިވަނީ އެންމެ ހެތްކެކެވެ.

މި މައްސަލައިގައި ޒާއިދުގެ ދިފާއުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އޭނާއަށް ގާނޫނީ އިންޒާރު ދިފައި ނުވާ ކަމަށެވެ. އަދި ހައްޔަރުކުރާ މީހާގެ މައުލޫމާތު ފޯމުގައި ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އެއްވެސް ކުށަކަށް އޭނާގެ މައްޗަށް ތުހުުމަތުކޮށްފައިވާ ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވޭއިރު އެ ތުހުމަތު ކުރެވުނީ ކޮން ގާނޫނެއްގައި ބަޔާންކުރާ، ކޮން ކުށަކަށްކަން އެމީހަކަށް އަންގައިދޭންޖެހޭ ކަމަށާއި، އަދި ތަހުގީގު ކުރިއަށް ދަނިކޮށް އިތުރު ކުށެއް ފާހަގަކުރެވިއްޖެނަމަ އެ ހިސާބުން ފެށިގެން އެމީހަކަށް އެކަން އަންގައި ތުހުމަތު ކުރެވެނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން އަންގަންޖެހޭ ކަމަށް ބުނެ، އެ އުސޫލު ހައިކޯޓުން ދަމަހައްޓާފައިވާކަން ދިފާއުން ފާހަގަކުރިއެވެ.

އެހެންކަމުން މި މައްސަލައިގައި ބްލެކުމެއިލް ކުރުމުގެ ކުށަށް އޭނާއަށް ގާނޫނީ އިންޒާރު ދީފައިނުވުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގަކުން މަހުރޫމު ކުރުން ކަމަށްވެސް ދިފާއުގައި ބުނެފައިވެއެވެ.

ބްލެކްމެއިލް ކުރުމުގެ ކުށުގެ އިތުރުން އެ އަންހެން ކުއްޖާގެ ފޯނަށް ގުޅައި މަރާލާނެ ކަމަަށް އިންޒާރު ދިން މައްސަލައެއްވެސް ވަކި މައްސަލައެެއްގެ ގޮތުގައި ޒާއިދުގެ މައްޗަށް ދައުލަތުން ކޮށްފައިވެއެވެ.

ނަމަވެސް މި ދެ މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމްގައި ވަނީ މި ދައުވާތައް ޒާއިދުގެ މައްޗަށް ސާބިތު ކުރެވޭވަރަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ސާބިތު ނުކޮށްދެވޭ ކަމަށެވެ.