ޚަބަރު

މޫދަށް ކުނި އެޅުމުން ތުލުސްދޫ ކައުންސިލް 45،000 ރުފިޔާއިން ޖޫރިމާނާކޮށްފި

މުހައްމަދު އިޝާން

މޫދަށް ކުނި އެޅުމުން ކ. ތުލުސްދޫ ކައުންސިލް އިދާރާ ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ތުލުސްދޫ ކައުންސިލުން ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުންދަނީ "ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު" އާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.

ތުލުސްދޫ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އެޅުން ވަގުތުން ހުއްޓުވުމުގެ ގޮތުންނާއި އިދާރީ ފިޔަވަޅެއްގެ ގޮތުންނާއި "ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު" އާ ތުލުސްދޫ ކައުންސިލުން ހިލާފުވެފައިވާތީ އެ ކައުންސިލް 45،000 ރުފިޔާއިން ޖޫރިމާނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

ޖޫރިމާނާގެ އެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަމަށްވެސް އީޕީއޭއިން ބުންޏެވެ. އަދި 30 ދުވަހުގެ ތެރޭގައި ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ޕްލޭނެއް ތައްޔާރުކޮށް އީޕީއޭއަށް ހިއްސާ ކުރުމަށް ވެސް އަންގާފައިވާނެ ކަމަށް އީޕީއޭއިން ބުންޏެވެ.

އީޕީއޭއިން ބުނީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހަދާފައިވާ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އަމަލު ނުކުރުމަށް ވެސް ތުލުސްދޫ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.