ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ އަންހެން ޓީޓީ ޓީމުން މިއަދު ކުޅުނު މެޗުގައި ޔޫގާންޑާ ބަލިކޮށް، ސެމީ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.
ތުޔަޕް ފެއާ ސެންޓަރުގެ ޓީޓީ ކޯޓުގައި ދެންމެ ނިމުނު މެޗުގައި ރާއްޖެ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. ޓީމް އިވެންޓްގައި މިއަދު ޔޫގާންޑާއާ ދެކޮޅަށް ރާއްޖޭން ވާދަކުރި ހުރިހާ ކުޅުންތެރިންވެސް ވަނީ ސީދާ ތިން ގޭމުން މެޗުތައް ކާމިޔާބު ކޮށްފައެވެ.
ޔޫގާންޑާއާ ދެކޮޅަށް މިއަދު ރާއްޖޭގެ ޖުމާނާ ނިމާލް ކުޅެން އޮތް ސިންގަލްސް މެޗު އޭނާއަށް ސީދާ ތިން ގޭމުން ލިބުނީ އެ ގައުމުގެ ކުޅުންތެރިޔާ ގޭމްސްއަށް ހާޒިރުވެފައި ނުވާތީއެވެ. ދެން ކުޅުނު ސިންގަލްސް މެޗުގައި ފާތިމަތު ދީމާ އަލީ ވަނީ މޮޅު ކުޅުމަކާއެކު ޔޫގާންޑާ ކުޅުންތެރިޔާ ބަލިކޮށްފައެވެ.
ދީމާ ސެޓުތައް ގެންދިޔައީ 11-2، 11-4 އަދި 11-2 އިންނެވެ. ދެން ކުޅުނު ޑަބަލްސް ގޭމަށް އައިޝަތު ރަފާ ނާޒިމް އާއި ދީމާ ނުކުތް އިރު، އެ ގޭމްވެސް ރާއްޖެއިން ގެންދިޔައީ 3-0 އިންނެވެ. ރަފާ އާއި ދީމާ ސެޓުތައް ގެންދިޔައީ 11-5، 11-6 އަދި 11-4 އިންނެވެ.
ރާއްޖެއިން ސެމީއަށް ދިޔައީ ގްރޫޕް ސްޓޭޖުގައި ޖިބޫޓީވެސް އިއްޔެ ބަލިކޮށްފައެވެ. ރާއްޖެ ގްރޫޕް ސްޓޭޖުގައި ބަލިވީ ހަމައެކަނި ތުރުކީ އަތުންނެވެ. ތުރުކީއަކީ ސޮލިޑާރިޓީ ގޭމްސްގެ ޓީޓީގައި އެންމެ ވަރުގަދަ އެއް ގައުމުގެ ގޮތުގައި ފާހަގަވެފައިވާ އިރު، އިއްޔެ ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ދީމާގެ ތަފާތު ވަރަށް ބޮޑަށް ފެނުނެވެ.
މިފަހަރުގެ އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އޯޒްގޭއަށް ޓީމު އިވެންޓްގައި އިއްޔެ ކުޅުނު ސިންގަލްސް މެޗުން ދީމާ ބަލިކުރެވުނީ 3-2 ސެޓުންނެވެ.