އޮޑިޓާ ޖެނެރަލް އޮފީހުގެ އާ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް އޮޑިޓް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ. އަދި އޭޖީ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް ކޯޕަރޭޓް ސާވިސަސް ނިޝްފާ ފިރާގެވެ.

ސެންޓްރަލް ޕާކް ސަރަހައްދުގައި އަޅާ އެ އިމާރާތުގެ ޖާގައަށް އެޗްޑީސީން ވަނީ 17،000 އަކަފޫޓުގެ ބިމެއް މީގެ ކުރިން ދީފައެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގެ ބޭނުމަށް ތަރައްގީކުރާ މި އިމާރާތަކީ 40.426,17 އަކަ ފޫޓުގެ ސަރަހައްދެއްގައި ޖުމުލަ 10.718,77 އަކަ ފޫޓުގެ ޖާގަ ލިބޭ ގޮތަށް ތަރައްގީކުރާ އިމާރާތެކެވެ. ހަ ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 1.23 މީޓަރު ހުންނާނެއެވެ.

މި މަޝްރޫއު 730 ދުވަހުގެ ތެރޭ ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރީ 67.138 މިލިއަން ރުފިޔާގެ އަގަކަށެވެ.