ޚަބަރު

އަންނައުނު ތެރެޔަށްލައި ބަނގުއާވި ފުޅިއެއް ފޮރުވި މީހަކު ދެމަހަށް ޖަލަށްލައިފި

އަލީ ޔާމިން

ލައިގެންހުރި އަންނައުނު ތެރޭގައި ބަނގުއާވި ފޮރުވި މީހަކު، ދެމަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސައަކީ، މިއަަހަރުގެ ޖެނުއަރީ މަހުގެ ދިހަ ވަނަ ދުވަހުގެ 19:50 ހާއިރު، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މާލެތެރެ ޕެޓްރޯލްކުރަމުންދަނިކޮށް، މ.ސްޓާ ސިމަނާ ގޯޅިތެރެއިން، ހދ. ނޮޅިވަރަންފަރު/ހަނދުވަރީމަންޒިލް، ނަސްރުﷲ ތޯހާ ފެނުނުއިރު، އެނާގެ އަމަލުތައް ހުރި ގޮތުން، އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި ލައިގެން ހުރި އަންނައުނު ބަލައިފާސްކުރިއިރު، އޭނާ ލައިގެންހުރި ފަޓުލޫނާއި ހަށިގަނޑާ ދޭތެރެއިން ފެނުނު 500 އެމްއެލްގެ ތާޒާ ފެން ހުސްކުރި ފުޅީގައި ހުރި ދިޔާތަކެތި ތަހުލީލުކުރިއިރު، އެތަކެތި ބަނގުއާތްވަށް ޕޮޒިޓިވްވެފައިވާތީ، ދައުލަތުން ކޮށްފައިވާ "ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުން"ގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ނަސްރުﷲ ވަނީ އޭނާއަށް ކޮށްފައިވާ ދައުވާއަށް އިންކާރުކޮށްފައެވެ. ދައުވާއަށް އިންކާރުކޮށް ނަސްރުﷲ ބުނީ، އެއީ އޭނާ ވިޔަފާރިކުރަން ގެންގުޅުނު ތަކެތި ނޫން ކަމަށާއި އޭގައި ހުންނާނީ ގާތްގަނޑަކަށް 0.25 އެމްއެލް ކަމަށެވެ.

ނަސްރުﷲ އެ ދައުވާއަށް އިންކާރުކުރުމުން ކުށް ސާބިތުކުރުމަށް ދައުލަތުން ވަނީ ތިން ހެއްކެއް ހުށަހަޅާފައެވެ. އެއީ، ނަސްރުﷲ ހައްޔަރުކުރިއިރު އަމަލީ ގޮތުން އެތަނުގައި ހަރަކާތްތެރިވި ދެ ފުލުހުންނާއި މަސްތުވާތަކެތީގެ ރިޕޯޓާއި ޗެއިން އޮފް ކަސްޓަޑީ ތައްޔާރުކުރި ފޮރެންސިކް އެނަލިސްޓެވެ.

އެ މައްސަލައިން ދިފާއުވުމަށް ނަސްރުﷲގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

އެ މައްސަލައިގައި ހެކިބަސް ދެމުން ކުށުގެ ވެށީގައި ހަރަކާތްތެރެވި ފުލުސް މީހާ ބުނެފައިވަނީ، ނަސްރުﷲގެ ޖިންސާއި ގަޔާ ދޭތެރެޔަށް ޖަހާފައިވާ ފުޅީގައި މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކަމަށާއި އެ ފުޅި ފެނުމުން އެއީ އޭނާ ބޯން ގެންގުޅޭ އެއްޗެއް ކަމަށް ބުނެފައިވާކަމަށެވެ.

ހެކިބަސް ދެމުން މަސްތުވާތަކެތީގެ ރިޕޯޓް ތައްޔާރުކުރި އޮފިޝަލު ބުނެފައިވަނީ ނަސްރުﷲގެ އަތުން ފެނުނު ތަކެތި ބަނގުއާތްވަށް ޕޮޒިޓިވްވެފައިވާ ކަަމަށެވެ.

އެ މައްސަލައިގައި ހެކިންގެ ހެކިބަހާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓަށް ބަލައި އެ މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ "ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުން"ގެ ކުށް ނަސްރުﷲ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

އެހެންވެ، އެ މައްސަލައިގައި ގާޒީ ފާއިޒް އިއްޔެ އިއްވި ހުކުމުގައި ވަނީ ނަސްރުﷲއަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވަވައިފައެވެ. ނަމަވެސް އެ މައްސަލައިގައި ނަސްރުﷲ ހަ ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒުކުރަން ޖެހޭނީ ދެ މަހާއި ހަ ދުވަސް ކަމަށް ވަނީ ކަނޑައަޅައިފައެވެ.