ދުނިޔެ

ޗައިނާގެ އަސްކަރީބާރު ފެނިފައި ހުޅަނގަށް ބޮޑު ސިހުމެއް!

އިމާދު ލަތީފު

6

ޓައިވާނުގެ ވަށައިގެން ޗައިނާއިން އެންމެފަހުން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނަކީ ދުވަހަކުވެސް ޗައިނާއިން ހިންގާފައިނުވާ ވަރުގެ ވަރުގަދަ އަދި ބިޔަ ތަމްރީނެކެވެ. މި ތަމްރީނުން ދުނިޔެއަށް ފެނިގެންދިޔައީ ޗައިނާގެ އާރާއި ބާރެވެ. އަދި ގަދަބާރުން ޓައިވާން ކޮންޓްރޯލް ކުރުމުގެ ގޮތުން ޗައިނާއިން ހަނގުރާމައެއް ފަށައިފިނަމަ ޓައިވާން ބައްދައިލާނެ ގޮތާއި މިކަމުގައި ޗައިނާއިން ގެންގުޅޭނެ އުކުޅުތައްވެސް މި ތަމްރީނުން ވަނީ ހާމަވެގެން ގޮސްފައެވެ. މީގެ ކުރިން ޓައިވާނާއި މިހާ ގާތުގައި ޗައިނާއިން މިޒާތުގެ ކަމެއް ނުކުރެއެވެ. ޓައިވާނުގެ ގޮނޑުދޮށާ ވިއްސަކަށް ކިލޯމީޓަރު ކައިރިއަށްވެސް ޗައިނާގެ މަނަވަރުތައް ވަނީ ޖެހިލައިފައެވެ. މީގެ ކުރިން ދުވަހަކުވެސް ޓައިވާނުގެ އިރުމަތީ ބިތުގައި އަސްކަރީ ފަރިތަކުރުމެއް ނުބާއްވައެވެ. މިފަހަރު އެކަންކުރީ ޓައިވާނުގެ ވަށައިގެންނެވެ.

ހަނގުރާމައިގެ ހާލަތުގައި ޓައިވާން ވަށާލައި ވަޔާއި ކަނޑުން ޓައިވާން މުޅިން ބަންދުކޮށްލުމަކީ ޗައިނާއިން އަމަލުކުރާނޭ ގޮތެއްކަމަށް ކުރީއްސުރެ އޮންނަނީ ހީކުރެވިފައެވެ. މިފަހަރުގެ ތަމްރީނުން އެކަންކުރާނެ ގޮތްވެސް ވަނީ ފެނިގެންގޮސްފައެވެ. ޓައިވާނުގެ މަތިންދާބޯޓަކަށް އަދި މަނަވަރަކަށް އޮތްތަނުން ގުޑާވެސް ނުލެވޭނެއެވެ. އަދި ކިޔެއްތަ ޓައިވާނަށް މަދަދު ކުރުމުގެ ގޮތުން އެމެރިކާޔާއި ޖަޕާނު ކަހަލަ ގައުމެއްގެ އުޅަނދަކަށްވެސް ޓައިވާނާ ގާތެއް ނުވެވޭނެއެވެ. މިފަހަރުގެ ތަމްރީނުން ފެނިގެންދިޔައީ އެކަން ކުރާނޭގޮތާއި އެކަން ކުރުމުގައި ޗައިނާއަށް ލިބިގެންވާ ކެރިކުޅަދާނަ ކަމެވެ. ޗައިނާގެ މިނިވަން އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވިއެވެ. ޓައިވާން މުޅިން ބަންދުކޮށްލުމުގެ ކުޅަދާނަކަން ޗައިނާއަށް ލިބިގެންވާކަން ހާމަވެގެން ހިނގައްޖެއެވެ.

"ޗައިނާ ދެކެ މިހާރު ޖެހިލުން ވާންޖެހެއެވެ"

ޗައިނާގެ އަސްކަރީ ތަމްރީނުތަކުގައި ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ވަނީ ބޭނުންކޮށްފައެވެ. ޓައިވާނުގެ ވަށައިގެން ޗައިނާއިން ކަނޑައެޅި އަމާޒުތަކަށް އެތަކެތި ވަނީ ފިއްޔެއްވެސް ކަސިޔާރުނުވެ ވާސިލްވެފައެވެ. ބައެއް މިސައިލްތައް ހަމަސީދާ ޓައިވާނުގެ މަތިންވެސް އުދުހިފައިވެއެވެ. މި ތަމްރީނުތަކުގައި ސަތޭކަޔަށްވުރެ ގިނަ ޖެޓާއި ދިހަޔަކަށްވުރެ ގިނަ މަނަވަރުވެސް ބޭނުންކުރިއެވެ. އޭގެތެރޭގައި ޖޭ-ޓުވެންޓީ ސްޓެލްތު ޖެޓާއި ޓައިޕް 055 ގިންތީގެ މަނަވަރުވެސް ހިމެނެއެވެ. މިއީ ޗައިނާގެ އެއަރފޯސް އާއި ނޭވީގެ އެންމެ ޒަމާނީ ޖަވާހިރެވެ. ބޭރުގެ ތަޖުރިބާކާރުން ބޮޑަށް ދިރާސާކުރީ ޗައިނާއިން ބޭނުންކުރި ހަތިޔާރަށްވުރެ އެއަރފޯހާއި ނޭވީޔާއި އާރމީޔާއި މިސައިލް ފޯހުގެ ކޯޑިނޭޝަނުގެ ފެންވަރެވެ. ސަޕޯޓް ލަޝްކަރުތަކުގެ ގުޅުމާއި އެއްބާރުލުމުގެ މިންވަރެވެ.

މިދާއިރާތަކުގައި ފެނުނީ އާދަޔާ ޚިލާފު ދެނެގަތުމާއި ގުޅުމެވެ. ކުޅަދާނަ ފަންނާނަކު ގަތައިލި ކުނަލެއް ފަދައެވެ. އޮސްޓްރޭލިޔާގެ ނެޝަނަލް ޔުނިވަރސިޓީގެ އިންޓަރނޭޝަނަލް ސިކިއުރިޓީއާބެހޭ ޕްރޮފެސަރެއް ކަމަށްވާ ޖޯން ބްލަކްސްލެންޑް ވިދާޅުވިއެވެ. ޗައިނާގެ އަސްކަރީ ތަމްރީނުން ހާމަވި އެއްޗަކީ އަޖައިބުވާހާ މިންވަރަށް ޗައިނާގެ ގާބިލްކަން މައްޗަށް ޖެހިފައިވާ މިންވަރެވެ. ޗައިނާދެކެ ހުޅަނގުން ޖެހިލުންވާން މަޖްބޫރު ވެއްޖެކަމެވެ. ޗައިނާގެ ސުޕަރ ޕަވަރ ސްޓޭޓަސް މި ތަމްރީނުގެ ސަބަބުން އިތުރަށް ވަރުގަދަވެގެން ހިނގައްޖެއެވެ. ޗައިނާއިން ހަމައެކަނި އިންޒާރުދޭނީ ނޫންކަމާއި އިންޒާރުތަކާ އެއްގޮތަށް އަމަލުކޮށް ކުރިހޯދުމުގެ ކުޅަދާނަކަން ހަމަކޮންމެ ދާއިރާއެއްގައިވެސް އެންމެ ފުރިހަމަޔަށް ޗައިނާއަށް ލިބިގެންވާކަން މިހާރު އެންމެންވެސް ގަބޫލުކޮށްފިއެވެ.

"ބައެއް ދާއިރާތަކުގައި އެމެރިކާއަަށްވުރެވެސް ޗައިނާގެ ކުޅަދާނަކަން ބޮޑެވެ"

އެންމެފަހުން މިކަހަލަ މައްސަލައެއް ކުރިމަތިވެގެން ޓައިވާނުގެ ކައިރީގައި ޗައިނާއިން އަސްކަރީ ފަރިތަކުރުންތަކެއް ބޭއްވީ 1996 ގައެވެ. އޭރު އެމެރިކާގެ ރިޔާސަތުގައި ހުންނެވީ ބިލް ކްލިންޓަނެވެ. އެފަހަރު އެމެރިކާއިން ޓައިވާނުގެ ކައިރިޔަށް މަތިންދާބޯޓު އުފުލާ މަނަވަރުވެސް ހިމެނޭގޮތުން ބޮޑު އަރުމާދެއް ފޮނުވިއެވެ. ޗައިނާޔާއި ޓައިވާނާ ދޭތެރޭގައި މި އަރުމާދު ހަރަކާތްތެރިވިއެވެ. އެކަމަކު މިފަހަރު އެކަހަލަ ކަމެއް ކުރަން އެމެރިކާއަކަށް ނުކެރުނެވެ. އޭގެ ސިއްރަކީ 1996 ވަނަ އަހަރު ޗައިނާގެ އަސްކަރީ ކެރިފޯރުންތެރިކަން ހުރި މިންވަރަށްވުރެ އޭގެ ފަންސަވީސް އަހަރު ފަހުން މިހާރު އެތައް ގުނައެއް ޗައިނާ ބާރުގަދަވުމެވެ. އެމެރިކާގެ އަރުމާދަކަށް ނުވަދެވޭނޭހެން ޓައިވާން ކަނޑުއޮޅި ބަންދުކޮށްލުމަކީ މިހާރު ޗައިނާއަށް ދާދި ފަސޭހަ ކަމެކެވެ. ކުރިން އެ ކުޅަދާނަކަމެއް ނެތެވެ.

ޖަޕާން ފޯރަމް ފޯރ ސްޓްރެޓީޖިކް ސްޓަޑީޒްގެ ތަޖުރިބާކާރެއް ކަމުގައިވާ އަދި އެމެރިކާގެ ކަނޑުގެ ސިފައިންގެ ކުރީގެ އޮފިސަރެއް ކަމުގައިވާ ގްރާންޓް ނިއުޝާރން ވިދާޅުވެފައިވަނީ ޗައިނާގެ ކެރިކުޅަދާނަކަން ބައެއް ދާއިރާތަކުގައި އެމެރިކާއަށްވުރެވެސް މިހާރު ކުރިއަރައިފި ކަމަށެވެ. އެހެންވީމާ ޓައިވާނުގެ ވަށައިގެން ކުރެވޭ ހަނގުރާމައެއްގައި ޓައިވާނަށް މިހާރު ކިރިޔާވެސް ނޭވާއެއް ލެވޭނީ އެމެރިކާޔާއި ޖަޕާނުން ފޯރުކޮށްދޭ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެނޫންގޮތަކަށް އެއްދުވަހަށްވެސް ހިފަހައްޓައިލުމަކީ ޓައިވާނަށް ނުކުރެވޭނޭ ކަމެއްކަމަށްވެސް ވިދާޅުވިއެވެ. މިއިން އަންގައިދެނީ މަސްރަހު މިހާރު ބަދަލުވެފައިވާ މިންވަރެވެ. ޗައިނާ ކުރިއަރާފައިވާ މިންވަރެވެ. ބަހާއި އަމަލް ދިމާކުރުމުގެ ކެރިކުޅަދާނަކަން ޗައިނާއަށް މިހާރު ލިބިފައިވާ މިންވަރެވެ.