ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ އަންހެން ޓީޓީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޖިބޫޓީ އަތުން 3-0 އިން މޮޅުވި ނަމަވެސް، ވަރުގަދަ ތުރުކީ އަތުން ބަލިވެއްޖެއެވެ.
ތުޔަޕް ފެއާ ސެންޓަރުގެ ޓީޓީ ކޯޓުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ރާއްޖޭން މޮޅުވީ ފުރަތަަމަ ކުޅުނު ދެ ސިންގަލްސްއިން ފާތިމަތު ޖުމާނާ ނިމާލް އާއި ފާތިމަތު ދީމާ އަލީއެވެ. ފުރަތަމަ ޑަބަލްސްގައި ދީމާ އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ ވަނީ މޮޅުވެފައެވެ. ރާއްޖޭން ތިން ގޭމްވެސް ކާމިޔާބުކުރީ ސެޓެއް ގެއްލުވާ ނުލައެވެ.
ފުރަތަމަ މެޗު ރާއްޖެއިން ފަސޭހައިން ކާމިޔާބުކޮށް، ދެވަނަ މެޗުގައި ނުކުތީ ތުރުކީއާ ދެކޮޅަށެވެ. އެ މެޗުގައި ރާއްޖެ 3-0 އިން ބަލިވި ނަމަވެސް، އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ ތުރުކީގެ އެއްވަނަ ކުޅުންތެރިޔާ ޔިލްމާޒް އޯޒްގޭއާ ދެކޮޅަށް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރަނގަޅު ކުޅުމެއް ދެއްކި މެޗެވެ.
މިފަހަރުގެ އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އޯޒްގޭއަށް ޓީމު އިވެންޓްގައި މިއަދު ކުޅުނު ސިންގަލްސް މެޗުން ދީމާ ބަލިކުރެވުނީ 3-2 ސެޓުންނެވެ. ދީމާ އާއި އޯޒްގޭ ކުޅެން އެރީ ޓައިގެ ދެވަނަ ސިންގަލްސް މެޗުގައެވެ. ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ޖުމާނާ ނިމާލް ވަނީ ތުރުކީގެ އައިކާން އަތުން 03-11، 01-11 އަދި 03-11 އިން ބަލިވެފައެވެ.
ދެވަނަ އަށް ކުޅުނު ސިންގަލްސް މެޗުގައި ދީމާ ނުކުތީ އޯޒްގޭއާ ދެކޮޅަށެވެ. އޯޒްގޭއަކީ މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ އަންހެން ސިންގަލްސްގެ ޗެމްޕިއަނެވެ. އެހެންވެ، މެޗަށް ނުކުތްއިރު ވެސް އޭނާއަކީ ފޭވަރިޓް ކަމަށް އޮތީ ބެލެވިފައެވެ.
އެކަމަކު، އޯޒްގޭއާ ދެކޮޅަށް ފުރަތަމަ ސެޓުގައި ދީމާ ތަފާތު ކުޅުމެއް ދައްކައި، 11-05 އިން ސެޓު ގެންދިޔައެވެ. އެހިސާބުން އޯޒްގޭ ރަނގަޅަށް ފޯކަސް ކޮށްގެން ކުޅެ، ދެ ވަނަ ސެޓާއި ތިންވަނަ ސެޓު ގެންދިޔައީ މާ ބޮޑު އުނދަގުލެއް ނެތިއެވެ. އެ ދެސެޓު ވެސް ގެންދިޔައީ 01-11 އިންނެވެ. ހަތަރު ވަނަ ސެޓު ވެސް އޯޒްގޭ ގެންގޮސް ފަސޭހައިން މެޗުން މޮޅުވާނެ ކަމަށް ބެލެވިފައި އޮއްވައި، މަންޒަރު ބަދަލުވީ ދީމާ ހަތަރު ވަނަ ސެޓުގައި އަރައި، ދެއްކި ހިތްވަރުންނެވެ.
ހަތަރު ވަނަ ސެޓުގައި، ޕްރެޝަރުގައި އޯޒްގޭ އަށް ކުޅެން ޖެހި ގިނަ ގޯސްތަކެއް ހެދުނެވެ. ދީމާ އޭގެއިން ކޮންމެ ބޯޅައެއްގައި ފައިދާނަގައި، ހަތަރު ވަނަ ސެޓު 11-09 އިން ގެންގޮސް މެޗު ޓައި ބްރޭކަށް ދިޔައެވެ.
ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓުގައި ވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އޯޒްގޭ އާއި ދީމާ ވެސް ސެޓުގެ ކުރީކޮޅުގައި ލީޑު ނެގިއެވެ. އެކަމަކު ލީޑުގެ ކޮންޓްރޯލެއް އެއްވެސް ކުޅުންތެރިއަކު އަތުގައި ނެތެވެ. ނަމަވެސް ސެޓުގެ ފަހުކޮޅުގައި ބައިނަލްއަގުވާމީ މަތީ ލެވަލްގެ ގިނަ މެޗުތަކެއް ކުޅެމުން އަންނަ އޯޒްގޭ ތަފާތު ދެއްކިއެވެ. އެގޮތުން ފަސް ވަނަ ސެޓު، 08-11 އިން ގެންގޮސް އޯޒްގޭ މެޗުން މޮޅުވީއެވެ.
ޓީޓީ އަންހެން ޓީމު ހިމެނެނީ ތުރުކީ އާއި ޖިބޫޓީ އަދި ޔޫގާންޑާއާ އެއް ގްރޫޕެއްގައެވެ. މި ގްރޫޕުގެ އެއް ވަނަ އާއި ދެ ވަނަ ސެމީ ފައިނަލަށް ހޮވޭނެއެވެ. ތުރުކީ މި ވަގުތު އެއް ވަނައިގައި އޮތީ ދެ މެޗުން ވެސް މޮޅުވެގެންނެވެ. ދެ ވަނައިގައި އޮތް ރާއްޖެ އާއި ތިން ވަނައިގައި އޮތް ޔޫގާންޑާ އަށް ވެސް ވަނީ މޮޅެއް ލިބިފައެވެ. މި ދެ ޓީމު ވެސް ތުރުކީ އަތުން ބަލިވި އިރު، މޮޅުވީ ޖިބޫޓީ އަތުންނެވެ.
މާދަމާ ޔޫގާންޑާ އާއި ރާއްޖެ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް އަނެއް ބުރުގެ ފުރުސަތު ލިބޭނެއެވެ.