ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޗެކިން ސިސްޓަމްތަކަށް ދިމާވެފައިވާ މައްސަލަ އަދިވެސް އެއްކޮށް ހައްލުނުވާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީި ޗެކިން ސިސްޓަމަށް ދިމާވި އެންމެ ބޮޑު މައްސަލަ ހައްލުވެފައިވާ ކަމަށެވެ. ނަމަވެސް ސިސްޓަމް އަދިވެސް އަޕްގްރޭޑް ކުރަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ޗެކިން ސިސްޓަމުގައި މައްސަލަ ޖެހުނީ ސޮޕްޓެވެއާއަށް ދިމާވި މައްސަލައަކުން ކަމަށެވެ. އެ މައްސަލަ މިހާރު ހައްލު ކުރެވުނަސް ސިސްޓަމް އަދިވެސް އަޕްގްރޭޑް ކުރާތީ އަދިވެސް ބައެއް ސިސްޓަމްތައް ނިވާލާ ކަމަށެވެ.
އޭނާ ވިދާޅުވީ ސިސްޓަމްތަކަށް ދިމާވި މައްސަލަ އެއްކޮށް ހައްލުކުރެވޭނީ ދެ ތިން ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި އެ މުއްދަތުގައި ބައެއް ފަހަރު މެނުއަލީ ފުލައިޓުތަކަށް ޗެކިން ކުރަމުންދާނެ ކަމަށެވެ.
"ސިސްޓަމްއަށް ޖެހުނު މޭޖާ ޕްރޮބްލަމް ސޯލް ވެއްޖެ. ދެން ކުރަމުން މިދަނީ ބަގް ފިކްސިން އާއި ކުޑަ އެހެނިހެން މައްސައްކަތްތަކެއް ސިސްޓަމާ ގުޅޭ ހިކަޕް ކަހަލަ މަސައްކަތްތައް،" އޮފިޝަލް ވިދާޅުވިއެވެ.
ޗެކިން ސިސްޓަމަށް މައްސަލަ ޖެހުނު ސީދާ ސަބަބު އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ވީއައިއޭގެ ޗެކިން ސިސްޓަމުގައި މައްސަލަ ޖެހިފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ ފްލައިޓުތައް ވަނީ ޑިލޭވެފައެވެ.