އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނޫސްވެރިޔާ އަލީ ނަސީރުގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ނަސީރު ހައްޔަރުކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެނގިފައިވާ ގޮތުގައި ނަސީރު ހައްޔަރުކުރީ އޭނާ އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ވީޑިއޯއެއްގެ މައްސަލައިގައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ނަސީރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިތުރު 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

މިއީ ނަސީރުގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ނަސީރުގެ ބަންދަށް 10 ދުވަސް ޖަހާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

ނަސީރާއެކު އެ ވީޑިއޯއިން ދެން ފެންނަނީ ރައްޔިތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމްކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ފުލުހުން ވަނީ އެ ވީޑިއޯގައި ފެންނަނީ ސަލީމް ނޫން ކަމަށް ވިދާޅުވެފައެވެ.

ބަންގްލަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ވަޒީފާގައި އުޅުނު މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުން ހިމެނެއެވެ. އެއްބަޔަކު ސަސްޕެންޑް ކޮށްފައިވާއިރު އަނެއް ބަޔަކު ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އެ މައްސަލަތަކާ ގުޅިގެން 18 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.