އެންމެނާމެދު އެއް ހަމަޔަކުން ގާނޫނު ހިންގައި، ރާއްޖޭގައި ގިސާސްގެ ހުކުމް ތަންފީޒުކުރަން ޖެހޭ ކަމަށް، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ، ގައުމުގައި ހިނގަމުންދާ އަނިޔާވެރިކަމާއި، އިސްލާމްދިނާ ހިލާފު ނުރަނގަޅު ކަންތައްތަކާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ހާއްސަކޮށް ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގި މައްސަލަތައް ފާހަގަ ކުރައްވައި ޑރ.ޝަހީމް ވިދާޅުވީ، އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވުނު ވަކި ފަރާތްތަކެއް ހައްޔަރުގައިވާ ކަމަށާއި، ދެން ތިބި ފަރާތްތައް މުޖުތަމައަށް ދޫވެފައި، އަދި މަގާމުތަކުގައިވެސް އެބަ ތިބި ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ، ގާނޫނު ހިންގަން ވާނީ އެންމެނާ މެދު އެއް ހަމަޔަކުންކަމަށާއި، ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަނި ނޫން ކަމަށެވެ.
އަނިޔާވެރި އަމަލުތަކަށް ހައްގު އަދަބުތައް ކަނޑައެޅިފައި ވަނީ އިސްލާމީ ޝަރީއަތުގައި ކަމަށާއި، ރާއްޖޭގެ ގާނޫނު އަސާސީން ބާރު ލިބިގެން، ގާނޫނޫލް އުގޫބާތުގައިވާ ގޮތުގެ މަތިން އިސްލާމީ ޝަރީއަތުގައި ބަޔާންވެގެން ގިސާސްގެ ހުކުމް ރާއްޖޭގައި ތަންފީޒުކުރަން ޖެހޭ ކަމަަށްވެސް ޑރ. ޝަހީމު ވިދާޅުވިއެވެ.