ޚަބަރު

ސީލްގެ ހާލު ގޯހެއް ނޫން، އޮތީ ވަރަށް ބޮޑަށް ސްޓްރެސްވެފައި: އީޕީއޭ

ރިފާ ހަލީލު

އައްޑޫ ސިޓީ ހިތަދޫ ބޭރުމަތި އަވަށު ފުއްޓަރަށް އެރި ސީލްގެ ހާލު ދެރަ ނޫން ކަމަށާއި އޭތި އޮތީ ވަރަށް ބޮޑަށް ސްޓްރެސް (ފިކުރުބޮޑުވެފައި) ކަމަށް ކަމަށް އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

ހިތަދޫ ބޭރުމަތި އަވަށު ފުއްޓަރަށް ސީލް އެރީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އީޕީއޭގެ އެންވަޔަރަމަންޓަލް ރިސާޗު އެންޑް ކޮންޒަވޭޝަންގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ސީލްގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން ސީލްގެ ހާލު ދެރަ ނޫން ކަމަށާއި ނަމަވެސް ގިނަ ބަޔަކު އެއާ ގާތްވެ ކާންދިނުމަށް މަސައްކަތްކޮށް އުނދަގޫ ކުރުމުގެ ސަބަބުން އޭތި ވަރަށް ބޮޑަށް ސްޓްރެސް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަނީ ސީލްގެ ގައިން ކޮންމެވެސް ވަރަކަށް ލޭ ފައިބާފައިވާތަނެވެ.

މިކަމާ ގުޅިގެން އޮފިޝަލް ވިދާޅުވީ ލޭ ފައިބަނީ އަނިޔާވެގެން ނުވަތަ ހާލު ދެރަވެގެން ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށްވެސް ތިފަދަ މައުލޫމާތު ލިބިގެން ބެލިން. މިހާތަނަށް ބެލި ބެލުމުން ބޮޑަށް ހީވަނީ އެއީ ކުކީކަޓާ ޝާކުގެ ބައިޓު މާކުތަކުން ފައިބާ ލޭ ކަމަށް. ނުވަތަ އޭގެ މޯލްޓްވާންވެގެން ހުރި ޕެޗް ކަމަށްވެސް ވެދާނެ. އެކަމަކު ޔަގީނެއް ނޫން. ޕެޓް ސާވިސްއާވެސް ކޮންސަލްޓް ކޮށްފިން. އޭތި އޮތީ ގަދަވެ ސަލާމަތުން. އޭތި މަރަކާ ނޫން ހަނގުރާމަ އެ ކުރަނީ. މީހުން މާބޮޑަށް ކައިރިވާތީ އޭތި ބިރުގަނެ ސްޓްރެސްވެފަ އެ އޮތީ." އޭނާ ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އެއަށް ބޭނުންވާ ވަރަށް ހޫނު ލިބުމުން އަމިއްލައަށް ދާނެ ކަމަށާއި ގާތްގަނޑަކަށް މަހެއްވަރު ނަގާނެ ކަމަށެވެ. އަދި އޭތި އެތަނުން ފޮނުވާލަން އެއްވެސް ބަޔަކު މަސައްކަތް ނުކުރުމަށާއި އީޕީއޭއިން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވިއެވެ. ސަބަބަކީ ސީލްއަކީ ވަރުބަލިކަން ފިލުވުމަށް އެގޮތަށް އެއްގަމަށް އަރައި އުޅޭ އެއްޗަކަށް ވާތީ އާއި ކާނާ ހޯދަންވެސް އަމިއްލައަށް މޫދަށް ފައިބައިގެން ދާނެ އެއްޗަކަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިންވެސް ހިތަދޫ ކަނބިހާ ބީޗު ސަރަހައްދުގެ މޫދުންވެސް ސީލެއް ފެނުނެވެ.