ގައުމުގެ ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރަނީ ކިތައް މީހުންތޯ، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ސުވާލު ކުރައްވައިފިއެވެ.

ގައުމުގައި މިހާރު ހިނގަމުންދާ ނުރަނގަޅު ކަންތައްތަކަށް އިޝާރާތް ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ރާއްޖޭގައި ރަނގަޅު ކުރަން، ނުވަތަ އިސްލާހު ކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށެވެ. އަދި ގައުމެއްގެ ހާލަތު ރަނގަޅުވާނީ، ނުވަތަ ނުބައިވާނީވެސް އެބަޔަކު އަމިއްލައަށް ހާލަތު ބަދަލު ކުރުމުން ކަމަށްވެސް ވިދާޅުވިއެވެ. "ނަމަވެސް ހަގީގަތުގައިވެސް އިސްލާހު ކުރަން މަސައްކަތް ކުރަނީ ކިތައް މީހުން؟"ތޯ މިނިސްޓަރު ވަނީ ސުވާލު ކުރައްވައިފައެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިވާއިރު، ގައުމުގައި މިހާރު ހިނގާ ނުބައި ކަންތައްތަކާ ގުޅިގެން، ގާނޫނު ތަންފީޒު ނުކުރެވޭކަމަށް ބުނެ ބައެއް މީހުން އަންނަނީ ސަރުކާރަށް، ހާއްސަކޮށް މިނިސްޓަރު އިމްރާނަށް ފާޑު ކިޔަމުންނެވެ.

ބައެއް މީހުން ބުނެފައިވަނީ، މިފަހަކަށް އާއްމު ވެފައިވާ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ މައްސަލަތަކާއި، އަނިޔާވެރިގޮތްގޮތަށް މީހުން މެރުމުގެ މައްސަލަތަކަކީ، އެކަންކަމަށް ބޭނުންވާ ގާނޫނުތައް ނެތިކަން ހިންގާ ކަންކަން ނޫން ކަމަށާއި، އެ ކަންކަމަކީ ގާނޫނުތައް ތަންފީޒު ނުކުރެވުމާއި، ސަރުކާރުން ރައްޔިތުންގެ އަމާންކަން ކަށަވަރު ނުކޮށްދެވުމުގެ ސަބަބުން ހިނގާ ކަންތައްތަކެއް ކަމަށެވެ.

މިނިސްޓަރު އިމްރާން މިފަދަ ޓުވީޓެއް ކުރެއްވި އިރު، މި ފަހަކަށް އައިސް އޭނާ ކުރައްވާ ޓުވީޓުތަކާ ގުޅިގެން މީހުން ގެންދަނީ އެކި ކަހަލަ ސުވާލުތައް އުފަންދަމުންނެވެ.