ޚަބަރު

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

މުހައްމަދު އިޝާން

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައިގެ ތަހުގީގު މިހާރު ފުޅާކޮށްފައިވާ އިރު، އެ މައްސަލައާ ގުޅިގެން 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. ޕާސްޕޯޓް ހިފެހެއްޓީ ވީޑިއޯ ދެނެގަނެ ތަހުގީގު ހިންގާއިރު، ރާއްޖެ އިން ބޭރަށް ފުރައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން ވަނީ މީގެ ކުރިން ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރުގެ ޕާސްޕޯޓާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. އަދި އަލަމްގީރްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓައިފައެވެ.

މިއަދު ވަނީ އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު ކަމަށް ބެލެވޭ މީހަކު، އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމުވެފައެވެ. އެމައްސަލައިގައި ރާފިއު ވަނީ އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރަތަކުގެ އިތުރުން ސިޔާސީ ބައެއް ފަރާތްތަކަށް ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން ބައެއް ފަރާތްތައް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާގެ އިތުރަށް މިހާތަނަށް ހައްޔަރުކޮށްފައިވަނީ ތިން މީހުންނެވެ. އެއީ ނާޒިމް އާއި ނަޝީދުގެ އިތުރުން ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރާ ފުލުހެކެވެ.

މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ކުރީގެ ނޫސްވެރިޔާ އަލީ ނަސީރު ވެސް ވަނީ ހައްޔަރުކޮށްފައެވެ.