ޚަބަރު

މަނަފަރު ރިސޯޓުން ވަކިކުރި 17 މީހުންނަށް ވަޒީފާ ދޭން ކުރި އަމުރު ތަންފީޒުކުރުން ފަސްކުރަން އަމުރުކޮށްފި

އިބްރާހިމް ޒަކީ

ހއ. ޖޭއޭ މަނަފަރު ރިސޯޓުގެ ވަޒީފާއިން ވަކި ކުރި 17 މީހުން އަލުން ވަޒީފާތަކަށް ރުޖޫއަ ކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި އަމުރު ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މި މައްސަލައަކީ، ރިޑަންޑެންސީ ހާލަތެއް މެދުވެރިވެގެން ކަމަށްބުނެ ޖޭއޭއާރުއެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ މަނަފަރު ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން 8 ސެޕްޓެމްބަރު 2020 ގައި ވަޒީފާއިން ވަކިކުރި މައްސަލައިގައި އޭގެ ތެރެއިން 17 މީހުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

އެމީހުންގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރިޑަންޑަންސީ އިއުލާންކުރީ ކަމަށްބުނެ، އެމީހުން ވަޒީފާއިން ވަކި ކުރީ އިތުރު ސަބަބެއް އެންގުމަކާނުލައި ކަމަށެވެ. އެހެންކަމުން ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށާއި އެ މީހުންނަކީ ވަޒީފާއިން ވަކިވެފައިވާ ބައެއް ނޫން ކަމަށް ކަނޑައަޅުއްވައިދެއްވައި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް ޓްރައިބިއުނަލްގައި ވަނީ އެދިފައެވެ.

މި މައްސަލަ ބެލުމަށްފަހު މިދިޔަ ޖޫން މަހުގެ 16 ވަނަ ދުވަހު ޓްރައިބިއުނަލުން ކުރި އަމުރުގައި ބުނެފައިވަނީ އެމީހުން ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާ ކަމަށެވެ. އަދި އެމީހުން ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި، ވަޒީފާއާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާ ހިލާފަށް ކަމަށެވެ.

އެހެންކަމުން އެމީހުން އަދާކުރަމުންދިޔަ މަގާމުތަކަށް އަލުން ރުޖޫއަކުރުމަށާއި، އެމީހުންނަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއްކަމުގައި ނުބެލުމަށް ވެސް ކަނޑައަޅާފައިވެއެވެ. އަދި ކޮވިޑް 19 އާ ގުޅިގެން އޭރު އަމަލު ކުރަމުން އައި، ވޮލަންޓަރީ ސްޕެޝަލް ލީވް ޕޮލިސީއަށް އަމަލު ކުރަން ފެށުމުގެ ކުރިން އެމީހުންނަށް ލިބެމުން އައި މުސާރަ އާއި އިނާޔަތްތަކަކީ ދޭންޖެހޭ ތަކެތި ކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން، އެމީހުންގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީހާ ހަމައަށް، އެމީހުން ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ ނަގައިދިނުމަށް ކަނޑައަޅާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް މައްސަލަ ހުށަހެޅި ފަރާތްތަކަށް ނުހައްގު މަންފާއެއް ލިބުމުގެ ފުރުސަތު ނިދިނުމުގެ މަގުސަދުގައި، އެމީހުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސް ފައިސާގެ ގޮތުގައި ދީފައިވާ ފައިސާ އާއި، "ގުޑްވިލް" ގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ދީފައިވާ 400 އެމެރިކާ ޑޮލަރާއި އަހަރީ ޗުއްޓީގެ ގޮތުގައި ނަގާފައިނުވާ ދުވަސްތަކަށް ދީފައިވާ ފައިސާ އާއި، ވޮލަންޓަރީ ސްޕެޝަލް ލީވްގެ ގޮތުގައި 8 ސެޕްޓެމްބަރު 2020 އާ ހަމައަށް އެފަރާތްތަކަށް ދީފައިވާ އުނިކުރުމަށް ކަނޑައަޅައި 14 ދުވަހުގެ ތެރޭގައި އެ އަމުރު ތަންފީޒު ކުރުމަށްފަހު ތިން ދުވަހުުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށް ޖޭއޭއާރުއެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މި އަމުރު ޖޭއޭއާރުއެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި އެ މައްސަލައަށް ހައިކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެ އަމުރު ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށްވެސް އެފަރާތުން ހައިކޯޓުގައި ވަނީ އެދިފައެވެ.

އެހެންކަމުން އެ މައްސަލައަށް ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ، އެކަމުގައި އެ ކޯޓުން ވަކި ގޮތެއް އަންގަންދެން ޓްރައިބިއުނަލުން ނެރެފައިވާ އަމުރު ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

ސެޕްޓެމްބަރު 2020 ގައި ގިނަ އަދަދެއްގެ ބަޔަކު މަނަފަރުގެ ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެމީހުން މުޒާހަރާވެސް ކުރިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 60 އެއްހާ މުވައްޒަފުން އެފަަހަރު ވަޒީފާއިން ވަކިކުރިއެވެ.