މިދިޔަ އެޕްރީލް މަހާއި އަޅައިބަލާއިރު މެއި މަހު އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

އާސަންދަ ކުންފުނިން އިއްޔެ އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މެއި މަހު ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވަނީ 759 މީހުންނެވެ. އެއީ އެޕްރީލް މަހާއި އަޅައި ބަލާއިރު 244 މީހުންގެ އިތުރުވުމެކެވެ.

މެއި މަހު ރާއްޖެއިން ބޭރުން ފަރުވާ ހޯދި މީހުންނަށް 28 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެޕްރީލް މަހު ހަރަދު ކޮށްފައިވަނީ 21.7 މިލިއަން ރުފިޔާއެވެ.

އޭޕްރިލް މަހުގައި އަތޮޅުތެރެއިން 60،281 މީހުން ފަރުވާ ހޯދާފައިވާއިރު މާލެއިން ފަރުވާ ހޯދާފައިވަނީ 56،551 މީހުންނެވެ. މެއި މަހު އަތޮޅުތަކުން 72،383 މީހުން ފަރުވާ ހޯދާފައިވާރު މާލެއިން ފަރުވާ ހޯދާފައިވަނީ 70،361 މީހުންނެވެ.

އާސަންދައިގެ ދަށުން މާލެއަށްވުރެ އަތޮޅުތަކުން ފަރުވާ ހޯދި މީހުންގެ އަދަދު ގިނަ ނަމަވެސް މާލެއިން ފަރުވާ ހޯދި މީހުންނަށް ކޮށްފައިވާ ހަރަދު ބޮޑެވެ. އެގޮތުން އަތޮޅުތަކަށް މެއި މަހު ހަރަދުކޮށްފައިވަނީ 70 މިލިއަން ރުފިޔާއެވެ. އަދި މާލެ ސަރަހަދަށް ހަރަދު ކޮށްފައިވަނީ 127.5 މިލިއަން ރުފިޔާއެވެ.