މަރުގެ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ދީފައި އޮތް ނަމަވެސް، އަދިވެސް ރާއްޖެއިން އެކަން ނުކުރެވޭކަން އެނގިއްޖެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން މަރުގެ މައްސަލަތަކުގައި މަރުގެ ސަބަބު ދެނެގަތުމަށް ހަށިގަނޑު ޕޯސްޓުމޯޓަމަށް ގެންދިޔުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ. އެގޮތުން ޝައްކުވާ މަރުގެ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހެދުމަށް މީގެ ކުރިން ހަށިގަނޑު ފޮނުވަނީ ރާއްޖެއިން ބޭރަށެވެ.
ނަމަވެސް ޕޯސްޓުމޯޓަމް ހެދުމާ ބެހޭ ގަވާއިދެއް ހަދައި، މި އަހަރުގެ މެއި މަހުގެ 24 އިން ފެށިގެން މަރުގެ ބާވަތްތަކު ތެރެއިން ހަ ބާވަތެއްގެ މަރުގެ މައްސަލައިގައި ޕޯސްޓުމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ވަނީ ދީފައެވެ.
އެފަހުން ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމި ފުރަތަމަ މައްސަލައަކީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ)ގެއެވެ.
ނަމަވެސް ފުލުހުންގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި، ޕޯސްޓްމޯޓަމް ހަދަން ހާއްސަ ޑޮކްޓަރެއް ފުލުހުންގެ އިދާރާގައި ހުރި ނަމަވެސް، ރާއްޖެއިން ޕޯސްޓްމޯޓް ހެދޭކަށް ނެތެވެ. އެއީ އެކަމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ނެތުމުން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ޕޯސްޓުމޯޓަމް ހެދުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން، ގަސްދުގައި މީހުން މެރުމާއި އަމިއްލައަށް މަރުވުމުގެ މައްސަލަތަކުގެ އިތުރުން ގޮތް ނޭނގޭ މަރުތަކާއި ގުދުރަތީ މަރެއް ކަމާމެދު ޝައްކު އުފެދޭ މަރުތަކުގައި ޕޯސްޓުމޯޓަމް ހެދިދާނެއެވެ.
ޕޯސްޓްމޯޓަމް ހެދޭނީ ދިވެހި ސަރުކާރުން އެކަމަށް ގަބޫލުކުރާ ރާއްޖޭގެ މަރުކަޒުތަކާއި ބޭރު ގައުމުތަކުގައި އެ ގައުމެއްގެ ސަރުކާރުން ހުއްދަ ދީފައިވާ ތަންތަނުން އެކަނި ކަމަށާއި ޕޯސްޓްމޯޓަމް ހަދަން ހުއްދަ ދެވޭނީ ހަމައެކަނި ކޮމިޝަނާ އޮފް ޕޮލިހަށް ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު