ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 27

2

(5 އޯގަސްޓުގެ ބަޔާ ގުޅޭ)

"އަހަރެން ހިލޭ ސާބަހަކަށް ނޫނޭ ފަރީދު ލައްވާ ކަންކަން މިކުރަނީ. އަހަރެންގެ މުޅި ހަށިގަނޑު ދިނީމަވެސް ނުފުދެނީތަ؟" ރޫބިޔާ ބުންޏެވެ. ވާހަކަދެއްކުނީ ނުބައި ރާގަކަށްކަން ރޫބިޔާއަށް އެނގުނީ ފަރީދުގެ ދެލޮލަށް ވެރިވި ކުލަވަރު ފެނިފައެވެ.

"އޯކޭ... އެކަން ކާމިޔާބުވިއްޔާ އެގެއިން އެއްބައި ކަލެއަށް. އަނެއްބައި އަހަންނަށް"

**********

ދުވާލުގެ މަސައްކަތްތައް ނިންމާފައި ރާޝިދު ގެއަށް އައިއިރު ދެ ފިރިހެން ދަރިންނާއެކު ޒުބައިރު އުޅުނީ ވަރަށް ބުރަކޮށެވެ. ވަރުބަލިވެފައި ހުރުމުން ރާޝިދު ބޭނުންވީ އިރުކޮޅަކު ޖޯލީގައި މަޑުކޮށްލާށެވެ. ކޮނޑުގައި އޮތް ރާ އަޅަން ބޭނުންކުރާ ސާމާނު އަޅާ ދާގަނޑެއް ކަހަލަ ދަބަސް ތިރީގައި ބަހައްޓާފައި ޖޯލީގައި ރާޝިދު އިށީނެވެ. ދެން ކައިރީގައި ކުޅެން އުޅުނު ޒުބައިރުގެ ދަރިއަކަށް ގޮވާލާފައި ފެންތައްޓެއް ގެނެސްދޭން އެދުނެވެ.

މަސައްކަތްތައް ނިންމާފައި ޒުބައިރު ގޯތިތެރެއަށް ނުކުތްއިރު އިރުއޮއްސެން ތައްޔާރުވެއްޖެއެވެ. ހަބީބާ ދިއްކޮށްލި ތުވާލި ހިފައިގެން ގިފިއްޔާ ދިމާލަށް ދަނިކޮށް ޖޯލީގައި އިން ރާޝިދު ފެނިފައި އިހަށް އެދިމާލަށް ދިޔައެވެ.

"ބަންގިދީފާނެ އިރުކޮޅަކުން. މިސްކިތާ ދިމާލަށް ދަމާ" ޖޯލީގައި އިށީންނަމުން ޒުބައިރު ބުންޏެވެ.

"އާނ ހިނގާ ދަމާ. ވަރުބަލި ފިލުވާލަން މިތަނުގަ އިށީނދެލީ" ރާޝިދު ބުންޏެވެ. "ކޮން މަސައްކަތެއްގަތަ ކުދިންނާއެކު ތިއުޅެނީ"

"އާނ އެއީ ޒުހޫރު (ޒުބައިރުގެ ދަރިއެއް) ގުޅާފައި އެސޮރުގެ ރަހުމަތްތެރިއެއް މަހެއްހާ ދުވަހަށް މިރަށަށް އަންނަން އުޅޭތީ އެ ދެމަފިރިން ތިބެން ކޮޓަރިއެއް މަރާމާތުކުރަނީ. ޒުހޫރު ބުނެފި އެދެމަފިރިންނަށް އެއްވެސް ކަމަކަށް ދަތިކޮށްގެން ނުވާނެއޭ" ޒުބައިރު ވާހަކަދެއްކިއެވެ.

ދެން ދެ ރަހުމަތެރިން ހިނގާފައި ގޭތެރެއަށް ވަންނަން ދިޔައެވެ.

**********

ކަންފަތުގައި ނަހީކްގެ ބާރު އަޑު ޖެހުމާއެކު ބެގަރީ މުލުން ލުހިގެން ގޮސް ނަހީކްގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. ކޮޓަރީ މެދުގައި ކޮޅަށް ހުރި ނަހީކްގެ މޫނުމައްޗަށް ވެރިވެފައިވާ ކުލަވަރުން ކަންކަން އެހާ ރަނގަޅު ނޫންކަން ބެގަރީއަށް އެނގުނެވެ. އަންނަ ރުޅީގައި ނަހީކް އަމަލުކޮށްފާނެ ގޮތެއް ނޭނގޭތީ ބެގަރީ ކަންބޮޑުވެސްވިއެވެ.

"އަހަރެން ނެތިސް މިކޮޓަރިއަށް އެއްވެސް މީހަކު ވެއްދިންތަ؟" ނަހީކް އެހިއެވެ. ބެގަރީ ހައިރާންވިއެވެ. ނަހީކަށް އެހެން އަހަން އެނގުނީ ކިހިނެއް ހެއްޔެވެ؟

"ނޫން.... އަޅުގަނޑު އަތުގަ މިކޮޓަރީގެ ތަޅުދަނޑިއެއް ނޯވޭއެއް ނޫންތޯ. އެހެންނޫނަސް ތިފަދަ އަމަލެއް އަޅުގަނޑު ނުހިންގަން" ބެގަރީ ބުންޏެވެ.

"އެންމެ ރަނގަޅު ބެގަރީ ދިޔަޔަސް. އަހަރެން ރޭގަނޑު ނުކާނަން އިނގޭ. ރެއަށް ހަމައެކަނި ބެގަރީ ކާނެ އެއްޗެއް ތައްޔާރުކުރާނީ" ނަހީކް އަމުރުކުރިއެވެ. ބޯޖަހާލާފައި ބެގަރީ ނިކުތެވެ. ހިނގުން ބާރުކޮށްލީ ކޮޓަރިން ނިކުމެފައެވެ. އެއީ ފަހަތުން ނަހީކް އަތުވެދާނެކަމުގެ ބިރަށެވެ. ނަހީކްގެ ސަބަބުން އެ އުމުރުން ދުވަސްވީ މީހާ މުޅިން ނަފްސާނީވެއްޖެއެވެ.

ނަހީކް ވިސްނާލިއެވެ. ފޮޓޯތައް ލެވުނީ ކޮންތާކަށް ހެއްޔެވެ؟ އެއީ ނައްތާލަންޖެހޭ އެއްޗެއްސެވެ. ހަނދާންވަނީ ކޮޓަރީ ކޮންމެވެސް ތަނެއްގައި ބެހެއްޓުނު ހަނދާނެވެ. އެހެންނަމަވެސް ކޮޓަރީގެ އެއްވެސް ތަނަކުން ނުފެނުނެވެ. ބެގަރީ ބުނިހެން އެ ކޮޓަރީގެ ތަޅުދަނޑި އޭނާ ނޫން އެހެން އެއްވެސް މީހަކު އަތުގައި ނޯންނާނެއެވެ. ކޮޓަރީގެ ތަންމައްޗާއި ދޮރުފޮތިތައް ބެގަރީ ބަދަލުކުރަނީ ނަހީކްގެ ހާޒިރުގައެވެ. ވީއިރު އެވަރުގެ އެއްޗެއް ކޮޓަރިން ގެއްލެންވީ އެއްވެސް ސަބަބެއް ނެތެވެ. އެންމެފަހުން ފޮޓޯތައް ގެއްލުނީކަމަށް ނިންމާފައި އުއްޑުން އެނދުގައި އޮށޯތެވެ.

ނަހީކަށް ނޭނގުނީ ފުރަން ދާންވެގެން އަލަމާރިން ފޮޓޯތައް ހުރި ސިޓީއުރަ ނަގާފައި ދަބަހަށް ލައިގެން ގޮސް ސިއްރު ކޮޓަރިއަށް އެއްޗެއް ނަގަން ވަންކަމެވެ. އެ ކޮޓަރިން ނިކުންނަން އުޅުމުގެ ތެރޭގައި ސިޓީއުރަ ތިރިއަށް ވެއްޓުނުކަމެވެ. އަދި މިހާރު ފޮޓޯތައް ވަނީ ނަހީކް އުންމީދުވެސް ނުކުރާ ފަދަ ހިސާބަކަށް ގޮސްފައިކަމެވެ.

**********

ރައްޓެއްސަކާއެކު ކޮފީއެއްގައި އިނދެފައި ނަހީކް ނިކުތްއިރު ދެ ޖިންސުގެ މީހުންތަކުން މަގު ހަލަބޮލިވެފައި ވިއެވެ. ހުކުރު ދުވަހަށްވެފައި ހަވީރު ވަގުތު ވުމުން އެއީ އަބަދުވެސް މާލޭގެ މަގުތަކުގެ ހާލަތެވެ. ސައިކަލުގައި މަޑުމަޑުން ދުއްވާފައި އައި ނަހީކްގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. އޭނާގެ މިސްރާބު ހުރީ ރިންދާ އުޅޭ ގެއެވެ. ރިންދާ ނުފެންނަތާ ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. ނަހީކް ހުރީ ރިންދާގެ ސޫރަ ދެކިލާހިތުން ދެލޯ ނިކުންނަވަރު ވެފައެވެ. މަގުމަތިންދާ ކޮންމެ މީހަކު އޭނާއަށް ފެންނަނީ ރިންދާގެ ސިފައިގައެވެ. ހެދުން ވިއްކާ ފިހާރަތަކުގައި ހުންނަ ބުދުތައްވެސް ފެންނަނީ ރިންދާގެ ސިފައިގައެވެ. ރިންދާގެ ސަބަބުން ނަހީކް ހުރީ ދުނިޔެއިން މޮޔަވާން ގާތްވެފައެވެ. ޝަލްބިޔާ ކައިރިއަށް މިފަހަރު ކުރި ދަތުރުގައި އޭނާ އައީ ޝަލްބިޔާއަށް ވައުދުވެފައެވެ. ޝަލްބިޔާ ކައިރިއަށް ދެން އެންމެ އަވަހަށް ކުރާ ދަތުރުގައި ރިންދާ ކައިރީގައި ހުންނާނެ ވާހަކަ ބުންޏެވެ. އަދި އެއީ ޝަލްބިޔާގެ ޅީދަރިފުޅުގެ ގޮތުގައި ކަމަށްވެސް ބުންޏެވެ.

އެ ގެއާ ހަމައަށް ގޮސްފައި ނަހީކް ސައިކަލް މަޑުކޮށްލީ ދޮރު ފެންނަ ހިސާބު ތަންކޮޅެއް ދުރުގައެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ބެލްކަންޏާ ދިމާލަށްވެސް ބެލިއެވެ. ހީވަނީ މީހުން ނޫޅޭ ފަޅު ގެއެއްހެންނެވެ. ގޭގައި މީހަކު ނެތީ ހެއްޔެވެ؟ ކުއްލިއަކަށް އެގޭ ދޮރުމައްޗަށް ސައިކަލެއްގައި ޒުވާނަކު މަޑުކޮށްލިއެވެ. އެ ޒުވާނާ އިނީ ނަހީކަށް ކުރިމަތިލައިގެންނެވެ. ލޮލުގައި އޮތް އަވިއައިނު ނަގާފައި ޒުވާނާ ނެގީ ޖީބުގައި އޮތް ފޯނެވެ. ވަރަށް ރަނގަޅަށް ޒުވާނާގެ މޫނަށް ނަހީކް ބެލިއެވެ. ދަންނަ މޫނެކެވެ. ކުރިން ބައްދަލުވެފައި ހުރި މީހެއްހެން ހީވިއެވެ. ހަނދާނަކަށް ނައެވެ. މާގިނައިރެއް ނުވެ ދޮރު ހުޅުވާލާފައި ނިކުތް އަންހެންކުއްޖާ އެރީ ޒުވާނާ އިން ސައިކަލުގެ ފަހަތަށެވެ. ނަހީކަށް ބާރުކޮށްލެވުނީ ސައިކަލުގެ މުއްގަނޑަށެވެ. ރިންދާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފެނި ނަހީކްގެ ހަމަޖެހުން ގެއްލުނެވެ. އަޔާލް ސައިކަލް ދުއްވާފައި ދިޔައީ ނަހީކްގެ ކުރިމަތިންނެވެ. ސައިކަލު މަތީގައި އިން ނަހީކްގެ އެ އަތް އޮތީ ފަހަތުގައި އިން ރިންދާގެ އަތްތިލައާ ގުޅުވާލެވިފައި ފަހަތުން ގެނެސް އަޔާލްގެ އުނގުމަތީގައެވެ. ނަހީކް ހަނދާނަށް އައީ އެންމެފަހުން ރިންދާއާ ބައްދަލުވި ދުވަހު ދެކެވުނު ވާހަކައެވެ. އެދުވަހު ރިންދާ އެހެންމީހަކު ނަގާފައޭ ބުނީ ސަމާސާއެކޭ ނަހީކަށް ހީވިއެވެ. އެހެންނަމަވެސް އެއީ ސަމާސާއެއް ނޫންކަން ނަހީކަށް މިހާރު ޔަގީންވެއްޖެއެވެ.

އަޔާލްއާއި ރިންދާގެ ފަހަތުން ނަހީކް ސައިކަލް ދުއްވަމުން ދިޔައެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވެފައިވާއިރު ރިންދާ އިން ނަހީކްގެ ނަޒަރު ފަޅިސިކުންތަކަށްވެސް ނުނެއްޓެއެވެ. ފިހާރައެއްގެ ކުރިމައްޗަށް އަޔާލް ސައިކަލް މަޑުކޮށްލާފައި ދެކުދިން އެކުގައި ސައިކަލުން ފޭބިއެވެ. ދެން އަތާއި އަތް ގުޅުވާލައިގެން ފިހާރައިގެ ތެރެއަށް ވަނެވެ. ނަހީކް އައިސް މަޑުކޮށްލީ ފިހާރައިގެ ތެރެއިން އަޔާލްއާއި ރިންދާގެ ހަރަކާތްތައް ފެންނަ ހިސާބުގައެވެ. ބައެއްފަހަރު ދެލޮލުން ރޮނގަކަށް ކަރުނައެއް ފައިބައިގެން ދެއެވެ. އަނެއްބައި ފަހަރު ދެލޮލުގެ ތެރެއިން އަނގުރު އަލިފާނުގެ ދިލަ އަރައިގެންދާ ކަހަލައެވެ. އިރުކޮޅަކުން ދެމީހުން ފިހާރައިން ނިކުމެ ސައިކަލުގައި ކުރިއަށް ދުއްވާލިއެވެ. ރިންދާގެ އަތުގައި ކޮތަޅެއް އޮތެވެ.

ރެސްޓޯރެންޓެއް ކުރިމައްޗަށް ސައިކަލް މަޑުކޮށްލާފައި ކޮންމެވެސް ވާހަކައެއް ދައްކާފައި ހެމުން ދެމީހުން ހިނގާފައި އެތެރެއަށް ވަދެގެން ދިޔައެވެ. ނަހީކް އެތެރެއަށް ވަނީ ކުޑައިރުކޮޅެއް ފަހުންނެވެ. ވަކިން ހުރި މޭޒެއްގައި ނަހީކް އިށީނދެގެން އިންއިރު ދިމާލަށް ރިންދާ ފެންނަން އިނެވެ. އެހެންނަމަވެސް ރިންދާއަށް ނަހީކް ނުފެނެއެވެ. ފެންނާނީވެސް ކިހިނެއް ހެއްޔެވެ؟ ކުރިމަތީގައި އިނީ އޭނާ ހިތާފުރާނައިން ލޯބިވާ މީހާއެވެ. އެ މީހާ ކުރިމަތީގައި އިންދައި އެހެން އެއްވެސް ދިމާލަކަށް ރިންދާއަށް ނުބެލޭނެއެވެ.

"ދީބަލަ އަތް" އަޔާލް ބުންޏެވެ. ރިންދާ ހީލާފައި އަޔާލްއަށް އަތްދިއްކޮށްލިއެވެ. އެހިނދު ރިންދާގެ އަތްތިލައިގައި އަޔާލް ހިފާލިއެވެ. ދެން ކައިރިކޮށްލާފައި ރިންދާގެ އަތްތިލައިގައި އަޔާލް ބޮސްދިނެވެ.

އެ މަންޒަރު ފެނުމާއެކު ނަހީކަށް ހީވީ މޫނުމަތީގައި ނުފެންނަ އަތަކުން ވަރުގަދަ ތަފާއްޔެއް އަޅުވާލިގެންނެވެ. ދެލޮލުން ކަނި ބުރައިގެންދިޔަހެން ހީވެ ތެދުވިގޮތަށް ދާދި ދެންމެއަކު ވެއިޓަރަކު ގެނެސް ބެހެއްޓި ފެންތަށި އަތުން ބުރުވާލިއެވެ. ތަށި ތަޅައިގެން ދިޔަނަމަވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. އެތެރޭގައި ތިބި މީހުންނާއި ވެއިޓަރުން އެތަނަށް ޖަމާވުމުގެ ކުރިން ނަހީކް އެތަނުން ނިކުމެއްޖެއެވެ. މަގުމައްޗަށް ނިކުމެފައި ބާރު ހިނގުމުގައި ގޮސް ހުއްޓުނީ އަޔާލްގެ ސައިކަލް ކައިރީގައެވެ. އެދިޔަގޮތަށް ފައިންޖަހާ އަޔާލްގެ ސައިކަލް ތިރިއަށް ވައްޓާލިއެވެ.

*****

ކައިވެނީގެ މަޖިލީހަށް ތައްޔާރުކޮށްފައިވާ މޭޒު ކައިރީގައި ރޫބިޔާ މަޑުކޮށްގެން ހުއްޓެވެ. ކައިވެނީގެ ހުދު ހެދުމުގައި ބަރަކް ކައިރީގައި މަޑުކޮށްލައިގެން ހުރި ޖިލްވާއަށް ބަލައިލާފައި ހީލިޔަސް ޖިލްވާ އެނބުރުމާއެކު މޫނުމައްޗަށް ފޫހިކަން ގެނުވައެވެ. ދެފަރާތުގެ އާއިލާގެ މެންބަރުން އަންނަމުން ގޮސް މުޅި ގޭތެރެ ހަލަބޮލިވެއްޖެއެވެ. ކުއްލިއަކަށް ވަދެގެން އައި މީހުންގެ ތެރޭގައި ހުރި ހަސީނާ ފެނުމާއެކު ރޫބިޔާ އެދިމާލަށް ދިޔައެވެ. ބަރަކްއަށް ހާއްސަވި ރޭގައި ރޫބިޔާ ހުރީ ނިކަން ހެދިލައިގެންނެވެ.

"ހާދަ މީރު މީރު ވަސްވެސް އެބަދުވައޭ. ހުރިހާ އެއްޗެއް ކެއްކީ ރޫބީތަ؟" ހަސީނާ އެހިއެވެ.

"އަހަރެން ނޫނީ ދެން ކާކު ކައްކާނީ؟" ރޫބިޔާ ބުންޏެވެ. ރޫބިޔާ އެހެދީ ދޮގެއްކަން ހަސީނާއަށް އެނގުމުން ޖަހާލީ ހިނިގަނޑެކެވެ.

"ހާދަ ރީތި ކުއްޖެކޭ ދޯ އެއީ. އެކަމަކު އެހާ މުއްސަނދި ކުއްޖެއްވެސް ހާދަ ދައްސޭ. ކާފަގަނޑެއް ދޯ ހުންނަނީ. މިކުދިން ހަނީމޫނަށް ކޮންތާކަށް ދަނީ؟" ހަސީނާ ވާހަކަދެއްކިއެވެ.

"ތިވާހަކަ ނުދައްކާ. އަހަރެން ތިކަހަލަ ވާހަކައެއް ދައްކަފިއްޔާ ބަރަކް އަންނާނީ ރުޅި. އެހެންނޫނަސް މިގޭގައެއްނު ދެން އެ ޖިލްވާ ހުންނާނީ. އަހަރެންނަށް ފަސޭހައެއްނު. ލާހިކެއް ނޫން ބަދިގެއިން ނިކުންނާކަށް" ރޫބިޔާ ބުންޏެވެ.

ކައިވެނިކޮށްދޭ މީހުން އައުމާއެކު ކައިވެނީގެ މަޖިލީހުގައި ތިބޭ މީހުން މޭޒު ކައިރިއަށް ޖަމާވެއްޖެއެވެ. ކުރީދުވަހުގެ ހާދިސާއަށްފަހު ބަރަކް އާއި އަޔާލް ތިބީ އެކަކު އަނެކަކަށް ގުޅަން ނުކެރިފައެވެ. ބަރަކް ގޮނޑީގައި އިށީންނަން ދިޔައީ ލަސްލަހުން ހިނގާފައެވެ. އޭނާއަށް އަޔާލް އަންނާނެކަމަށް ދޮރާ ދިމާލަށް އެތައް ފަހަރަކު ބެލިއްޖެއެވެ. އެންމެފަހުން ބަރަކް ގޮނޑީގައި އިށީނީ އަންވަރު ގޮވައިލުމުންނެވެ. އެގޮތަށް އަޔާލް ކަންތައްކުރުމުން ބަރަކް ދެރަވެއްޖެއެވެ.

ކައިވެނީގެ މަޖިލިސް ފެށުނު ވަގުތެވެ. ރޫބިޔާގެ ދެލޯ ހުއްޓިފައި ހުރީ މައިދޮރަށެވެ. އަޔާލްގެ އަތުގައި ހިފައިގެން ރިންދާއަށް ރޫބިޔާ ބަލަހައްޓައިގެން ހުރިތަން ފެނުމާއެކު އަޔާލްގެ އަތަށް ބާރުކޮށްލިއެވެ. ރިންދާގެ އަތުގައި ހިފައިގެން އަޔާލް ގޮސް ހުއްޓުނީ ބަރަކްގެ ކުރިމަތީގައެވެ. އަޔާލް ފެނުމާއެކު ބަރަކްއަށް ހަމަޖެހުން ލިބުނެވެ. އަޔާލް ހީލުމުން ބަރަކްވެސް ހީލާފައި ގާޒީއަށް ސަމާލުކަންދިނެވެ.

"އަނބި ގަބޫލުކޮށްފިން" ބަރަކް ބުންޏެވެ.

ދެފަރާތުގެ އާއިލާއަށް ހަމަޖައްސާފައި އޮތް ކެއުން ފެށުމާއެކު އަނެއްކާވެސް ތަން ހަލަބޮލިކޮށްލައިފިއެވެ. އަންވަރާ މިހުރިހާއިރު ވާހަކަދައްކަން ހުރި ބަރަކް އަންވަރުގެ ކިބައިން ސަލާމަތްވުމާއެކު އަޔާލްއާ ދިމާލަށް ދިޔައެވެ. އަޔާލްއާއި ރިންދާ މަޑުކޮށްގެން ތިބީ ވަކިން މޭޒެއްގައެވެ. ބަރަކް އަންނަތަން ފެނުމާއެކު އަޔާލް ތެދުވެއްޖެއެވެ. އަޔާލްގެ ގައިގައި ބަރަކް ބައްދާލިތަން ފެނުމާއެކު ދުރުގައި ހުރި ރޫބިޔާ ތުންގަނޑު އޫކޮށްލިއެވެ.

ދަބަހުގައި އޮތް ފޯނު ރިންގުވުމާއެކު ރޫބިޔާ ނަގާފައި ބަލައިލިއެވެ. ފަރީދުގެ ކޯލެއްކަން އެނގުމުން ރޫބިޔާ އެއްފަރާތަށް ޖެހުނެވެ. ދެން ވާހަކަތަކެއް ދައްކާފައި އެއްވެސް މީހަކަށް ނޭނގޭނެހެން ދޮރުން ނިކުތެވެ. ރޫބިޔާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި ރިންދާ ބެލްކަންޏަށް ނިކުމެ ބަލައިލިއެވެ. ރޫބިޔާގެ ނިޝާނެއްވެސް ފެންނަން ނެތެވެ. ރިންދާ ހައިރާންވިއެވެ. އެހާ އަވަހަށް ގެއްލުނީ ހެއްޔެވެ؟ އިރުކޮޅަކުން ފެނުނީ ތަބަކެއްގައި ޖޫސް ހިފައިގެން އައި ރޫބިޔާއެވެ.

"ދޮންބެއަށް މައާފުކުރާނަންތަ؟ ފަހުން ދޮންބެ ދެރަވި" އަޔާލް ބުންޏެވެ.

"އެއްވެސްކަމަކާ ނުލައި މީހަކު ކައިރިއަށް އެހާ ރުޅިއެއް ނާންނާނެ. މަންމަގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީވެސް މަށަކަށްނު" ބަރަކް ބުންޏެވެ.

"އަހަރެންނަށް އެނގޭ ތި އެންމެން ތިބޭނީ މިތަނުގަކަން" ކުއްލިއަކަށް އެންމެންގެ ނަޒަރު އަމާޒުވީ މޭޒުމަތީގައި ރޫބިޔާ ބެހެއްޓި ތަބަކަށެވެ. ހާއްސަކޮށް ރިންދާއެވެ.

"އަހަރެން މިއަދު ބޭނުމެއް ނޫން އެއްވެސް ހައިޖާނެއް އުފައްދާކަށް. މިއީ ވަރަށް އުފާވެރި ރެއެއް" ރޫބިޔާ ބުންޏެވެ. ފަރީދު ބުނިގޮތަށް ކިތަންމެ ހަމަޖެހިގެން ވާހަކަދެއްކި ނަމަވެސް އަޔާލްއާ ހަތަރުކަޅި ހަމަކޮށް ބަލާކަށް ރޫބިޔާއަށް ނުކެރުނެވެ.

"ކޮބާ ޖިލްވާ؟ ބަރަކް ދޭބަލަ ޖިލްވާ ގޮވައިގެން އަންނަން" ރޫބިޔާ ބުންޏެވެ.

ކުއްލިއަކަށް ރޫބިޔާއަށް އައިސްފައިވާ ބަދަލު ފެނިފައި ބަރަކް ހައިރާންވިއެވެ. ޖިލްވާއާ ދިމާލަށް ބަރަކް ހިނގައިގަތީ ފާޑަކަށް ރޫބިޔާއަށް ބަލަހައްޓައިގެން ހުރެފައެވެ. އެއީ ވަގުތީ ބަދަލެއްކަން ބަރަކްއަށް އެނގޭ ކަހަލައެވެ.

"އެދުވަހު ކަންތައްކުރެވުނީ ރަނގަޅަކަށް ނޫން" ރިންދާއަށް ބަލައިލަމުން ރޫބިޔާ ބުންޏެވެ.

ބަރަކް އެއްޗެއް ބުނަން އުޅޭހެން ހީވެ ބަރަކްގެ އަތުގައި ރިންދާ ބާރަށް ހިފަހައްޓާލިއެވެ. އެފުރުސަތު އަޔާލްއަށް ނުދީ ރޫބިޔާއާ ކުރިމަތިލާން ރިންދާ ތައްޔާރުވެލިއެވެ.

"މިއަށް ކޯޗެއް އަޅައިގެން ހިފައިގެން ތިއައީ؟" ރިންދާ ބުންޏެވެ.

ކުއްލިއަކަށް ރިންދާ ކުރި ސުވާލާއެކު ރޫބިޔާއަށް އިހުސާސް ކުރެވުނީ ލައިގެން ހުރި އަންނައުނު ހަށިގަނޑާ ވަކިވި ހެންނެވެ. މުޅިން ބޭޒާރުވެއްޖެ ކަމުގައި ހީވިއެވެ.

"މަށެއް... ކޮންއިރަކު...؟ ތިހެން ބުނަން ހެޔޮވާނީ ކިހިނެއް؟" ރޯންކަމަށް ރޫބިޔާ ހެދިއެވެ.

ޖިލްވާއާއި ބަރަކް ހުއްޓިފައި ރޫބިޔާއަށް ބަލައިލިއެވެ. ކަންތައްގަނޑެއް ހިނގައިފިކަން ބަރަކްއަށް އެނގުނެވެ.

"މިހާރު މަންމަ ކީއްކުރީ؟" ބަރަކް އެހިއެވެ.

"އަހަރެންނަށް އެނގޭ އަހަރެން ގޯސްކަން. އެކަމަކު ރަނގަޅުވާން އުޅެންޏާ އެ ފުރުސަތު ދޭންވާނެއެއްނު" ރޫބިޔާ ބުންޏެވެ. ރޮވިފައި ވާހަކަދެއްކިޔަސް ރޫބިޔާގެ ލޮލުގައި ކަރުނައިގެ ނިޝާނެއްވެސް ނެތެވެ.

"އަހަރެން ނުލާހިކު ލޯބިން މި ހިފައިގެން މިއައީ. އަހަރެމެން އެއްތަނެއްގައި ތިބެ ބޯންވެގެން. އަދި އަޔާލްއަށް ހާއްސަކޮށް އޭނައަށް އެންމެ މީރު ފަނި މިހުރީ ގެނެސްފަ. އެކަމަކު އޭނަ އެބުނީ...."

"ވަރަށް ބޮޑަށް ޝުކުރިއްޔާ.... އަހަރެން ޖިލްވާ އާއެކު ފޮޓޮއެއް ނަގަން ބޭނުން" ރޫބިޔާ ޖުމްލަ ފުރުމަކުރަން ރިންދާ ތަން ނުދިނެވެ. ޖިލްވާގެ އަތުގައި ހިފައިގެން ކައިރިއަށް ގެނެސްފައި ސެލްފީ ނަގަން ތައްޔާރުވިއެވެ.

"މަންމަ ދޭބަލަ. މަންމަގެ ހަސީގެ ބިޓު މަންމަ ހޯދާ އެބަ" ބަރަކް ބުންޏެވެ.

"ދެން މި ބޯނީ ކޮންބައެއް؟" ރޫބިޔާ އެހިއެވެ.

"މަންމަ ދިޔަޔަސް އަހަރެމެން ތި ބޯނަން" ބަރަކް ބުންޏެވެ.

"މި ތަށި އަޔާލްއަށް އިނގޭ" ރޫބިޔާ ބުންޏެވެ.

ރޫބިޔާ ހިނގައިގަތް ދިމާލަށް ފަހަތުން ރިންދާ ދިޔައެވެ. ހަސީނާ އިން މޭޒާ ރިންދާ ކައިރިވެލުމާއެކު ރޫބިޔާ ބަލައިލިއެވެ. ސިއްސައިގެން ގޮސްފައި ރޫބިޔާ ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ރިންދާއަށް ބަލައިލިއެވެ.

"މިއީ ކާކު؟" ހަސީނާ އެހިއެވެ.

"އަހަރެން މިއީ މީނަގެ ދޮންދަރިފުޅު އިންނަން އުޅޭ ކުއްޖާ. ވާހަކައެއް ބުނަން މިއައީ" ރިންދާ ބުންޏެވެ. ރިންދާގެ ބަހުރުވަ ހުރިގޮތުން ރޫބިޔާ ޖެހިލުންވާ ގޮތް ވިއެވެ.

"ކިހިނެއްވީ؟ ކަލޭ ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް އެ ޖޫސްތައްޓެއް އަހަރެންގެ ޔާލްއެއް ނުބޯނެ. އަދި ކަލޭ ހަދާ އެއްވެސް މައިތިރިއަކުން ﷲ އިރާދަކުރެއްވިއްޔާ މަގޭ ޔާލްއަކަށް އެއްވެސް އަސަރެއް ނުކުރާނެ" ރިންދާ ވާހަކަދެއްކިއެވެ. ރޫބިޔާއަށް ކިޔާނެ ބަހެއް ނޭނގިފައި ހުއްޓައި ހަސީނާ ރިންދާއަށް އަޑުލައިގަތެވެ.

"މިއީ ކޮންކަހަލަ އަންހެނެއް. އެނގޭތަ ތިކިޔޭ އެއްޗެއް. އޭނަ މިހާރު ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއްޔާ ކަލޭ ބަންދުކުރާނެ. ރޫބީ ގުޅާ ޕޮލިހަށް" ހަސީނާ ބުންޏެވެ.

"މަގޭ އަތުގައިވެސް ފޯނު އެބައޮތް. އަހަރެންވެސް ގުޅާނަން ޕޮލިހަށް. ކުރީދުވަހަކު މި އަންހެނާ ހިތުގައި އޮތް އެދުމެއް ހާސިލުނުވެގެން އަހަރެންގެ ގައިގައި ޖަހައި މާރާމާރީ ހިންގީ. ހެކިބަސްދޭނެ މީހުން ބައިވަރު އެބަތިބި" ރިންދާ ބުންޏެވެ.

"އެ އަޔާލު އަހަރެންނަށް ކުރިވަރު ކުޑަތަ؟ އަހަރެންނަށް ވެގެންވަންޏާ އެ އިބިލީހަށް އަދި ހޭއަރުވާލާނަން" ރޫބިޔާ ބުންޏެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން މިތަނަށް މިއައީ ކަލޭ އެތައްޓަށް އެއްޗެއް އެޅިކަން އެނގިގެނެއް ނޫން. ކުއްލިއަކަށް ތިހާ ބަދަލެއް އައިސްފައި ހުރުމުން ހަގީގަތް ހޯދަން. މިހާރު ހަގީގަތް އެނގިއްޖެ" ރިންދާ ބުންޏެވެ. ދެން އަޔާލް ހުރި ދިމާ ހޯދާލާފައި އެދިމާލަށް ހިނގައިގަތެވެ.

*********

ކޮޓަރީގައި އޮތް ބެގަރީ ބޭރަށް ނިކުތީ ގޭތެރެއިން ބާރު އަޑެއް އިވިގެންނެވެ. ބެގަރީއަށް ހީވީ ތަނެއް ފުނޑުނު ހެންނެވެ. ދުވެފައި އައިއިރު މުޅި ސަރަހައްދުގައި އޮތީ ބިއްލޫރިއެވެ. ނަހީކްގެ ހީވީ ހޭބުއްދި ފިލައިގެން ގޮސްފައި ހުރިހެންނެވެ. އަތުގައި އޮތް ލަޓިބުރިއަކުން ހުރިހާ ކުޑަދޮރުތަކެއް ތަޅާ ފުނޑުކުރަމުން ދިޔައިރު ނަހީކްގެ ބޮލަށް ޝައިތާނާ ސަވާރުވެފައި އިނެވެ. ދުވަމުން ސިޑިން ފައިބައިގެން އައި ވިލިނީއަށް އެމަންޒަރު ފެނުމާއެކު ދެކަންފަތްމަތީގައި އަތް އެޅިއެވެ. ނަހީކް އުޅުނުގޮތުން ޖެހިލުންވެސް ވިއެވެ. ނަހީކާ ދިމާލަށް ދާން އުޅުނު ބެގަރީގެ އަތުގައި ވިލިނީ ހިފެހެއްޓިއެވެ.

"އަހަރެން ދޫކޮށްލާ. އަހަރެން މިދަނީ އޭނަ ހިފަހައްޓަން" ބެގަރީ ބުންޏެވެ.

"އުނހު. ދާނެ ކަމެއްނެތް. އަމިއްލައަކަށް މައިތިރިވެދާނެ. މިވަގުތު ބެގަރީ އޭނައާ ކައިރިވެއްޖިއްޔާ ބެގަރީގެ ގައިގައި އެ ލަޓިބުރިން އަޅުވާލާނެ" ވިލިނީ ބުންޏެވެ.

މާގިނައިރެއް ނުވެ ލަޓިބުރި ތިރިއަށް ހޫރާލާފައި ހުރި ދިމާލުން ތިރީގައި ނަހީކް އިށީނެވެ. ދެން ކަރުފަޅާއިގެންދާވަރަށް ހަޅޭއްލަވަން ފެށިއެވެ. ބެގަރީއާއި ވިލިނީ ހަމަ އަޅާވެސްނުލައި ހިމޭނުން ތިއްބެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟