ޚަބަރު

މޫލީއަށް ކާމިޔާބު ތިން އަހަރު!

މުހައްމަދު އިޝާން

އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީއަށް ތިން އަހަރު ފުރުން މިއަދު ފާހަގަކޮށްފިއެވެ.

މޫލީއަކީ ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވާލަދީ، ރާއްޖެއަށް ފުރިހަމަ އޮންލައިން ވިޔަފާރިކުރުމުގެ ތަޖުރިބާއެއް ފޯރުކޮށްދިނުމަށްޓަކައި އުރީދޫން ތައާރަފުކުރި ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމް ރަސްމީކޮށް އިފުތިތާހުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހުއެވެ.

އުރީދޫން ބުނީ، މިއަދު ކަސްޓަމަރުންގެ ހިދުމަތުގައި މޫލީ ކާމިޔާބު ތިން އަހަރު ފާހަގަކުރަމުންދާއިރު 20،000 އަށްވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެެކި ހިސާބުތަކަށް ކޮށްދީފައިވާ ކަމަށެވެ. އަދި މޫލީ މެދުވެރިކޮށް 18 ކެޓަގަރީއަކުން މަގުބޫލުކަން ހޯދާފައިވާ 50 އަށްވުރެ ގިނަ ކުންފުންޏެއްގެ ކޮލިޓީ އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ވިޔަފާރިކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ ކަމަށް އުރީދޫން ބުންޏެވެ. އޭގެ ތެރެއިން އިލެކްޓްރޯނިކް ސާމާނު، ގެއަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިން ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވެސް ހިމެނެއެވެ.

އެ ހާއްސަ ލަނޑުދަނޑި ފާހަގަކުރަމުން މޫލީ ޕްލެޓްފޯމުން ވިޔަފާރިކުރާ ފަރާތްތަކަށާއި ޕާޓްނަރުންނަށް މޫލީ ޓީމުން ޝުކުރު އަދާކުރާ ކަމަށް އުރީދޫން ބުންޏެވެ. މޫލީން މިމަހުގެ ތެރޭގައި ހާއްސަ ހަަދިޔާތަކަކާއެކު މުނިފޫހިފިލުވުމާއި އިންޓަރެކްޓިވް އޮންލައިން އެންގޭޖްމެންޓް ހަރަކާތްތައް ރާވަފައިވާ ކަމަށް އުރީދޫން ފާހަގަކުރިއެވެ.

މޫލީގެ ތަސައްވަރާ އެއްގޮތަށް ކަސްޓަމަރުންނާއެކު އިތުރު ގާތް ގުޅުމެެއް އާލާކޮށް ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މޫލީން ކޮވިޑް-19ގެ ޕެންޑެމިކްގެ ދަނޑިވަޅުގައި ވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ކަސްޓަމަރުންނާ ވިޔަފާރިތައް ގުޅުވާލަދީ، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ސަލާމަތާއި ރައްކާތެރިކަމާއެކު ގޭގައި ތިބެގެން ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، ނަމޫނާ މިސާލެއް ދައްކާފައިވާ ކަމަށް ވެސް އުރީދޫން ބުންޏެވެ. އެގޮތުން ކޯނާ ޝޮޕްތަކާއި ސުޕަމާކެޓް ފަދަ ކުދި ވިޔަފާރިތަކާ މޫލީން ގުޅިފައިވާކަން އުރީދޫން ފާހަގަކުރިއެވެ.

އުރީދޫން ބުނީ މޫލީގެ އެ އިސްނެގުމާއެކު ފުރުސަތުތައް ފަހިވެ، ފައިދާ ވެގެންދިޔައީ ހަމައެކަނި ކަސްޓަމަރުންނަށް އެކަނި ނޫން ކަމަށާއި އެކަމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ވެސް އޮންލައިންކޮށް ކައިރީގައާއި ދުރުގައިވާ ކަސްޓަމަރުންނާ ގުޅުވާލަދީ ލޮކްޑައުންގެ ހާލަތުގައި ވިޔަފާރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދިޔަ ކަމަށެވެ.

މޫލީން ވަނީ ރޯދަ މަހާއި، ފިތުރު އީދު އަދި އަހަރު ނިމުމުގެ ސޭލްތައް ފާހަގަކޮށް ހާއްސަ ޑިސްކައުންޓްތަކަކާއެކު ޕްރޮމޯޝަންތަކެއް ވެސް ކުރިއަށްގެންގޮސްފައެވެ. އަދި މިއަހަރު މޫލީން ވަނީ ނޮވެލްޓީ ބުކްޝޮޕާއެކު، "ބެކް ޓު ސްކޫލް" ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލެނިވެރިންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ފޮތްލިސްޓް ލިބޭ، މުޅިން ހިލޭ ޑެލިވަރީ ފުރުސަތު ވެސް ފަހިކޮށްދީފައެވެ.

ފުޅާވަމުން އަންނަ އީކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއެންސެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް މޫލީން ފޯރުކޮށްދެއެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީން ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ.

އުރީދޫން ބުނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މޫލީއާ ގުޅެމުންދާ އިރު، މޫލީ އޮތީ ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިއަށްވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ.