ކަރާ ހިމެނެނީ ދުނިޔޭގައި އެންމެ ގިނަބަޔަކު އެންމެ ގިނައިން ބޭނުންކުރާ މޭވާ ކަމުގައެވެ. ތަފާސްހިސާބުތަކުން އެނގޭގޮތުގައި 2018 ވަނައަހަރު ކަރާގެ ވިޔަފާރި 27 ބިލިޔަން ޑޮލަރަށްވުރެ މައްޗެވެ. ކަރާގެ ވިޔަފާރީގައި ވަރަށް ފާހަގަކުރެވޭ ގައުމުތަކެއް އެބަހުއްޓެވެ.
އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ދުނިޔޭގެ ބާޒާރަށް ނެރޭ ކަރާގެ 69 އިންސައްތަ ނެރެނީ އޭޝިއާގެ ގައުމުތަކުންނެވެ. އެންމެ ގިނައިން ކަރާ ހައްދަނީ ޗައިނާއިންނެވެ. އެގައުމުން 2020 ވަނަ އަހަރު އެކަނިވެސް 14 މިލިއަން މެޓްރިކް ޓަނުގެ ކަރާ ހައްދާފައިވެއެވެ. އެކަމަކު ޗައިނާއަކީ ކަރާ އެކްސްޕޯޓްކުރާ ގައުމެއް ނޫނެވެ. ޗައިނާގައި އުފައްދާވަރަށްވުރެ ޗައިނާގައި ބޭނުންކުރެވޭ މިންވަރު އިތުރެވެ.
ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރެވޭ މޭވާޔަކަށް ކަރާވާއިރު އެމެރިކާގައި އަހަރެއްގެ މައްޗަށް އެވަރެޖްކޮށް ކޮންމެ މީހަކު ސައުވީސް ރާތަލުގެ ކަރާ ބޭނުންކުރެއެވެ. އެންމެ ފުރަތަމަ ކަރާ ހައްދައި ބޭނުންކުރަން ފެށީ ކޮންބައެއްކަން ތާރީޚުގެ ތެރެެއިން ސާފުވާކަށް ނެތެވެ. އެހެންނަމަވެސް ގިނަބަޔަކު ބުރަވަނީ އެންމެ ފުރަތަމަ ކަރާ އިންދައިގެން އޭގެ ބޭނުންކުރަންފެށީ މިސްރު މީހުންކަމުގައެވެ. އެކަމަށް ބާރުލިބިދޭ ބައެއް ކުރެހުންތައް މިސްރުން ވަނީ ފެނިފައެވެ.
ދުނިޔޭގައި އެކި ވައްތަރުގެ ކަރާ ހުރެއެވެ. ދުނިޔޭގެ ބާޒާރުގައި އެންމެ އަގުބޮޑު ވައްތަރަކީ ޖަޕާނުގެ ޝިޒުއޯކާ ސަރަހައްދުގައި ހައްދާ ޔުބާރީ ރަސްކަރާއޭ ކިޔުނު ވައްތަރެކެވެ. މީގެ އެއްޗެއްގެ އަގު ދެތިން ސަތޭކަ ޑޮލަރެވެ. ޖަޕާނަކީވެސް ކަރާ ހެއްދުމާއި ކަރާ ބޭނުންކުރުމުގައި ވަރަށް ފާހަގަކުރެވޭ ގައުމެކެވެ. ދިވެހިރާއްޖޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި އެންމެ ގިނައިން ކަރާ ހައްދާ ރަށަކީ އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއެވެ.