ޚަބަރު

އިޒްރޭލުން ޕަލަސްތީނަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މުހައްމަދު އިޝާން

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ގާޒާއަށް އެންމެ ފަހުން ދިން ހަމަލާތަކާއި ވައިގެ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާޒާއަށް އިޒްރޭލުން ދިން ހަމަލާގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އިހުލާސްތެރިކަމާއެކު ތައުޒިޔާއާއި ހަމްދަރުދީ ދަންނަވާ ކަމަށެވެ.

އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކުގައި ތިބި ހަތިޔާރު ނެތް އާންމުން އަދި އަންހެނުންނާއި ކުޑަކުދިންގެ މައްޗަށް ވެސް ނިސްބަތުން ބޮޑު ބާރުގެ ބޭނުން ކުރަމުންދާތީ އެކަން ވެސް ދިވެހި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތައް ހިފެހެއްޓުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުގެ ކަމާބެހޭ ގަރާރުތަކާ ހިލާފު ކަމެއްކަން އިޒްރޭލު ސަރުކާރަށް ހަނދާން ކޮށްދޭ ކަމަށެވެ. ފަލަސްތީނާއި އިޒްރޭލާ ދެމެދު އުފެދިފައިވާ ކޯޅުމަށް އޮތް ސުލްހަވެރި ހައްލެއް ހާސިލުކުރެވޭނީ، 1967 ވަނަ އަހަރު އިރުމަތީ ގުދުސްގެ ވެރިރަށް ކަމުގައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، މިނިވަން އަދި އިސްތިގުލާލު ފަލަސްތީނު ދައުލަތެއް އެކުލަވާލައިގެން، ދެ ދައުލަތެއްގެ ހައްލެއްގެ ތެރެއިން ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފަލަސްތީނުގެ މަސައްކަތަށް ވަކާލާތު ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރުމަށް ސާބިތުކަމާއެކު ވައުދުވެފައިވާކަން ތަކުރާރުކުރާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.