ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ބަންދުން ދޫކޮށްލައިފިއެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝައިހް ނިޝާން ދޫކޮށްލަން ކޯޓުން ނިންމީ ޝަރުތުތަކަކާއެކުގައެވެ. އޭގެ ތެރޭގައި މާލެއިން ބޭރަށް ވަޑައިނުގަތުމުގެ އިތުރުން ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ އެންގުމަށާއި ފުލުހުންގެ ތަހުގީގަށް ހާޒިރުވުން ހިމެނެއެވެ.

ކްރިމިނަލް ކޯޓުން ޝައިހް ނިޝާން ބަންދުކުރީ ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ އެ އަމުރު ބާތިލުކޮށްދިނުމަށް އެދި ޝެއިހުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށްވެސް ހުށަހެޅިއެވެ. ނަމަވެސް މި މަހުގެ ހަތަރު ވަނަ ދުވަހު ހައިކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ދަމަހައްޓައިފައެވެ.

އެ މައްސަލައިގައި ޝައިހް ނިޝާނަށް ތުހުމަތުކުރަނީ ހަމަނުޖެހުން ހިންގުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޝައިހުގެ ފަރާތުން ބުނެފައި ވަނީ، އޭނާގެ މައްޗަށް ފުލުހުން ތުހުމަތުކުރާ މައްސަލަތަކަށް ބާރުދޭ ހެކި ނެތް ކަމަށެވެ. އެގޮތުން ފުލުހުން ހުށަހެޅި އިންޓެލް ރިޕޯޓުގައި ގާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވާ ކަމަށް ބުނެފައިވެއެވެ.

ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ޝައިހު ވިދާޅުވީ، އެ މައްސަލައިގެ ކަންތައްތަކާއި ވީޑިއޯ ފުޓޭޖުތަކަށް ބެލުމުން އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ. އެ ދުވަހުގެ އެއްވުމުކީ ސުލްހަވެރި އެއްވުމެއް ކަމަށާއި އެ އެއްވުމުގައި މަސައްކަތް ކުރެއްވީ، ދީނީ ގޮތުން އެކަމުގެ ހުކުމާއި ކަމުގެ ހަގީގަތް ބަޔާންކޮށްދިނުމަށް ކަން އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެކުރިންވެސް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ދީނީ އެތައް ހަރަކާތްތަކެއް ހިންގާފައިވާނެ ކަމަށާއި ނަމަވެސް މިފަދަ މައްސަލައެއް މިހާތަނަށް ދިމާނުވާ ކަމަށްވެސް ޝައިހް ވިދާޅުވިއެވެ. އެހެންކަމުން އެ ކަންތައްތަަކަށް ރިއާޔަތް ކުރައްވައި ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގައި އެދިފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދިނުމަށް އެދޭ ކަމަށް ވިދާޅުވިއެވެ.