Close
ޚަބަރު

އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި މަޖިލިސް އިދާރާގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި

އިބްރާހިމް ޒަކީ

އެއްޖިންސުން ގުޅުން ހިންގި މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން "ވަން" އަށް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި އެ އިދާރާގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އެއީ އެތަނުގެ ޖޫނިއާ މުވައްޒަފެއް ކަމަށެވެ. ނަމަވެސް އެކަމާބެހޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވައެވެ.

މަޖިލިސް އިދާރާގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ އިރު، ބަންގްލަދޭޝަގެ ޒުވާން ފިރިހެނެއް ކަމަށްވާ އަލަމްގީރާއެކު އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އޭނާއާއެކު ގިނަ ފިރިހެނުންތަކެއް ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވުނަސް މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ތިން މީހެކެވެ. އެއީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އަދި ޑްރަގް އެންޑް އެންފޯސްމަންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ފުލުހެކެވެ. އަދި އެކަމަށް ތުހުމަތު ކުރެވޭ މީހުން ބައެއް އިދާރާތުން ދަނީ ސަސްޕެންޑް ކުރަމުންނެވެ.

އެގޮތުން އިއްޔެރޭ ސޯޝަލް މީޑިއާއަށް ލީކުކޮށްލި ވީޑިއޯއަކާ ގުޅިގެން ޓީޗަރަކުވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. އެނގިފައިވާ ގޮތުގައި އެއީ އިމާދުއްދީން ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން އުޅުނު ދިވެއްސެކެވެ. އޭނާގެ ވަނަވަރާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވި ނަމަވެސް އޭނާ މިހާރު ކިޔަވައިދެނީ ކޮން ސްކޫލެއްގައި ކަމެއް ސާފެއް ނުވެއެވެ.

މީގެ އިތުރުން އެ މައްސަލައިގެ ތުހުމަތުގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށް އެމިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ.