Close
ޚަބަރު

ސްޓެލްކޯއިން މުވައްޒަފުންނަށް ފްލެޓްތައް ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން އިމާރާތްކުރި ފްކެޓްތައް އެތަނުގެ މުވައްޒިފުންނާ މިއަދު ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ސްޓެލްކޯގެ ފްލެޓް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި، ފްލެޓްތައް އިމާރާތްކުރި ޗައިނާގެ ރޯޓައިމްސް ކުންފުނީގެ ފަރާތުން ފްލެޓްގެ ރަމްޒީ ތަޅުދަނޑި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފާ ހަވާލުކުރެއްވުމާއެކު، ޝަރީފް ވަނީ އެ ތަޅުދަނޑި ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓް ކޯޑިނޭޓިން ކޮމިޓީއާ ހަވާލު ކުރައްވައިފައެވެ.

ސްޓެލްކޯއިން މުވައްޒަފުންނަށް އިމާރާތްކުރި ދެ ޓަވަރެއްގައި، 360 ފްލެޓް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓުގެ އިތުރުން ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމެންޓެވެ.

ފްލެޓްތައް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން ޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ އެ ފްލެޓްތައް އިމާރާތް ކުރުމަށް 692 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ކުރި ނެގޯޝިއޭޝަނާއެކު ފްލެޓްތަކުގެ އަގުގެ ގޮތުގައި މުވައްޒަފުން އަތުން ނަގަން ނިންމީ 623 މިލިއަން ރުފިޔާ ކަމަށް ވެސް ވިދާޅުވިއެވެ.

ފްލެޓްތައް އިމާރާތް ކުރުމަށް ހޭދަވި ބާކީ 73 މިލިއަން ރުފިޔާ ހަރަދުކުރީ ސްޓެލްކޯ އިންނެވެ. ފްލެޓްތަކަށް ދައްކަން ޖެހޭ 623 މިލިއަން ރުފިޔާގެ 20 ޕަސެންޓަށްވާ 114 މިލިއަން ރުފިޔާ މުވައްޒަފުންގެ އަތުން ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ފްލެޓްތަކުގެ އަގު ސްޓެލްކޯއަށް ދައްކާގޮތަށް ނިންމީ، ބޭންކެއް މެދުވެރިކޮށް އެކަން ކުރުމުގެ ބަދަލުގައި ވީހާވެސް ބޮޑަށް މުވައްޒަފުންނަށް ލުއިކޮށްދިނުމަށް ކަމަށެވެ.

"ބާކީއިނީ 509 މިލިޔަން، މި ފައިސާ ބޭންކުގައި ނުވަތަ ފައިނޭޝަން އިނިސްޓިއުޝަނެއްގައި ސްޓެލްކޯއިން އިންވެސްޓް ކޮށްފިއްޔާ 12 ޕަސެންޓްގެ އިންޓްރެސްޓާއެކު އަހަރެއްގެ މައްޗަށް 61 މިލިޔަން ސްޓެލްކޯއަށް ލިބޭނެ. ފްލެޓްތައް ދޫކޮށްފައިވާ މުއްދަތު ކަމަށްވާ 18 އަހަރުގެ ތެރޭގައި 1.1 ބިލިޔަން ރުފިޔާ ލިބޭނެ. އެކަމަކު ސްޓާފުންނަށްޓަކައި ސްޓެލްކޯއިން ނެގި ސްޓެންޑަކީ، ސަރުކާރުން ނެގި ސްޓޭންޑަކީ އެ އަދަދު ސްޓާފުން ދައްކާނީ ބެންކަކަށެއްނޫނޭ، އެ އަދަދު ދައްކާނީ ސްޓެލްކޯއަށޭ،" ޝަރީފް ވިދާޅުވިއެވެ.

ހަމަ އެގޮތަށް ބޭންކަށް ގޮސްގެން ނުވަތަ ހައުސިން ސްކީމެއްގެ ދަށުން ސްޓާފުން ލޯނު ކަވަރު ކުރަން ޖެހޭ ނަމަ، ފްލެޓް ލިބުނު ސްޓާފުންގެ ތެރެއިން 60 ޕަސެންޓް ނުވަތަ 203 ސްޓާފަކަށް ކްރައިޓީރިއާ ހަމަނުވެގެން ލޯނެއް ނުލިބޭނެ ކަމަށެވެ. ސްޓެލްކޯއިން އެބައި ކަވަރު ކުރަން ނިންމީ އެސަބަބާ ހުރެ ކަމަށްވެސް ވިދާޅުވިއެވެ.

ތަފްސީލް ދެއްވަމުން ޝަރީފު ވިދާޅުވީ، ބޭންކުން އެއް ރޫމްގެ އެޕާޓްމެންޓަކަށް ލޯނެއް ނަގައިފިނަމަ، 5.8 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހޭނެ ކަމަށެވެ. ނަމަވެސް ސްޓެލްކޯއިން ދޫކުރި އެއް ރޫމްގެ އެޕާޓްމެންޓަށް މުވައްޒަފުންގެ އަތުން ނަގަނީ 2.1 މިލިއަން ރުފިޔާ ކަމަށާއި އެހެންކަމުން މުވައްޒަފުންނަށް 3.7 މިލިއަން ރުފިޔާ ސޭވް ކުރެވުނީ ކަމަށްވެސް ވިދާޅުވިއެވެ.

އަދި 1+2 ރޫމްގެ އެޕާޓްމެންޓެއް ގަތުމަށް ބޭންކް ލޯނަށް ގޮސްފިނަމަ، 12 ޕަސެންޓާއެކު 10.6 މިލިއަން ރުފިޔާ ދައްކަން ޖެހުނީސް ކަމަށާއި ނަމަވެސް ސްޓެލްކޯއަށް 18 އަހަރުގެ ތެރޭގައި ދައްކަން ޖެހޭނީ 3.7 މިލިއަން ރުފިޔާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

"މާނައަކީ 6.9 މިލިޔަން ރުފިޔާގެ ސޭވިންއެއް 18 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ މުވައްޒަފުންނަށް ފޯރުކޯށްދިނުން،"

ސްޓެލްކޯގެ މުވައްޒަފުންނަށް ދޫކުރި ފްލެޓްތަކުގެ ތެރެއިން 52 ފަރާތަކާ އެކު އަދި ފްލެޓް އެގްރީމެންޓް ހެދިފައެއް ނުވެއެވެ.

ޝަރީފް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފްލެޓަށް ކުރިމަތިލި އެހެން މީހުންނަށް ދޫކޮށްލާނެ ކަމަށެވެ. ފްލެޓް އެގްރީމެންޓްތައް ނުހެދި ހުރީ އަތޮޅު ތެރޭގައި ތިބި ސްޓެލްކޯގެ ބައެއް މުވައްޒަފުންނަށާއި ޑައުންޕޭމެންޓް ދެއްކުމުގައި ޑިލޭވެފައިވާ މުވައްޒަފުންނާއެކު ކަމަށްވެސް ވިދާޅުވިއެވެ.

މުވައްޒަފުންނަށް ދޫކުރާ ފްލެޓްތަކުގެ ޑައުންޕޭމެންޓެއްގެ ގޮތުގައި 350،000 ރުފިޔާ ދައްކަން ޖެހެއެވެ. އަދި ފްލެޓް ލިބުނުތާ ހަފުތާއެއް ތެރޭގައި 70،000 ރުފިޔާ ދައްކަން ޖެހުނެވެ. އެއަށްފަހު މިއަހަރު ނިމެންދެން ކޮންމެ މަހަކު 70،000 ރުފިޔާ ދައްކަން ޖެހޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ޝަރީފް ވިދާޅުވީ، ސަރުކާރުގެ ފަރާތުން މުވައްޒަފުންނަށް ކޮށްދިން ކަންތައްތަކުގެ ބަދަލުގައި މުވައްޒަފުންގެ ފަރާތުން ބޭނުންވަނީ އިހުލާސްތެރި ހިދުމަތްތަކެއް ކަމަށެވެ.