ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް

ނިއު ބަލިކޮށް، އެލްޓީ އެއްވަނައަށް

އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް ގުރޫޕް ބީގެ އެއްވަނައަށް ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް ކްލަބް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އެލްޓީން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ. ވާދަވެރިކޮށް ފެނުނު މިއަދުގެ މެޗަކީ ގްރޫޕުން ސެމީގެ ފުރަތަމަ ފުރުސަތަކަށް މުހިންމު މެޗަކަށްވެފައިވާ އިރު، މެޗުން މޮޅުވެ އެލްޓީ ވަނީ ކުޅުނު ފަސް މެޗުންވެސް ބަލި ނުވެ، 13 ޕޮއިންޓް ހޯދައިގެން ގުރޫޕްގެ އެއްވަނައަށް ޖެހިލައިފައެވެ. މިއަދުގެ މެޗަކީ ނިއު މި ސީޒަނުގެ ދެވަނަ ޑިވިޝަނުގައި ބަލިވި ފުރަތަމަ މެޗެވެ. ފުރަތަމަ ހަތަރު މެޗު ކާމިޔާބުކޮށްގެން ނިއު ވަނީ 12 ޕޮއިންޓް ހޯދައިފައެވެ.

މިއަދުގެ ބައްޔާއެކުވެސް ފަހު މެޗުން މަހިބަދޫ ބަލިކޮށް ނިއުއަށް ސެމީއަށް ދެވޭނެއެވެ. އަނެއްކޮޅުން އެލްޓީ ފަހު މެޗުގައި ކްލަބު ޓީނޭޖާ ދެކޮޅަށް ނުކުންނަ އިރު، އެ ޓީމަށް ވަނީ ސެމީގެ ފުރުސަތު ބޮޑުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައިނުވާ އިރު، ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި ނިއުގެ ބޭރު ފޯވާޑް ކޯފީ އޮވޫސޫގެ ވަނީ ގޯލު ހުޅުވާލައިފައެވެ. އެ ހިސާބުން މެޗު ހުޅުވިގެން ގޮސް، މިނެޓެއް ފަހުން އެލްޓީ އެއްވަރުކުރިއެވެ. ގޯލު ޖެހީ ހުސެއިން ޝުއައިބެވެ.

މެޗުގެ ތިންވަނަ ގޯލެއް ޖަހައި ލީޑު ނެގީވެސް އެލްޓީންނެވެ. އެ ގޯލަކީ ނިއުގެ ޝަމްވީލް މުހައްމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެވަނަ ގޯލަކާއެކު މެޗުން މޮޅުވާން އެލްޓީ ދަނިކޮށް ނިއުގެ ކޯފީ ވަނީ 82 ވަނަ މިނެޓުގައި އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އެ ގޯލާއެކު މެޗު އިތުރަށް ފޯރިގަދަވެގެން ދިޔައެވެ. ހަމަލާއަކަށް ދެ ޓީމުން ބުރަކޮށް މަސައްކަތް ކުރި އިރު، އެލްޓީގެ ހީރޯއަކަށްވީ މި އަހަރުގެ ދެވަނަ ޑިވިޝަނުގައި މިހާތަނަށް އެޓީމަށް މޮޅަށް ކުޅެމުންދާ އިސްމާއީލް ވިފާގެވެ. ވިފާގު އެލްޓީ މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 84 ވަނަ މިނެޓުގައެވެ.

ދެވަނަ ޑިވިޝަނުގެ ގްރޫޕް ބީގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ޓީނޭޖާއި ބީޖީ ސްޕޯޓްސް ކްލަބެވެ. އެމ މެޗުން މޮޅުވެ ޓީނޭޖަށް ނިއުއާ ޕޮއިންޓުން ހަމަކުރެވޭނެއެވެ. އެހެންކަމުން ގްރޫޕް ބީގެ ފޯރި ގަދަވެގެން ދާނެއެވެ. ހާއްސަކޮށް ސެމީއަށް ދާ ޓީމުތައް ޔަގީންވާނީ ފަހު މެޗުތަކުންނެވެ.