ޅ. ނައިފަރު ހޮސްޕިޓަލުގެ އިހުމާލުން މީހަކު މަރުވި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ އެ ހޮސްޕިޓަލުން ފަށައިފިއެވެ.
ހާޓް އެޓޭކެއް ޖެހިގެން ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ މީހަކަށް ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން މަރުވި ކަމަށް ބުނާ މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފައެވެ.
ނައިފަރުގައި މިދިޔަ ހޯމަ ދުވަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި މީހަކާ މެދު ޅ. އަތޮޅު ހޮސްޕިޓަލުން އިހުމާލުވެފައިވާ ކަމަށް ބުނެ އާއިލާއިން ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފައެވެ. އަދި އާއިލާއިން ވަނީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ.
އެކަމާ ގުޅިގެން ނައިފަރު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ "ވަން" އަށް އިއްޔެ ވިދާޅުވީ، ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔަ މީހަކަށް ފަރުވާ ދިނުން ލަސްވަގެން ނުވަތަ އިހުމާލުން މަރުވިކަމަށް ބުނާ މައްސަލައެއް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށެވެ.
ޖައުފަރު ވިދާޅުވީ، އެއްވެސް ފަރާތަކުން އެފަދަ މައްސަލައެއް ހުށަހަޅާފައިނުވިޔަސް، އެފަދަ ކަމެއް ހިނގައިގެން އުޅޭކަން ސަމާލުކަމަށް އައިސްފައިވާތީ އިންކުއައިރީއެއް ހަދަން ފަށާފައިވާ ކަމަށެވެ.
"ނަރުހުންގެ އިންޗާޖާއި ޑިއުޓީ އިންޗާޖުގެ ބައިވެރިކޮށްގެން، ބަލި މީހާ އެތަނަށް ގެންދިޔަ ވަގުތު ތިބި ނަރުހުންނާއި އެމްބިއުލާންސް ލަސްވި މައްސަލައިގެ އިންކުއައިރީއެއް ހަދަން މިހާރު ވަނީ ފަށާފައި،" ޖައުފަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ނަރުހުންގެ ނުވަތަ އެމްބިއުލާންސް ޑްރައިވަރުންގެ ވެސް އިހުމާލެއް އޮތްކަމަށް ނިންމާނީ އިންކުއައިރީ ނިމުމަށްފަހު ކަމަށެވެ. އަދި އިންކުއައިރީން ފާހަގަވާ ކަންކަން މީޑިއާތަކާ ހިއްސާކުރާނެ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ބަހެއް ހޯދަން ގުޅުމުން ފޯނަށް ޖަވާބުދީފައެއް ނުވެއެވެ.