ޚަބަރު

ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގެ ތުހުމަތުގައި ޓީޗަރަކު ސަސްޕެންޑުކޮށްފި

ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އަލަމްގީރާއެކު ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުކުރާ ޓީޗަރަކު ސަސްޕެންޑުކޮށްފިއެވެ.

އަލަމްގީރާއެކު އިތުރު ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ރޭ ލީކުކޮށްލާފައިވާ އިރު، އޭގެ ތެރެއިން އެކަކީ އިމާދުއްދީން ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން އުޅުނު ދިވެއްސެއް ކަމަށް އެނގިފައިވެއެވެ. އޭނާގެ ވަނަވަރާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވި ނަމަވެސް އޭނާ މިހާރު ކިޔަވައިދެނީ ކޮން ސްކޫލެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.

އެ ޓީޗަރާމެދު ފިޔަވަޅު އަޅާފައިވޭތޯ އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލާ "ވަން" އިން ސުވާލުކުރުމުން ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ޓީޗަރަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ފާހަގަކޮށްފައިވާ މީހުން މިހާރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ސަސްޕެންޑްކޮށްފައި ވަނީ ކިތައް ޓީޗަރުންކަން ސާފުކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް މެސެޖު ކުރުމުން އަދި ޖަވާބެއް ނުދެއްވައެވެ.

އަލަމްގީރާއެކު، އެތައް ފިރިހެނުންނެއް ޖިންސީ ގުޅުން ހިންގާފައިވާ ތުހުމަތު ކުރެވުނަސް މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ތިން މީހެކެވެ. އެއީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އަދި ޑްރަގް އެންޑް އެންފޯސްމަންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ފުލުހެކެވެ.