ޚަބަރު

އަމިއްލަ މަސްލަހަތަށްވުރެ އަނެކުންނަށް އަޅާލުމަކީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭނެ ގޮތް: ހުތުބާ

ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ އެހެން މީހުންނަށް އިސްކަންދީ އަޅާލައި އިހުސާންތެރިވުމަކީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭނެ ގޮތް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އިސްލާމީ އަހުވަންތަކަން" މި މައުޟޫއަށް ދިން ހުކުރު ހުތުބާގައި ބުނީ, މާތް الله އިންސާނުން އުފައްދަވާފައި ވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި އެކަކު އަނެކެއްގެ އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް ކަމަށެވެ. އެހެންކަމުން ކޮންމެ އިންސާނަކީވެސް އަނެކުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއް ކަމަށާއި މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންނަށް އެހީތެރިވެ ހަމްދަރުދީ ވާންޖެހޭނެ ކަމަށް ބުންޏެވެ.

އަދި އެއީ އަހަރެމެންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެއް ކަމަށާއި އެއީ މުއުމިނުންގެ ސިފައެއް އަދި އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ, އިސްލާމީ މުޖުތަމައުގެ އަފްރާދުން ވާންޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކު ކަމުގައި ކަމަށާއި އެގޮތުން ދުނިޔޭގެ ކަންކޮޅުތަކުގައި ނިކަމެތި ހާލުގައި ޖެހިފައިވާ އަހުންނާއި އުހުތުންގެ މަތިން ހަނދާންކޮށް, އެމީހުންނަށްޓަކައި ހެޔޮ ދުއާކޮށް, އިހްސާންތެރިވާން ޖެހޭނެ ކަމަށެވެ.

އަދި ކޮންމެ މުސްލިމަކީ އިސްލާމީ އުހުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ, އެއާ ވަކިނުކުރެވޭނެ ގުނަވަނެއް ކަމަށާއި އެ ހަށިގަނޑު އުފުލަންޖެހޭ ކޮންމެ ތަކުލީފަކާއި ކޮންމެ ވޭނެއް އެ ހަށިގަނޑުގެ ހުރިހާ ގުނަވަންތައް ހިއްސާކުރަންޖެހޭ ކަމަށްވެސް ބުންޏެވެ.

އިސްލާމް ދީނުގައި އެއްބައިވަންތަކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަން ފާހަގަކޮށް ހުތުބާގައި އިތުރަށް ބުނީ, ބައިބައި ނުވެ, އެއްބަޔަކީ އަނެއް ބަޔަކު ދެކެ ލޯބިވާ އަހުންތަކެއްގެ ގޮތުގައި އުޅުމަށް މާތް الله މުއުމިނުންނަށް އަންގަވާފައިވާ ކަމަށެވެ.