ޚަބަރު

ހައިވަކަރު އަހުމަދުފުޅު އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މއ. ހައިވަކަރުގޭ, އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަފުޅު) އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުން މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް އޭގެ ތަފުސީލެއް ނުލިބެއެވެ. އަވަހާރަވި އިރު, އުމުރަކީ 89 އަހަރެވެ.

ދައުލަތަށް 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އަހުމަދުފުޅަކީ މަޝްހޫރު ގޯލްކީޕަރު އަދި ކޯޗު މައުރޫފް އަހުމަދު (މާއްޓޭ)ގެ ބައްޕަ އެވެ. އޭނާގެ އެހެން ބޭފުޅުންގެ ތެރޭގައި ގައުމީ ޔުނިވަސިޓީގެ ޑީން އޮފް ސްޓޫޑަންޓްސް ލީލާ އަހުމަދާއި މަޝްހޫރު ފިލްމު ޑައިރެކްޓަރު މަހުދީ އަހުމަދު ހިމެނިވަޑައިގަންނަވައެވެ.

އަނބިކަނބަލުންނަކީ ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ މަޝްހޫރު ހުށަހެޅުންތެރިޔާ ނަޖުމާ ހުސެއިން (ނަޖުމާއްތަ) އެވެ.

އަހުމަދުފުޅު, ގައުމީ ހިދުމަތުގެ ތެރެއަށް ވެންނެވީ 1953 ވަނަ އަހަރު ސިފައިންގެއާ ގުޅިވަޑައިގެންނެވެ. ސިފައިންގެއިން ރިޓަޔާ ކުރެއްވީ 24 އަހަރު ހިދުމަތް ކުރެއްވުމަށްފަހު 1978 ވަނަ އަހަރުއެވެ. ރިޓަޔާ ކުރެއްވި އިރު ހުންނެވީ ސިފައިންގޭގެ އޭރުގެ އެންމެ މަތީ ރޭންކު ކަމަށްވާ ކެޕްޓަނެއްގެ މަގާމުގަ އެވެ.

އަހުމަދުފުޅަކީ ރާއްޖޭގެ އެންމެ ފުރަތަމަ ގައުމީ ފުޓްބޯޅަ ޓީމުގެ ކީޕަރެވެ. ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ އޭރު އަލަށް އުފެދުނު މައްޗަންގޮޅީ ކްލަބަށާއި ސިފައިންގެ ހިދުމަތުގައި އުޅުއްވި އިރު, ސިފައިންގެ ކްލަބަށްވެސް ކުޅުއްވައިފަ އެވެ.

އަހުމަދުފުޅު އަދާކުރެއްވި އެހެން އިސް މަގާމުތަކުގެ ތެރޭގައި ސަރުކާރުގެ މައި ހޮސްޕިޓަލް, ސެންޓްރަލް ހޮސްޕިޓަލުގެ މެނޭޖަރުކަމާއި ޅ. އަތޮޅާއި މުލަކު އަތޮޅާއި އައްޑު އަތޮޅުގެ އަތޮޅުވެރިކަމާއި މިނިސްޓްރީ އޮފް އިންފޮމޭޝަން, އާޓްސް އެންޑް ކަލްޗާގެ ޑިރެކްޓަރުކަމާއި ޑިރެކްޓަރު ޖެނެރަލްކަން ފާހަގަކޮށްލެވެއެވެ.