އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 06

އަބްދުﷲ ފާރޫގް ހަސަން

އޭޝިޔާމައިނާ ފަތަޙަކުރެއްވުން

(29 ޖުލައިގެ އަދަދާ ގުޅޭ)

اُرْخَـــان އޭނާގެ ރަސްކަމުގެ އެންމެފުރަތަމަ އަހަރު ނިކޮމީޑިޔާ ފަތަޙަކުރައްވައިފިއެވެ. އޭގެކުރީން އޭނާވަނީ ބުރުސާ ފަތަޙަކުރައްވައިފައެވެ. ބައިޒެންޓައިން ރަސްކަމުގެ ދަށުގައި އޭޝިޔާގައި ދެން ބާކީއޮތީ ފާހަގަކުރެވޭ އެންމެ ރަށެކެވެ. އެރަށަކީ ނައިސިޔާއެވެ. އެރަށަކީ ރަށުގެ ޝަރަފުވެރި ތާރީޚާއި މުހިންމުކަމަށް ބަލާއިރު ޤުސްޠަންޠީނިއްޔާއަށްފަހު ދެވަނައަށް ހޮވައިލެވޭ ރަށެވެ. ލޭންޕޫލް ވިދާޅުވާގޮތުގައި "އެރަށަކީ ގްރީކް ޗާޗުގެ އުފަން ބިމެވެ. ދެނަސްލެއްވަންދެން ޔޫނާނީ ރަސްކަމުގެ ވެރިރަށެވެ. ދާރުލްޙުކޫމަތެވެ. اُرْخَـــان ޔޫނާނީންގެ އެންމެފަހުގެ އެމަރުކަޒުގައިވެސް 1330މ. ގައި އިސްލާމީ ދިދަ ވިހުރުވައިލައްވައިފިއެވެ. އެގޮތުން اُرْخَـــان غــازى ވަނީ ރޫމީންނާއި ޔޫނާނީން އެތަކެއްސަތޭކަ އަހަރުވަންދެން ނުހަނު ޝާނުޝައުކަތާއި ކީރިތި މޫރިތިކަމުގައި ވެރިކަންކުރި އޭޝިޔާކޫޗަކުން އެބައިމީހުން އަބަދަށްޓަކައި ބޭރުކޮށްލައްވައިފައެވެ. ލޭންޕޫލް ވިދާޅުވެފައިވެއެވެ. "ޝަރަފުވެރިކަމާއެކު ސަލްޖޫގީންގެ ސަރަޙައްދުގައި ވަޒަންވެރިވުމުގެ ފުރުޞަތުދެވުނީ ކަންބަޅި ހުއިހައްޕާ ކުޑަކުޑަ ޤަބީލާއަކަށެވެ. އެކަމަކު އެންމެ ދެނަސްލުގެ މުއްދަތުގެ ތެރޭގައި އެބައިމީހުންވަނީ އޭޝިޔާކޫޗަކުގެ ހުޅަނގުއުތުރު ސަރަޙައްދުގެ ވެރީންކަމުގައި ވެފައެވެ. ބޮސްފަރަސްގެ އިރުމަތީ އައްސޭރީގައި ވެރިކަން ޤާއިމުކޮށްފައެވެ." (ޞަފުޙާ: 19)

"ދައުލަތެ ޢުޘްމާނިއްޔާ" މުޢައްލިފު ލިޔުއްވާގޮތުގައި اُرْخَـــان ނައިސިޔާގެ ރައްޔިތުންނަށް އެބައިމީހުން ބޭނުންކަމުގައިވާނަމަ އެރަށުން ފައިބައިގެން ދިޔުމުގެ ހުއްދަ ދެއްވިއެވެ. ހުރިހައި މުދަލަކާއި ފެހާމާނެއް ހިފައިގެންނެވެ. އެކަމަކު ބުރުސާގެ މީހުން ފަދައިން ނައިސިޔާގެ ގިނަމީހުންވެސް އިސްލާމްވެއްޖެއެވެ. އެބައިމީހުން ޚިޔާރުކުރީ އެބައިމީހުންގެ ވަޒަނުގައި ދެމިތިބުމެވެ. (ޞަފުޙާ: 31) ލޭންޕޫލުވެސް އެކަން ތަޞްދީޤު ކުރައްވައެވެ. "ނައިސިޔާގެ މީހުންނަށްވެސް އެރަށުން ފައިބައިގެން އެބައިމީހުން ބޭނުން ރަށަކަށް ދިޔުމުގެ ހުއްދަ ލިބުނެވެ. ހުރިހައި މުދަލަކާއި ފެހާމާނަކާއި، ތާރީޚީ ލިޔުންތަކާއި ބަރަކާތްތެރި އެއްޗެހިތައް ހިފައިގެންނެވެ. މި އޯގާތެރިކަމާއި މަޑުމައިތިރިކަމުގެ ސަބަބުން ފާތިޙާއި މަފްތޫޙުންގެ ގުޅުންވީ ވަރުގަދައެވެ. (ޞަފުޙާ: 19) اُرْخَـــان އޭޝިޔާކޫޗަކުގެ ހުޅަނގުއުތުރު ފަތަޙަކުރެއްވުމުގެ އިތުރަށް 1336މ. ގައި ގަރާސީވެސް ހިއްޕަވައިފިއެވެ. އެރަށަކީ އޭޖީންކަނޑުގެ އުތުރުގައި މަރުމަރާކަނޑުގެ އައްސޭރީގައި އޮތް ކުޑަކުޑަ ތުރުކިއޭ ދައުލަތެކެވެ. اُرْخَـــان އެރަށް ފަތަޙަކުރެއްވީ 737ހ./1336މ. ގައެވެ.

އަމާންކަމުގެ ދުވަސްވަރުގެ މަސައްކަތްޕުޅު

ތާރީޚު ބުނާގޮތުގައި މިދެންނެވި ފުތޫޙާތަށްފަހު ގާތްގަނޑަކަށް ވިއްސަކަށް އަހަރުވަންދެން اُرْخَـــان އެއްވެސް ހަނގުރާމައެއް ނުކުރައްވައެވެ. އެދުވަސްވަރު އޭނާ ފުރިހަމަޔަށް ސަމާލުކަން ދެއްވައިގެން މަޝްޣޫލުވެވަޑައިގެންނެވީ މަދަނީ ޢަސްކަރީ އަދި ޖިނާއީ ޤާނޫނުތައް ހައްދަވައި ފުރިހަމަކުރެއްވުމުގެ މަސައްކަތްޕުޅުގައެވެ. اُرْخَـــان ދައުލަތުގެ މުޅި ސަރަޙައްދުގައި އަމަންއަމާންކަން ޤާއިމުކުރެއްވިއެވެ. މިސްކިތްތައް ބިނާކުރެއްވިއެވެ. މަދަރުސާތައް އެޅުއްވިއެވެ. ޢާންމު ފައިދާއަށްޓަކައި އެނޫންވެސް ވަރަށްގިނަ ކަންތައްތައް ކުރެއްވިއެވެ. މުއައްރިޚަކު ލިޔުއްވައިފައިވެއެވެ.

"اُرْخَـــان އާއި އޭނާގެ ބޭބޭފުޅު عـلاءالــدّيـــن އެ އަމާންކަމުގެ ދުވަސްކޮޅު ހޭދަކުރެއްވީ ތަހުޒީބާއި ތަމައްދުނުގެގޮތުން ދައުލަތް ބިނާކުރައްވައި ކުރިއެރުއްވެވުމަށެވެ. ސަހަރުތަކުގެ ސަރަޙައްދު ވަކިކުރައްވައި ވަރުގަދަ ބޭރުފާރުތައް ލެއްވިއެވެ. މަދަރުސާތައް ބިނާކުރެއްވިއެވެ. މިސްކިތްތައް އެޅުއްވިއެވެ. ޚާންގާހުތައް ހެއްދެވިއެވެ. މިގޮތުން އިސްލާމީ އިޞްލާޙީ މަރުކަޒުތައް އުފެދިގެން އަތުވެއްޖެއެވެ. ދަނޑުތައް އަލުން ހައްދަވައި ގޮވާމާއި މޭވާ ގިނަކުރެއްވިއެވެ. ކޯރުތައް ކޮންނަވައި ފެންއާރުތައް ހިންގައިލެއްވިއެވެ. ރަށްރަށާއި އަވަށްއަވަށުގައި ފަނޑިޔާރުގެތައް އުފެއްދެވިއެވެ. އެއިން ކޮންމެ ތަނަކަށްވެސް އިންސާފުވެރި ޢަދުލުވެރި ފަނޑިޔާރުން ލެއްވިއެވެ. އެންމެބޮޑު އިސްކަމެއްދެއްވީ ލައްކަލައްކައިން އިސްލާމްވެފައިވާ ޔޫނާނީން ތެދުވެރި މުސްލިމުންކަމުގައި ހެއްދެވުމަށެވެ. އެމީހުންނަށް އިސްލާމީ ތަރުބިޔަތު ދެއްވިއެވެ. އެކަމަށްޓަކައި ޚާއްޞަކުރެއްވީ عـلاءالــدّيـــن އާއި خـليــل جـــنـدرى އެވެ. އައުމުސްލިމުންނަށްޓަކައި ޚާއްޞަކޮށް اُرْخَـــان ގެ ބެއްލެވުމުގެދަށުން ޚާންގާހުތަކާއި ތަޢުލީމުދޭ ތަންތަން އުފެއްދެވިއެވެ. އެތަންތަނުން އައުމުސްލިމުން އިޞްލާޙުކޮށް އިސްލާމީ ތައްގަނޑަށް ފައްތައި ދީނީކަންތައްތައް ދަސްކޮށްދެމުން ގެންދިޔައެވެ."

މުއައްރިޚު ގިބަން ލިޔުއްވައިފައިވެއެވެ. "ބުރުސާއަކީ اُرْخَـــان ރަސްކަންކުރައްވާ ރަށެވެ. އިސްލާމީ މަރުކަޒުތަކާއި ތަޢުލީމުދޭ ތަންތާނގެގޮތުން އެރަށް އޮތީ އެހެން ހުރިހައި ރަށްރަށަކަށްވުރެ ކުރީގައެވެ. اُرْخَـــان ވަރަށްބޮޑު ޖާމިޢު މިސްކިތެއް ބިނާކުރެއްވިއެވެ. އެ ޖާމިޢު މިސްކިތުގެ އަރިމަތީގައި އެންމެފުރަތަމަ ޢުޘްމާނީ ޔުނިވަރސިޓީ ޤާއިމުކުރެއްވިއެވެ. އެންމެފުރަތަމަ ސަރުކާރު ހަސްފަތާލުވެސް ހެއްދެވިއެވެ. ގިބަން ލިޔުއްވާގޮތުގައި އެ ޔުނިވަރސިޓީގައި ހުރިހައި ޢިލްމުތަކަކާއި ފަންނުތަކެއްގެ ޑިޕާޓްމަންޓުތައް އުފެއްދެވިއެވެ. ދުރު ރަށްރަށުން ބޮޑެތި ޢިލްމުވެރީންނާއި ޙަކީމުން ގެންނަވައި ޔުނިވަރސިޓީގެ ވަޒީފާ ދެއްވިއެވެ. ނަތީޖާއެއްގެގޮތުން ދާދިކުރުމުއްދަތެއްގެ ތެރޭގައި އެ ޔުނިވަރސިޓީ ވަރަށްބޮޑަށް ކުރިއަރައިގެން ދިޔައެވެ. ކިޔަވާކުދީން އީރާނާއި ޢަރަބިކަރައާއި ރައްޔާއި ނިޝާޕޫރާއި ޣަޒްނީގެ ކިޔަވައިދޭ ތަންތަން ދޫކޮށްލައިފައި ބައިބަޔަށް ބުރުސާއަށް އަންނަމުން ދިޔައެވެ." (ގިބަން، ޖިލްދު 4، ޞަފުޙާ: 381)

"ބުރުސާއަކީ ރަސްކަންކުރާ ރަށެވެ. އެހެންކަމުން އެ ޔުނިވަރސިޓީފަދަ ދެވަނައެއްނެތެވެ. ބުރުސާއަށްފަހު ނައިސިއާ ވެސްވަނީ ފަތަޙަވެފައެވެ. އެރަށްވެސްވަނީ ކިޔަވައިދޭ ތަންތާނގެގޮތުން ނުހަނު ބޮޑަށް މަޝްހޫރުވެފައެވެ. اُرْخَـــان އެރަށުގައިވެސް އޭނާގެ ބޭބެ عـلاءالــدّيـــن ގެ މަޝްވަރާގެ ދަށުން ވަރަށްބޮޑު ޖާމިޢު މިސްކިތެއް އެޅުއްވިއެވެ. އެ މިސްކިތާ އިންވެގެންވެސް ދާރުލްޢުލޫމެއް ބިނާކުރެއްވިއެވެ. އެތާނގެ ކައިރީގައި ސަރުކާރުގެ ހޮޓަލެއް ނުވަތަ ބަދިގެއެއް ހެއްދެވިއެވެ. ފަގީރުންނަށް އެތަނުން ދެއިރު ކާންލިބެއެވެ." (މުސަލްމާން ޙުކުމްރާން، ޖިލްދު: 1، ޞަފުޙާ: 59)

"ދައުލަތެ ޢުޘްމާނިއްޔާގެ" ގެ މުޞައްނިފު ކްރޭޒީ ލިޔުއްވައިފައިވެއެވެ. "ޢުޘްމާނީ ދައުލަތުގެ އެންމެކުރީގެ ތާޖުގެ ވެރީންގެ ޚާއްޞަކަމަކީ އެބޭފުޅުންގެ ޝަޚްޞިއްޔަތުގެ އަސަރު އެދައުލަތް ހަރުދަނާކުރުމުގައި ފޯރައިފައިވާކަމެވެ. އެބޭފުޅުން ރަށެއް ފަތަޙަކުރައްވައިފިނަމަ އެރަށެއްގެ ކޮންޓްރޯލް އަތްޕުޅަށް ލިބިވަޑައިގެންނެވުމާއެކު ދާޚިލީ އިންތިޒާމުތައް އިޞްލާޙުކުރައްވައި ހަރުދަނާކުރައްވާން ފައްޓަވައެވެ. އެބޭފުޅުންގެ މަޤްޞަދަކީ ހުސްއެކަނި ފުތޫޙާތުތަކެއް ހޯއްދެވުމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ފަތަޙަކުރެއްވޭ ތަންތަން އެބޭފުޅުންގެ ޤާނޫނާއި އުޞޫލުތަކާ އެއްގޮތަށް ރާއްވަވައި ހަމަޖެއްސެވުމެވެ. އެތަނެއް ޙަޤީޤީ މާނައިގައި ފުރިހަމަޔަށް އެބޭފުޅުންގެ ރަސްކަމުގައި ހިމެނުއްވުމެވެ. ތަރުތީބެއް އިންތިޒާމެއް ނެތް ޕްރޮވިންސުތަކެއް އެއްކުރައްވައި ގިނަކުރައްވަމުން ގެންދެވުމެއް ނޫނެވެ. އެބޭފުޅުން އޭޝިއާކޫޗަކުގައި ރަނގަޅަށް އިންތިޒާމު ކުރެވިފައިވާ ހަރުދަނާ ވެރިކަމެއް ޤާއިމުކުރެއްވިއެވެ. އިހާއި ފަހުގެ އިރުމަތީ ސަރުކާރުތަކާ ޚިލާފަށް ޢުޘްމާނީ ދައުލަތް ދިގުމުއްދަތަކަށް ދެމިއޮތުމުގެ ސަބަބަކީ އެއީއެވެ. އާދެ، އެދައުލަތުގެ ކުރީގެ ވެރީންގެ މި ސިޔާސަތަކީ ދައުލަތް ދެމިއޮތުމުގެ ސަބަބެވެ." (ޞަފުޙާ: 33)

ތުރުކިއޭއިންގެ ފާޟިލް އުސްތާޛު ޙަސަން ބަސަރީ ޤަންޠާއީ ލިޔުއްވައިފައިވެއެވެ.

"ޢުޘްމާނީ ދައުލަތުގެ ކުރީ ދައުރުގެ ރަސްރަސްކަލުންނަކީ ނުހަނު ތެދުވެރި އިޚްލާޞްތެރި މުސްލިމުންނެވެ. މަތީދަރަޖައިގެ ޢަސްކަރީ ކޮމާންޑަރުންނެވެ. އެބޭފުޅުންގެ އަރިހަށް ޢިލްމުވެރި ޤާބިލު މީހުން އެއްކޮށްލެއްވުމުގެ ހުނަރު އެބޭފުޅުންގެ ގައިކޮޅުގައި ހުއްޓެވެ. ލަފާކުރެވޭގޮތުގައި އާރާއި ބާރުހުރި ކީރިތި މޫރިތި ރަސްކަމެއް އުފެއްދެވުމުގައި އެބޭފުޅުންނަށް ކާމިޔާބު ލިބިވަޑައިގެންނެވި ސަބަބަކީ އެއީއެވެ. އެބޭފުޅުންނަކީ ޑިޕްލޮމެސީއަށް ވަރަށް ފާގަތި ބޭފުޅުންނެވެ. އެބޭފުޅުންގެ އިންތިޒާމީ ޤާބިލިއްޔަތުގެ ސަބަބުން ވަރުގަދަ ފައުޖެއް ތައްޔާރުކޮށްލެއްވިއެވެ. ރަސްކަން ހިންގުމުގެ ފުރިހަމަ ނިޒާމެއްވެސް ރާއްވަވައިލެއްވިއެވެ. ސިފައިންގެ ތެރެޔަށާއި ސަރުކާރު ހިންގަން ބޭނުންފުޅުވާ މީހުން ފުރިހަމަޔަށް ތަރުބިޔަތު ކުރެއްވިއެވެ. އެމީހުންތައް އެކަށޭނަ މަގާމުތަކަށް ޢައްޔަންކުރެއްވިއެވެ. އެރަސްރަސްކަލުންނަކީ ޢިލްމާއި ފަންނާއި އަދަބުގެ ހީވާގިފުޅު ބެލެނިވެރީންނެވެ. އެބޭފުޅުން ޢިލްމުވެރީންނަށް ޤަދަރުކުރެއްވިއެވެ. ދަންނަބޭކަލުންނަށް ކަމޭހިއްތެވިއެވެ. ދައުލަތުގެ ގިނަކަންކަމުގައި އެބޭކަލުންނާ މަޝްވަރާ ކުރެއްވިއެވެ. ޢުޘްމާނީ ރަސްކަމުގެ ވަށަވަށައިގެން މުސްކުޅިފުޅު ޒާތުގެ ވަރަށްގިނަ ރަސްރަސްކަލުން ތިއްބެވިއެވެ. ޢުޘްމާނީ ރަސްރަސްކަލުން ތިއްބެވީ ވެރިކަންކުރެއްވުމުގެ ޤާބިލިއްޔަތާއި ހުނަރުވެރިކަމުގައި އެތައްތަނެއް ކުރިޔަށެވެ. ވަށަވަށައިގެން ތިއްބެވި ރަސްރަސްކަލުން ރުހިވަޑައިގަތުމުގައްޔާއި ރުހިވަޑައިނުގެންނެވުމުގައި ޢުޘްމާނީ ރަސްރަސްކަލުންނަށް އިސްތަށިފުޅު ލެންބެވީ އެހެންވެގެންނެވެ." (އިސްލާމު-ސިރާޠެ މުސްތަޤީމު، ޞަފުޙާ: 386)

عـلاءالــدّيـــن

އިސްވެދިޔަތާނގައި އަޅުގަނޑަށްވަނީ عـلاءالــدّيـــن އެއްގެ ނަންފުޅު ބޭނުންކުރެވިފައެވެ. اُرْخَـــان غــازى ގެ ޙަޔާތްޕުޅުގެ ވާހަކަ ލިޔަމުންގެންދާއިރު عـلاءالــدّيـــن އަކީ ކޮންބޭފުޅަކުކަން ބަޔާންކޮށްލާން ޖެހެއެވެ. ޚާއްޞަކޮށް ޢުޘްމާނީ އަމްބަރާތޫރިއްޔަތުގެ ބިންގާ ވަރުގަދަވެ ފުޅާވުމުގައި عـلاءالــدّيـــن ގެ ދައުރު އިންތިހާޔަށް މުހިންމެވެ.

އާދެ، އަޅުގަނޑު އެބޭފުޅެއްގެ ނަންފުޅު ލިޔަމުން މިގެންދާ عـلاءالــدّيـــن އަކީ عـثمــان غــازى ގެ ދަރިކަލެކެވެ. اُرْخَـــان غــازى ގެ ބޭބޭފުޅެވެ. އަމިއްލަ އެދުންފުޅެއް ނެތުމާއި، ނަފްސުގެ މާތްކަމާއި، ހެޔޮލަފާކަމާއި ދުރުވިސްނިވަޑައިގެންނެވުމުގައި އެމަނިކުފާނަކީ ދެވަނަ މިސާލެއްނެތްފަދަ ބޭފުޅެކެވެ. އެމަނިކުފާނު ގިނަވަގުތު ހޭދަކުރެއްވީ ދީނީ ޢިލްމު އުނގެނިވަޑައިގެންނެވުމުގައެވެ. ހަނގުރާމައިގެ ފަންނުތަކާ عـلاءالــدّيـــن އާ ޚާއްޞަ ގުޅުމެއް ނެތެވެ. عـثمــان غــازى، عـلاءالــدّيـــن ގެ ބަދަލުގައި اُرْخَـــان އޭނާގެ ޤާއިމްމަޤާމަކަށް ހަމަޖެއްސެވީ އެހެންވެގެންކަމުގައި ވެދާނެއެވެ.

اُرْخَـــان އޭނާގެ ބޭބޭފުޅުދެކެ ވަރަށްބޮޑަށް ލޯބިފުޅުވެއެވެ. އެހެންކަމުން ރަސްކަން ދެބައިކޮށްލައްވަން اُرْخَـــان ހުށަހެޅުއްވިއެވެ. ނަމަވެސް عـلاءالــدّيـــن އެކަން ޤަބޫލުފުޅެއް ނުކުރެއްވިއެވެ. ޚާއްޞަކޮށް ބައްޕާފުޅުގެ ވަޞިއްޔަތަށް ރިޢާޔަތް ކުރައްވައިފައެވެ. ކޮއްކޯފުޅު ނިހާޔަތަށް ބާރުއަޅުއްވައި އެދިވަޑައިގެންނެވުމުން ވަޒީރުކަން ޤަބޫލުކުރެއްވިއެވެ. އޭނާއަކީ ޢުޘްމާނީ ދައުލަތުގެ އެންމެފުރަތަމަ ވަޒީރެވެ. ވަޒީރުލްއަޢުޡަމެވެ. ރަސްމީގޮތުން ލަޤަބު ލިބިވަޑައިގެންނެވި އެންމެފުރަތަމަ ޕާޝާއެވެ. عـلاءالــدّيـــن އެންމެ އިސްކަމަކަށް ހެއްދެވީ ދައުލަތުގެ ޤާނޫނުތައް އެކަށައެޅުއްވުމާއި ތަރުތީބު ކުރެއްވުމެވެ. އޭނާ ދައުލަތުގެ ހުރިހައިކަމެއް ވަރަށްމޮޅަށް އިންތިޒާމު ކުރެއްވިއެވެ. ވަރުގަދަ ބިންގަލެއްގެ މަތީގައި ދައުލަތް އާރާސްތުކުރެއްވިއެވެ. އެހެންކަމުން ނުހަނު ޙައްޤުގޮތުގައި އޭނާއަކީ ޢުޘްމާނީ ދައުލަތުގެ މޭސްތިރިޔާއޭ ދެންނެވިދާނެއެވެ.

އައު ލަޝްކަރު

އިސްވެދެންނެވި ޙަޤީޤަތްތައް އެހެން ހުރުމާއެކުވެސް މުއައްރިޚަކު ބަޔާންކުރައްވާ ފަދައިން عـلاءالــدّيـــن ގެ އެންމެ ވަރުގަދަ މަސައްކަތްޕުޅަކީ އެމަނިކުފާނު ގެންނެވި ޢަސްކަރީ އިޞްލާޙުތަކޭ ދެންނެވިދާނެއެވެ. އެ އިޞްލާޙުތަކުގެ ސަބަބުން ޢުޘްމާނީ ދައުލަތުގެ ބާރު ގަދަވިއެވެ. ތިންސަތޭކަ އަހަރުވަންދެން އެދައުލަތުން ހޯދި ފުތޫޙާތުގެ ޖާމިނަކީ އެއީއެވެ.

އުރުޠުޣުރަލްގެ ދުވަސްވަރުވެސް عـثمــان غــازى ގެ ދުވަސްވަރުވެސް ޢުޘްމާނީ ދައުލަތުގައި ރަސްމީގޮތުން ލަޝްކަރެއް ނޯވެއެވެ. އޮންނަގޮތަކީ ހަނގުރާމައެއްކުރާން ގަސްދުވުމުން ހަނގުރާމައިގައި ބައިވެރިވާ މީހުން އެވެނި ދުވަހަކު މިވެނި ތަނަކަށް އެއްވާން އިޢުލާންކުރުމެވެ. އެގޮތުން އެ ރިޟާކާރު އަސްވާރުންނާއި ފައިމަތީ ހަނގުރާމަކުރާ މީހުން އެދުވަހަކަށް އެތަނަކަށް އެއްވެއެވެ. ހަނގުރާމަ ނިމުމުން އެނބުރި ހިނގައިދެއެވެ. عـلاءالــدّيـــن އެންމެފުރަތަމަ ތައްޔާރުކުރެއްވީ ފައިމަތީ ހަނގުރާމަކުރާ މީހުންގެ ލަޝްކަރުތަކެކެވެ. އެލަޝްކަރުތަކުގެ ނަމަކީ "ޕިޔާދޭ" އެވެ. އެބައިމީހުންނަށް ސަރުކާރުން މުސާރަ ދެއްވައެވެ. މުސާރަތައް ވަރަށް ބޮޑެވެ. އެލަޝްކަރުތައްވަނީ ދިހަޔަކުން ދިހަޔަކުން ސަތޭކަސަތޭކައިން ހާސްހާހުން ބައިކުރައްވައިފައެވެ. ނަމަވެސް އެލަޝްކަރު އުފެއްދެވިތާ މާކަގިނަ ދުވަސްތަކެއް ނުވަނީސް، އެލަޝްކަރުގައި އެބައިމީހުންގެ ބާރުގަދަކަމުގެ އަސްލެއްނެތް އިޙްސާސު އުފެދޭން ފަށައިފިއެވެ. އެބައިމީހުންގެ ނުކިއްސަރުކަމަކީ ޚުދު اُرْخَـــان ވެސް ކަންބޮޑުފުޅުވާ ސަބަބަކަށް ވެއްޖެއެވެ.

اُرْخَـــان އެކަމާބެހޭގޮތުން عـلاءالــدّيـــن އާއި قــــراخـليــل އާ ދެބޭފުޅުންނާ މަޝްވަރާ ކުރެއްވިއެވެ. (قــــراخـليــل އަކީ ޝާހީ ޢާއިލާގެ ބޭފުޅަކާ ކާވެނިބައްލަވައިގެން ހުންނެވި ބޭފުޅެކެވެ. عـلاءالــدّيـــن އަށްފަހު ރަސްކަމުގެ ވަޒީރަކަށް ވެވަޑައިގެންނެވީ އޭނާއެވެ. خـيـــرالـدّيـــن يــاشـــا ގެ ނަންފުޅުން މަޝްހޫރުވެވަޑައިގެންފައިވަނީ އޭނާއެވެ.) އޭނާ ދެއްވި މަޝްވަރާތަކުން "ޕިޔާދޭ" އިން ހަމަބިމަށް ފައިބައި ލަޝްކަރުގެ ކަންތައް އޮމާންކޮށް ހަމަޖެހިއްޖެއެވެ. ކުރިޔަށްއޮތް ތިންސަތޭކަ އަހަރަށްވެސް ޢުޘްމާނީ ފުތޫޙާތު ބާރަށް ދެމެމުންދާ ސައިލެއް ފަދައިން ފަތުއަޑުކިޔައިފައި ކުރިޔަށްދާގޮތް ވެއްޖެއެވެ.

އެހުށަހެޅުއްވުމަކީ ޢީސާއީ ކުދީންގެ ތެރެއިން ހެދޭ ނޫކަށިފުރައިގެ ގަދަފަދަ ޒުވާން ކުދީންތަކެއް ހޮއްވަވައިލެއްވުމެވެ. ވިސްނުންތެރި، ކެރޭ ކުދީންނެވެ. އެކުދީން ގެންދެވެނީ އިސްލާމްދީނާމެދު ޝައުޤުވެރިވާފަދަ މާޙޫލަކަށެވެ. އެކުދީން އިސްލާމްވުމުން އެކުދީންނަށް ގަވާއިދުން ޢަސްކަރީ ތަރުބިޔަތު ދިނުމެވެ. އެއަށްފަހު އެކުދީންނަކީ މުސްތަޤިއްލު ލަޝްކަރަކަށް ހެއްދެވުމެވެ. اُرْخَـــان އެހުށަހެޅުއްވުމާ ހިތްޕުޅާ ހަމަކުރެއްވިއެވެ. اُرْخَـــان އެންމެފުރަތަމަ އަހަރުވެސް ޢީސާއީ އެއްހާސް ކުދީން ހޮއްވެވިއެވެ. ދެވަނަ އަހަރުވެސް މިގޮތަށް އެއްހާސް ކުދީން ހޮއްވެވިއެވެ. މި ސިލްސިލާ ތިންސަތޭކައަހަރު ވަންދެން އެގޮތަށް ކުރިޔަށް ދިޔައެވެ. އެއަހަރަކު ހޮއްވަވަން ބޭނުންފުޅުވާ އެއްހާސް ކުދީން ހަމަނުކުރެއްވިއްޖެ ކަމުގައިވާނަމަ ހަނގުރާމައިގައި ހައްޔަރުވާ ޢީސާއީ ކުދީންގެ ތެރެއިން ކުދީން ހޮއްވަވައި އެ ޢަދަދު ހަމަކުރައްވަނީއެވެ. އެ ލަޝްކަރުގެ ނަމަކީ "ޔަންގްޗަރީ ފައުޖެވެ." އާދެ، އައުލަޝްކަރެވެ. اُرْخَـــان އެ ލަޝްކަރަށް ވަރުގަދަޔަށް ތަމްރީނު ދެއްވިއެވެ. ފުރިހަމަޔަށް ހަމަހިފެހެއްޓުމާއި ނިޒާމަށް ތަބާވާން އާދަކުރުއްވިއެވެ. ތަމްރީނުކުރެއްވީ ސީދާ اُرْخَـــان ގެ ބެއްލެވުމުގެ ދަށުންނެވެ. އެ ލަޝްކަރު ތައްޔާރުކުރެއްވުމަށްފަހު އެ ލަޝްކަރުގެ އެންމެފުރަތަމަ ގެމަ ގެންދެވީ ޙާޖީ ބިކްޠާޝްގެ އަރިހަށެވެ. އޭނާއަކީ އޭނާގެ ޒާހިދުކަމާއި ތަޤްވާވެރިކަމުގެ ސަބަބުން މުޅި ތުރުކިއޭގައި މަޝްހޫރު ބޭކަލެކެވެ. اُرْخَـــان ޙާޖީ ބިކްޠާޝްގެ އަރިހުން އެދިވަޑައިގެންނެވީ އެ ލަޝްކަރުގެ ޙައްޤުގައި ދުޢާކޮށްދެއްވުމަށެވެ. ޙާޖީ ބިކްޠާޝް އެ ލަޝްކަރަށް ފަތަޙައާއި ނަޞްރު ދެއްވުން އެދިވަޑައިގެން ދުޢާކުރެއްވިއެވެ. ޔަންގްޗަރީ ނުވަތަ ޔެނިޗަރީ ފައުޖުގެ ނަން ދެއްވީ އޭނާއެވެ. ޢުޘްމާނީ ރަސްކަން ކުރިއަރައިގެންދިޔަ އެންމެފުރަތަމަ ތިންސަތޭކަ އަހަރުގެ ތެރޭގައި ހޯދުނު ގިނަ ފުތޫޙާތުތަކަކީ އެ ލަޝްކަރުގެ ފުރިހަމަ މަސައްކަތުގެ ނަތީޖާއެވެ.

(ނުނިމޭ)