ގަތަރުގައި މިއަހަރު ބާއްވާ ވޯލްޑްކަޕް ފަށާނީ ނޮވެމްބަރު އެކާވީހުގައެވެ. ނިންމައިލާނީ ޑިސެމްބަރު އަށާރައިގައެވެ. މި މުބާރާތުގައި ވާދަކުރާ ބައްތިރީސް ޓީމު ގާއިމުވެގެން ތިބޭނޭ ހޮޓާހޮޓަލާއި ތަމްރީނުތައް ކުރިއަށް ގެންދާނޭ ދަނޑުތައް ހުސްވި ހަފުތާތެރޭގައި ފީފާއިން ވަނީ އިއުލާންކޮށްފައެވެ. މީގެ ކުރިން ބޭއްވިފައިވާ ވޯލްޑްކަޕްތަކާ ޚިލާފަށް މިފަހަރު މުބާރާތް ފެށުނީއްސުރެ ނިމެންދެން ކޮންމެ ޓީމެއްވެސް ދެމިތިބޭނީ އެބަޔަކަށް ޚާއްސަ ކުރެވިފައިވާ އެއް ހޮޓަލެއްގައެވެ. އަދި ތަމްރީނުތައް ކުރިއަށް ގެންދާނީވެސް އެބަޔަކަށް ޚާއްސަ ކުރެވިފައިވާ އެއްތަނެއްގައެވެ. އެއްތަނުން އަނެއް ތަނަށް ބަދަލުވުމެއް ދަތުރުކުރުމެއް ނޯންނާނެއެވެ. ބައްތިރީސް ޓީމުގެ ތެރެއިން ސައުވީސް ޓީމަށް ކަނޑައެޅިފައިވާ ހޮޓާތައް ހުރީ އެއްތަން އަނެއްތަނާ ނުހަނު ކައިރިކައިރިން ހަމޭލުގެ ރޭޑިއަސްއެއްގެ ތެރޭގައެވެ.
ޓީމުތަކުގެ އެކޮމޮޑޭޝަން ހަމަޖެހިފައިވަނީ ފަސްތަރީގެ ހޮޓާތަކާއި ހަތަރުތަރީގެ ހޮޓާތަކުގައެވެ. ވިލާތަކާއި ރިސޯޓުތަކުގައެވެ. ކުޅިވަރު އެކަޑެމީތަކާއި ޔުނިވަރސިޓީ ކޮލެޖުތަކުގައެވެ. އައު ދަނޑުތަކާއި އިމާރާތްތައް ހަދާފައިވަނީ ވޯލްޑްކަޕް ނިމުމަށްފަހުވެސް ގަތަރުގެ ކުލަބްތަކާއި އާއްމުންނާއި ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ދެމެހެއްޓެނިވި ގޮތަކަށް ބޭނުންކުރެވޭނޭ އުސޫލުގެ މަތިންނެވެ. އައު ހޮޓާތައް އިމާރާތް ކުރެވިފައިވަނީ ގަތަރުގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް އެހީތެރިވުން ހިމެނޭގޮތަށެވެ. ވޯލްޑްކަޕަށްފަހު ތަންތަން ބޭނުންކުރާނޭ ގޮތުގެ ޕްލޭނެއް އޮވެގެންނެވެ. ވޯލްޑްކަޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖުމްލަ 8 ސްޓޭޑިއަމެއްގައެވެ. ވޯލްޑްކަޕް ނިމުމުން އެތަންތަނާމެދު އަމަލުކުރާނޭ ގޮތުގެ ޕްލޭނެއްވެސް އެބައޮތެވެ.
ވޯލްޑްކަޕްގެ މުޅި ތާރީޚުގައިވެސް ގަތަރަކީ މި މުބާރާތް ބޭއްވޭ އެންމެ ކުޑަކުޑަ ގައުމެވެ. ކުޑަ ގައުމަކަށްވީމާ ފައިދާތަކެއްވެސް އެބަހުއްޓެވެ. އެއްފައިދާޔަކީ ދަތުރުފަތުރުގެ ބޮޑު ބުރައިން ސަލާމަތްވުމެވެ. ކުޅުންތެރިންނާއި އޮފިޝަލުންނާއި އަދި ސަޕޯޓަރުންނަށްވެސް އެއް ހިސާބެއްގައި އުޅުމުގެ ފުރުސަތު ލިބުމެވެ. ފީފާއިން ގަބޫލުކުރާ ގޮތުގައި އެންމެން އެއްސަރަހައްދެއްގައި ތިބުމަކީ ވޯލްޑްކަޕުގެ އުފާ އެންމެންވެސް އެއްވަރަކަށް ހިއްސާކުރުމަށް މަގުފަހިވެގެންދާނޭ ކަމެކެވެ. އިންތިޒާމުތަކުގެ އޮމާންކަން ކަށަވަރުކުރުމަށް ފަސޭހަވާނޭ ކަމެކެވެ. މިހެންގޮސް އަދިވެސް ކިތަންމެ ކަމެކެވެ. ފީފާއިން މިހެން ބުންޏަސް ގަތަރުގައި ވޯލްޑްކަޕް ބޭއްވުމަކީ ގޯހެއްކަމަށް ބުނާ މީހުން މަދެއް ނޫނެވެ. ގިނަބައެއްގެ ކަންބޮޑުވުމަކީ ގަތަރުގެ މޫސުމެވެ. ގަދަ ހޫނެވެ. ފަރުދީ މިނިވަންކަން ނެތުމެވެ.
މުބާރާތުގައި ވާދަކުރާ ބައްތިރީސް ޓީމުގެ ތެރެއިން އާޖެންޓީނާގެ ޓީމަށް ޚާއްސަ ކުރެވިފައިވަނީ ގަތަރު ޔުނިވަރސިޓީއެވެ. މިތަން ވަނީ މިފަދަ ކަމަކަށް އަޕްގްރޭޑް ކުރެވިފައެވެ. ފަސްތަރީގެ އެކޮމޮޑޭޝަން ވަނީ ގާއިމްކުރެވިފައެވެ. އެހެންވީމާ ހޮޓަލެއް ނުވަތަ ރިސޯޓެއްގައި ތިބުމަށްވުރެ މިތަނުގައި ތިބެން ފަސޭހަވާނެއެވެ. އަދި ވަސީލަތްތައްވެސް މާގިނަވާނެއެވެ. މި ޔުނިވަރސިޓީ ހުންނަނީ ވެރިރަށް ދޯހާގެ އުތުރުބިތުގައެވެ. އޮސްޓްރޭލިޔާގެ ޓީމު ގާއިމުވެގެން ތިބުމަށް ހަމަޖެހިފައިވަނީ އެސްޕަޔަރ އެކަޑެމީއޭ ކިޔުނު ތަނެއްގައެވެ. މިއީ 2004 ވަނަ އަހަރު ދޯހާގައި ގާއިމް ކުރެވިފައިވާ އެކަޑެމީއެކެވެ. އެކި ކުޅިވަރުތަކަށް ގަތަރުގެ ޒުވާނުން ތަމްރީނު ކުރުމަށާއި ހުނަރުވެރި އެތުލީޓުންނަށް ސެކަންޑަރީ ތައުލީމު ފޯރުކޮށްދިނުމަށް ފަރުމާ ކުރެވިފައިވާ ވަރަށް ފެންވަރުގެ ތަނެކެވެ.
ސްޕޭނުގެ ޓީމުވެސް ގާއިމުވެގެން ތިބޭނީ އާޖެންޓީނާ ފަދައިން ގަތަރުގެ ޔުނިވަރސިޓީގައެވެ. އެފްރިކާ ތަމްސީލުކުރާ އެންމެ ބޮޑު ބާރުކަމަށްވާ ސެނެގޯލްގެ ޓީމަށް ޚާއްސަ ކުރެވިފައިވަނީ ދުހައިލް ހޭންޑްބޯލް ސްޕޯޓްސް ހޯލެވެ. ސްޕޯޓްސް ހޯލެކޭ ކިޔަސް އެއީ ކުނާ އަޅައިގެން ތިބޭން އޮތް ހޯލެއް ނޫނެވެ. ފަސްތަރީގެ އެކޮމޮޑޭޝަން ގާއިމް ކުރެވިފައިވާ ވަރަށް ފެންވަރުގެ ތަނެކެވެ. މިތަނުގައި ކުޅުންތެރިންގެ ތަމްރީނަށް ދެ މާލަމާއި 60 ކުޅުންތެރިންނަށް ތިބެވޭ ގޮތަށް އެންމެ ޒަމާނީ ކޮޓަރިތައް ގާއިމް ކުރެވިފައިވެއެވެ. އެއްގޮތަކުން ބަލާއިރު ރިސޯޓް އެކޮމޮޑޭޝަނަށްވުރެވެސް ފުރިހަމަކަން ބޮޑުވެފައި މޮޅެވެ. އެމެރިކާގެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޚާއްސަ ކުރެވިފައިވަނީ ވެރިރަށް ދޯހާގެ މަރްސާ މަލާޒް ކެމްޕިންސްކީއޭ ކިޔުނު ފަސްތަރީގެ ރިސޯޓެކެވެ.
ބްރެޒިލްއަށް ޚާއްސަކުރެވިފައިވަނީ ދޯހާގެ ވެސްޓިން ހޮޓަލެވެ. ކެމެރޫނަށް ބެނިޔަން ޓްރީއެވެ. ކްރޮއޭޝިޔާއަށް ދޯހާ ހިލްޓަނެވެ. ޖަޕާނަށް ރެޑިސަން ބްލޫއެވެ. ދެކުނު ކޮރެޔާއަށް ލި މެރީޑިއަން ސިޓީ ސެންޓަރެވެ. ސުވިޒަރލެންޑަށް ލި ރޯޔަލް މެރީޑިއަންއެވެ. ގާނާއަށް ހިލްޓަން ޑަބަލް ޓްރީއެވެ. އީރާނަށް އައްރައްޔާން ހިލްޓަނެވެ. ފްރާންސަށް އަލްމައްސިލާ ރިސޯޓެވެ. ސައޫދީ އަރަބިޔާއަށް ސީލައިން ބީޗް ރިސޯޓެވެ. ކޮސްޓަރީކާއަށް ޑުސިޓް ސަލްވާ ރިސޯޓެވެ. ޑެންމާކަށް ރިތާޖު ސަލްވާ ރިސޯޓެވެ. އިކުއެޑޯރަށް ދޯހާގެ ހަޔަޓް ރިޖެންސީއެވެ. ބެލްޖިއަމަށް ހިލްޓަން ސަލްވާ ބީޗް ރިސޯޓެވެ. ޖާރމަނީއަށް ޒުލާލް ވެލްނެސް ރިސޯޓެވެ. އިންގްލެންޑަށް ސައުގް އަލްވަކްރާ ހޮޓަލެވެ. ޕޮލެންޑަށް ވިޒްދާން ޕެލަސް ހޮޓަލެވެ. ޓިއުނީޝިޔާއަށް ވިންދާމް ގްރޭންޑް ދޯހާ ހޮޓަލެވެ.